ޚަބަރު

ރިތިކް ހޮލީވުޑް ޑައިރެކްޓަރެއް ހޯދަނީ


ނިތޭޝް ތިވާރީގެ ފިލްމު "ރާމަޔާން" އިން ވަކިވުމަށްފަހު ރިތިކް ރޯޝަން މިހާރު ތައްޔާރުވަމުން އަންނަނީ ސުޕަރހީރޯ ފިލްމު "ކްރިޝް" ގެ 4 ވަނަ ބަޔަށެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ރިތިކާއި އޭނާގެ ބައްޕަ އަދި ޑައިރެކްޓަރު ރާކޭޝް ރޯޝަން ފިލްމުގެ ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓް ވެސް ނިންމާފައިވާ މި ފިލްމަށް ރިތިކް ހޯދަމުން އަންނަނީ ހޮލީވުޑް ޑައިރެކްޓަރެކެވެ. އަދި ރިތިކް މިހާރު ފަށާފައި އޮތް ސިދާތް އާނަންދްގެ "ފައިޓާ" ގެ މަސައްކަތް ނިމުމާއެކު މީގެ މަސައްކަތް ފަށާނެއެވެ.

ކުރިން އަޑު އަރާފައިވާ ގޮތުން މި ފިލްމު ޑައިރެކްޓު ކުރާނީ ރިތިކްގެ "ގާބިލް" ގެ ޑައިރެކްޓަރު ސަންޖޭ ގުޕްތާ އެވެ. ނަމަވެސް އެ ވާހަކަ ރާކޭޝް ވަނީ ދޮގުކޮށްފައެވެ. "ކްރިޝް" ގެ ކުރީގެ ހުރިހާ ބައިތަކެއް ވެސް ޑައިރެކްޓްކުރީ ރާކޭޝްއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއަތަކުން ރިޕޯޓުކުރާ ގޮތުގައި ރިތިކް ހުރީ "ކްރިޝް 4" ވަރަށް ކުޅޭ ހިތުންނެވެ. އަދި ހޮލީވުޑް ޑައިރެކްޓަރުންގެ ލިސްޓެއް ބޭނުންވާ ކަމަށްވެސް ރިތިކް ވަނީ އޭނާގެ ޓީމަށް އަންގާފައެވެ. މީގެ އިތުރުން ޑައިރެކްޓަރާއި ބައްދަލުކުރަން ރިތިކް ލޮސް އެންޖަލިސްއަށް ދާނެ ކަމަށް ބެލެވޭ ކަމަށްވެސް މިޑިއާތަކުން ރިޕޯޓުކުރެއެވެ.

"ކްރިޝް" ފްރެންޗައިޒަކީ ރިތިކާ އެކީ ރާކޭޝް 2003 ވަނަ އަހަރު ގެނެސްދިން "ކޮއި މިލް ގަޔާ" އިން ފެށިގެން ގެނެސްދޭ އެއްޗެކެވެ. އެގޮތުން 2006 ވަނަ އަހަރު "ކްރިޝް" ގެނެސް ދިނުމަށް ފަހު "ކްރިޝް 3" ރިލީޒްކުރީ 2013 ވަނަ އަހަރުއެވެ.