ޚަބަރު

އައު އޮފީސް ޢިމާރާތް، ޖާގަ ތަނަވަސްވެފައި ފުރިހަމަ


ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ސަރުކާރުގެ އޮފީސް އިމާރާތް ރާއިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ހުޅުވައިދެއްވައިިފިއެވެ.

ހުޅުމާލޭގައި ސަރުކާރުން އެޅި މި އޮފީސް އިމާރާތަށް ނަންދީފައިވަނީ ޤައުމީ ޚިދުމަތުގައި 50 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އަލްމަރްޙޫމް ނ.އ.އ.ވ ޢުމަރު ޒާހިރުގެ ނަންފުޅުންނެވެ.

ހުޅުމާލޭގައި ސަރުކާރުގެ އޮފީސް ޢިމާރާތެއް ތަރައްގީކުރުމަށް މި ސަރުކާރުން ނިންމެވީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގުމަށްޓަކައި، ބޮޑު ހޭދައެއްކޮށްގެން އަމިއްލަ މީހުންގެ ޢިމަރާތްތައް ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން ހިންގަންޖެހޭތީ، އެކަމަށް ހައްލެއް ގެނައުމަށްޓަކައެވެ. 6 ފަންގިފިލާއަށް ޢިމާރާތްކޮށްފައިވާ މި އޮފީސް ޢިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ހުނާން އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑުންނެވެ. މި އޮފީސް އިމާރާތް އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކުރީ 2020 ވަނަ އަހަރުގައެވެ. ނަމަވެސް ކޯވިޑްއާ ގުޅިގެން މަސައްކަތް ނުނިމި ލަސްވެގެންގޮސް އިމާރާތުގެ މަސައްކަތް ނިންމާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އަދި އެ އިމާރާތަށް އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް ފެށިއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ތަރައްޤީކޮށްފައިވާ މި އޮފީސް ޢިމާރާތުގެ ގްރައުންޑް ފްލޯރ އަދި ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ޕާކިންގއަށް ބޭނުންކުރުމަށެވެ. އިމާރާތައް ބަދަލުކުރާ އޮފީސްތައް ހިންގާނީ 2 ވަނަ ފަންގިފިލާއިން ފެށިގެން 5 ވަނަ ފަންގިފިލާއާއި ހަމައަށެވެ. އަދި އިމާރާތުގެ އެންމެ މަތި 6 ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ މީޓިން ރޫމްތަކާއި، ސެމިނާ ރޫމެއްގެ އިތުރުން ޓެރަހަށެވެ.

އައު އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗަރ މުޙައްމަދު އަޞްލަމް ވިދާޅުވީ އެ އޮފީސް އިމާރާތް ހުރި ބިމަކީ އަލްމަރްޙޫމް ނ.އ.އ.ވ ޢުމަރު ޒާހިރު އިސްވެ ހުންނަވައިގެން ހިއްކި ބިމުގައި ޤާއިމްކުރި ޢިމާރާތެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި އިމާރާތުގައި ކާރު ޕާކުކުރެވެނެ ސަރަޙައްދަކާއި، 140 ސައިކަލު ޕާކްކުރެވޭނެ ޖާގަ ތަރައްޤީކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިތަނުގައި ސެމިނާ ރޫމްގައި ބައިބައޔަށް ބަހާލައިގެންވެސް ބޭނުންކުރެވޭނެ. ކޭޓރަިންގެ ޚިދުމަތް ދިނުމަށްވެސް ޖާގަ އޮންނާނެ. ސަރުކާރުގެ އެހެން އޮފީސްތަކުގެ އިވެންޓްތައްވެސް ބޭއްވުމަށް ފުރުޞަތު ލިބިގެންދާނެ. " މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރ ސްޓްރަކްޗަރ މުޙައްމަދު އަޞްލަމް ވިދާޅުވިއެވެ.

މި އޮފީސް ޢިމާރާތުގައި 7 ލިފްޓާއެކު ޒަމާނީ ވަޞީލަތްތައް ވަނީ ޤާއިމްކޮށްފައެވެ. އަދި ޢިމާރާތުގެ ލޮބީގައި ވަނީ ކޮންމެ ވުޒާރާއަކަށް ޚާއްސަކޮށްގެން ރިސެޕްޝަންތައް ހަދާފައެވެ. އަދި މި ޢިމާރާތުން އަންނަ ހަފްތާއިން ފެށިގެން ޚިދުމަތް ދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އައު އޮފީސް އިމާރާތް ބެހިފައިވާގޮތް


* ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ - ޕާކިންގ އޭރިއާ
* 2 ވަނަ ފަންގިފިލާ - މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
* 3 ވަނަ ފަންގިފިލާ – މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
* 4 ވަނަ ފަންގިފިލާ – އެމެރިކަން އެމްބަސީ
* 5 ވަނަ ފަންގިފިލާ – މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން
*6 ވަނަ ފަންގިފިލާ – ކުދި މީޓިންގ ރޫމްތަކާއި ސެމިނާ ރޫމްއެއް އަދި ޓެރަސްއެއް

މި އޮފީސް އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓުގެ ޖާގަ ހުންނާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. މިއީ ސަރުކާރުން 185 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ ތަނެކެވެ.

މި އިމާރާތުގެ ނަން ޚާއްސަކޮށްފައިވާ އަލްމަރުޙޫމް އުމަރު ޒާހިރަކީ ޤައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީގޮތުން ހިންގެވުމާއި، އެމަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެއްލެވުމާއި، އިޖުތިމާޢީ އަދި ޤައުމީ އެންމެހައި ކަންކަމުގައި ޙަރަކާތްތެރިވެ ވަޑައިގަތުމުގެ ލާމަސީލު ނަމޫނާ ޝަޚްޞިއްޔަތެކެވެ. އެމަނިކުފާނަކީ ރާއްޖޭގެ މިޒަމާނުގެ ޢުމްރާނީ ތަރައްޤީގެ އެއް ތަނބެވެ. ޢުމަރު ޒާހިރު ފާހަގަވެފައިވަނީ މާލޭ ސަރަޙައްދަށް ޒަމާނީ ތަރައްޤީއާއި ކުރިއެރުން ގެނައުމުގައިވެސް އިސް ދައުރެއް އަދާކުރެއްވި ހިންގުންތެރި ބޭފުޅެއްގެ ގޮތުގައެވެ.

އެގޮތުން މާލޭގެ ތަރައްޤީގެ ބޮޑެތި ހުރިހާ މަސައްކަތްތަކެއްގައިހެން އެމަނިކުފާނު ބައިވެރިވެވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި މާލޭގެ މަގު ހެދުމުގެ މަޝްރޫޢާއި، މާލޭގެ އެއްގަމުތޮށްޓާއި ކަނޑުތޮށީގެ މަޝްރޫޢާއި، ހުޅުމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާއި، ކުނި ނައްތާލުމުގެ މަޝްރޫޢާއި، ތިލަފުށި ހިއްކުމާއި، އެކަމާގުޅޭ އެންމެހާ މަސައްކަތްތަކަކީ ސީދާ ޢުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢުތަކެކެވެ.

މީގެ އިތުރުން ރަށްރަށުގެ ބަނދަރުތައް ތަރައްޤީކުރުމާއި، މުޅި ރާއްޖޭގައި ކުޅިވަރު ރޫޙާއި ޖޯޝާއި ފޯރި ގަދަކުރެއްވުމުގައި ޢުމަރު ޒަހީރު ވަނީ ފާހަގަކޮށްލެވޭ ފަދަ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.

ޢުމަރު ޒާހިރު ވަނީ 1953އިން ފެށިގެން 2008އާ ހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަޤާމެއް އެމަނިކުފާނު ފުރުއްވާފައިވެއެވެ. އެމަނިކުފާނު އަވަހާރަވީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.