ޚަބަރު

ދުވާލަކު 800 ޓަނުގެ މަސް މިފްކޯއަށް؛ މަސް ކިރުވަން އިތުރު ބޯޓުތައް


މިދުވަސްވަރު މަސްވެރިކަން ރަނގަޅުވެފައިވާތީ، މަސްކިރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.

މިފްކޯއިން މިކަން ހާމަކޮށްފައި މިވަނީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ، މިފްކޯއަށް ދުވާލަަކު 800 އަށްވުރެ ގިނަ ޓަނުގެ މަސް ކިރުވަމުންދާ ދަނޑިވަޅެއްގައެވެ.

ރާއްޖެއަށް މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު، މަސް ކިރުވުމުގައި ދަތިތަކާއި ދިމާވުމަކީ މަސްވެރިން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. މިކަން ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ ވިދާޅުވީ މިދުވަސްވަރު މަސްވެރިކަން ރަނގަޅުވެ، އެވްރެޖްކޮށް 800 ޓަނުގެ މަސް ކިރާކަމަށެވެ.

ފައުޒީ ވިދާޅުވީ، ގިނައިން މަސް ބާނާ ދުވަސްވަރު މަސްކިރުމުގައި ދަތިތަކެއް ހުންނަކަމަށެވެ. ސަބަބަކީ މިފްކޯއިން މަސްކިރުވޭ ކެޕޭސިޓީއަކީ ދުވާލަކު 600 ޓަނުކަމަށްވުމެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް މަސްކިރޭނެ އިތުރު ބޯޓުތައް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް ފައުޒީ ވިދާޅުވިއެވެ.

" ބޯޓުފަހަރު ގެންނަން އެބަ މަސައްކަތްކުރަން. އެންމެ ފުރަތަމަ މިގެންނަނީ 120 ޓަނުގެ ބޯޓެއްް. ދެކުނަށް އަޅުގަނޑުމެން މިގެންނަނީ. އެބޯޓުގެ ގާތްގަނޑަކަށް ހުރިހާކަމެއް ނިމި ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް." ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ، މި ބޯޓުގައި ޤާއިމްކުރަންޖެހޭ އާޅަތްތައް ޤާއިމްކުރުމަށްފަހު، އަންނަ މަހުގެ ފަހުކޮޅު މިބޯޓު ބޭނުން ކުރަން ފެށޭނެކަމަށެވެ. އަދި އިތުރު 3 ބޯޓު ގެނައުމަށް ހަމަޖެހިފައިވާކަމަށްވެސް ފައުޒީ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ މިހާރު ކުރިއަށް ދަނީ މިބޯޓުތަކުގެ ރެޖިސްޓްރޭޝަންގެ މަސައްކަތްކަމަށެވެ.

ފައުޒީ ވިދާޅުވީ މަސްވެރިކަން ރަނގަޅުވެ، ގިނަ އަދަދަކަށް މަސްކިރަން ފަށާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުކަމަށެވެ. އެގޮތުން އެދުވަހު 850 ޓަނުގެ މަސްކިރުވާފައިވާކަމަށް ފައުޒީ ފާހަގަކުރެއްވިއެވެ. އަދި މިދުވަސްވަރު ދޯންޏަކުން ގާތްގަނޑަކަށް 55 ޓަނުގެ މަސް ބާނާކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މިދުވަސްވަރު މަސްވެރިކަން އެންމެ ރަނގަޅީ ދެކުނު ސަރަހައްދުގައިކަމަށެވެ. އެގޮތުން، ފަރެސްމާތޮޑާއާއި ފޮޔޯރީގެ އިތުރުން، ތިނަދޫ ސަރަހައްދުގައި މަސްވެރިކަން ރަނގަޅުކަމަށް ފައުޒީ ފާހަގަކުރެއްވިއެވެ.

މަސްވެރިކަން ރަނގަލުވާ ދުވަސްވަރު މަސް ނުކުރޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދާދިނުމަށް ސަރުކާރުން ވަނީ މިފްކޯގެ މަސްގަންނަ ސެންޓަރުތައް އަޕްގްރޭޑުކުރުމަށްވެސް ބޮޑެތި މަޝްރޫޢުތަކެއް ވަނީ ފަށާފައެވެ. އެގޮތުން ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމްކުރާނެއެވެ. އަދި ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، މި ކަންކަމާ ގުޅޭ އެހެނިހެން ވަޞީލަތްތައްވެސް ޤާއިމުކުރާނެއެވެ.

މި މަޝްރޫޢުގެ ދަށުން ގއ.ގެމަނަފުށީގައިވެސް 50 ޓަނުގެ އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ޤާއިމުކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީން މީގެކުރިން ވިދާޅުވެެފައިވެއެވެ. މި މަޝްރޫޢުގެ ސަބަބުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށްވުރެ %48 އިތުރުވެގެން ދާނެއެވެ. އަދި ފްރީޒިންގ ކެޕޭސިޓީ %37 އިތުރުވެގެންދާނެއެވެ.