ޚަބަރު

ވިމެންސް ޗެމްޕިއަންސް ޓްރޮފީ ސްރީލަންކާއިން އިންޑިއާއަށް


  • ސްރީލަންކާ ކްރިކެޓްގައި މިވަގުތު އޮތީ ސަރުކާރުން އެކުލަވާލާފައިވާ ވަގުތީ ކޮމެޓީއެއް

މިއަންނަ އަހަރު ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ވިމެންސް ޗެމްޕިއަންސް ޓްރޮފީގެ ފުރަތަމަ މުބާރާތް ސްރީލަންކާގެ ބަދަލުގައި އިންޑިއާގައި ބޭއްވުމަށް އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް، އައިސީސީއިން ނިންމައިފިއެވެ.

މިއަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 އިން 28 އަށް ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވި މިމުބާރާތް އެޤައުމުގައި ނުބާއްވަން އައިސީސީއިން ނިންމީ ސްރީލަންކާ ކްރިކެޓް، އެސްއެލްސީއަށް އެޤައުމުގެ ސަރުކާރުން ނުފޫޒު ފޯރުވަމުންދާތީއެވެ. ސްރީލަންކާ ސަރުކާރުންވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އެސްއެލްސީގެ ބޯޑު މެންބަރުން ވަކިކޮށް އެތަނުގެ ހިންގުން ވަގުތީ ގޮތުން އެޤައުމުގެ މިނިސްޓްރީ އޮފް ޔޫތު އެފެއާޒްގެ ދަށަށް ގެންގޮސް އެތަންހިންގުމަށް ވަގުތީ ކޮމެޓީއެއް އެކުލަވާލާފައެވެ.

އައިސީސީއިން އާންމުކުރި ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން ސަރުކާރުން އައްޔަން ކޮށްފައިވާ ވަގުތީ ކައުންސިލެއްގެ ދަށުގައި ސަރީލަންކާ ކްރިކެޓް އޮތްހާ ހިނދަކު އެޤައުމުގައި މިމުބާރާތް ނުބޭއްވޭނެކަމަށެވެ. އައިސީސީއިން ވަނީ ސަރުކާރުން އަންޔަން ކޮށްފައިވާ ވަގުތީ ކޮމެޓީ ބަލައިނުގަނެވޭނެކަން ސްރީލަންކާއަށް އަންގާފައެވެ. އަދި އައިސީސީގެ ބޯޑު މީޓިންގ ތަކުގައިވެސް ސްރިލަންކާ ބައިވެރިވުމުގެ ފުރުސަތު މިވަގުތު ދީފައެއް ނުވެއެވެ. ސްރީލަންކާ ކްރިކެޓްގެ ވަގުތީ ކޮމެޓީއިން ބުނިގޮތުގައި މިމުބާރާތް އެޤައުމުގައި ނުބާއްވާގޮތަށް ނިންމުމުގެ ސަބަބުން ސްރީލަންކާ ކްރިކެޓަށާއި އެޤައުމަށް މާލީގޮތުން އަަސަރު ކުރާނެ ކަމަށެެވެ.

6 ޓީމެއް ވާދަކުރުމަށް ހަމަޖެހިފައިވާ މިމުބާރާތް ބޭއްވުމުގެ ޝައުގުވެރިކަންވަނީ ބަންގްލަދޭޝް އާއި ދެކުނު އެފްރިކާއިންވެސް ފާޅުކޮށްފައެވެ. ނަމަވެސް އައިސިސީގެ ބޯޑުން ނިންމީ އިންޑިއާގައި މިމުބާރާތް ބާއްވާ ގޮތަށެވެ. މިމުބާރާތުގެ މެޗުތައް މިހާރު ކުޅުމަށް ހަމަޖައްސާފައިވަނީ އިންޑިއާގެ މުންބާއީ އާއި ވަޑޮޑާރާގައެވެ. ފިރިހެނުންގެ ޗެމްޕިއަންސް ޓްރޮފީ މުބާރާތް 50 އޯވަރަށް ކުޅުނު ނަމަވެސް އަންހެނުންގެ ޗެމްޕިއަންސް ޓްރޮފީ ކުޅުމަށް ހަމަޖެހިފައިވަނީ ޓީ ޓުވެންޓީ މުބާރާތެއްގެ ގޮތުގައެވެ.

މިމުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ މުބާރާތުގައި ވާދަކުރާ 6 ޓީމުގެ މެދުގައި ރައުންޑް ރޮބިން އުސޫލުން ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ދާ ގޮތަށެވެ. ޗެމްޕިއަންސް ޓްރޮފީގެ އަންހެނުންގެ ފުރަތަމަ މުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާ، އިންގްލަންޑް، އިންޑިއާ، ނިއުޒީލަންޑް، ދެކުނު އެފްރިކާ އަދި ސްރީލަންކާއެވެ. މި 6 ޓީމު މިމުބާރާތުން ޖާގަހޯދީ ކޮލިފައިންގގައި އެންމެ މަތިން ޕޮއިންޓް ހޯދައިގެންނެވެ.