ޚަބަރު

"ޓޯއި ސްޓޯރީ" އާއި "ފްރޯޒަން" ގެ ސީކުއަލް އެއް


ކުންފުންޏަށް ލިބުނު ގެއްލުމާއި، މުވައްޒަފުން މަދުކުރުމާއި އަދިވެސް އެހެނިހެން އުދަނގޫ ނިންމުން ތަކަކަށްފަހު ބެލުންތެރިން އުފާވާ ޚަބަރެއް މާސް މީޑިއާ އެންޑް އެންޓަޓެއިންމަންޓް ކުންފުނި، ޑިޒްނީ އިން މިވަނީ އިއުލާނުކޮށްފައެވެ.

ޑިޒްނީގެ ވަރަށް ކާމިޔާބު ދެ ފްރެންޗައިޒް ކަމަށްވާ 'ޓޯއީ ސްޓޯރީ" އާއި "ފްރޯޒަން"ގެ އައު ސީކުއަލް އެއް އުފެއްދުމަށް މަސައްކަތްކުރާ ވާހަކަ ކުންފުނީގެ އަހަރީ ހިސާބުތައް އިޢުލާނު ކުރަން ބޭއްވި ބައްދަލުވުމުގައި ސީއީއޯ ބޮބް އައިގާ ވަނީ އިޢުލާނުކޮށްފައެވެ. މި ދެ ކާޓޫނުގެ އިތުރުން އެނިމޭޓެޑް ކޮމެޑީ ފިލްމު "ޒޫޓޯޕިއާ" ގެ ސީކުއަލްއެއް އުފައްދާނެ ކަންވެސް ބޮބް ވަނީ އިޢުލާނުކޮށްފައެވެ.

"ޓޯއި ސްޓޯރީ" ފްރެންޗައިޒްގައި ހިމެނެނީ 4 ތިއޭޓަރ ޗެޕްޓަރާއި، އެއް ސްޕިން އޮފް: ފިލްމެވެ. އެއީ މިދިޔަ އަހަރު ދެއްކި "ލައިޓްއިޔަރ" އެވެ. ފަހުގެ ފިލްމުން ދަށް ޕާރފޯމަންސެއް ދެއްކި ނަމަވެސް، "ޓޯއި ސްޓޯރީ 3" އަދި “ޓޯއި ސްޓޯރީ 4" އަށް ވެސް ބޮކްސް އޮފީހުގައި އެއް ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނެވެ.

އަނެއްކޮޅުން 2013 ވަނަ އަހަރު ދެއްކި ފުރަތަމަ "ފްރޯޒެން" ފިލްމަކީ ބޮޑު ހިޓެކެވެ. އޭގެފަހުން 2019 ވަނަ އަހަރު ދެއްކި ސީކުއެލް "ފްރޯޒެން އައި" އަށް ބޮކްސް އޮފީހުގައި 1.4 ބިލިއަން އެމރިކާ ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނެވެ.

އޮސްކާ އެވޯޑު ލިބިފައިވާ "ފްރޯޒެން"ގެ ފުރަތަމަ ފިލްމަށް އޮސްކާ އެވޯޑް ޙަފްލާގައި ބެސްޓް އެނިމޭޓެޑް ފީޗަރގެ އެވޯޑާއި، ފިލްމްގެ ލަވަ ކަމުގައިވާ 'ލެޓް އިޓް ގޯ' އަށް ބެސްޓް އޮރިޖިނަލް ސޯންގްގެ އެވޯޑް ވަނީ ލިބިފައެވެ. މީގެ އިތުރުން 2018 ވަނަ އަހަރު އެ ފިލްމް ވަނީ ބްރޯޑްވޭގައި ލައިވް މިއުޒިކަލް އެއްގެ ގޮތުގައި ވެސް ލޯންޗްކޮށްފައެވެ.