ޔަހޫދީ އިސްރާޢީލުގެ ޓެރެރިސްޓު ސިފައިން ހުޅަނގު އައްސޭރިއަށް އަރައި ހިންގި ލާއިންސާނީ އުދުވާންތަކެއްގައި ފަލަސްޠީނުގެ 14 އަހަރުގެ ފިރިހެން ކުއްޖަކު ޝަހީދުކޮށްލައިފިއެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ޔަހޫދީ ޖައްބާރު ސިފައިންގެ ހަމަލާތަކުގެ ޝިކާރައަކަށްވެ ޝަހީދުވެފައި ވަނީ ޤަޞައްޔު ރަޟްވާން ވާކިދު ކަމުގައެވެ.
އޭނާ ޝަހީދުކޮށްލާފައި ވަނީ، ޔަހޫދީ ޖައްބާރު ސިފައިންގެ ބޮޑު ފައުޖެއް ހުޅަނގު އައްސޭރީގެ ޖިނީނަށް އަރައި ހިންގި ލާއިންސާނީ އުދުވާންތަކެއްގައެވެ. އޭނާގެ ހަށިގަނޑަށް ޔަހޫދީ ސިފައިން ބަޑިޖަހާފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. ޔަހޫދީ ޖައްބާރު ސިފައިން ބުނީ، ފަލަސްޠީނުގެ މުޖާހިދެއް ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމުގައެވެ. އަދި، މުޖާހިދުންނާ ދެމެދު ހަމަލާ ބަދަލުކޮށްފައިވާ ކަމުގައި ވެސް ޔަހޫދީން ބުންޏެވެ.
އޭގެ ކުޑަ ވަގުތުކޮޅެއް ކުރިން، ޔަހޫދީ ޖައްބާރު ސިފައިންގެ ފައުޖުތައް ވަނީ ހުޅަނގު އައްސޭރީގެ ނާބުލުސްއަށް އަރައި ފަލަސްޠީނުގެ ޒުވާނެއް ޝަހީދުކޮށްލާފައެވެ. ޔަހޫދީ ސިފައިންގެ ޝިކާރައަކަށްވެ ޝަހީދުވެފައި ވަނީ އުމުރުން 21 އަހަރުގެ އާމިރު އިޙާބް ބުސްތާމީ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. ނާބްލުސްއަށް އަރައި ލާއިންސާނީ އުދުވާންތައް ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޔަހޫދީ އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ ޣައްޒާއަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ.
އިސްރާޢީލުގެ އަސްކަރިއްޔާއިން ބުނީ ޣައްޒާއަށް ދިން މިސައިލް ހަމަލާތައް އަމާޒުކޮށްފައި ވަނީ، ހަމާސް ޖަމާޢަތުން ރޮކެޓް ފަދަ ހަތިޔާރު އުފައްދަން ބޭނުންކުރާ ބިންގަރާހަކަށް ކަމުގައެވެ. އެ ތަނަށް ބޮންއަޅާފައި ވަނީ، ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ މުޖާހިދުން އިސްރާޢީލަށް އަމާޒުކޮށް ދިން ރޮކެޓް ހަމަލާތަކަކަށް ރައްދުދިނުމުގެ ގޮތުން ކަމުގައި ވެސް ޔަހޫދީ ޖައްބާރު އަސްކަރިއްޔާއިން ބުންޏެވެ.
ޔަހޫދީ ޖައްބާރު ސިފައިން މި އަހަރުގެ ތެރޭގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިހާރު މި ވަނީ 47 އަށް އަރާފައެވެ. މީގެ ތެރޭގައި އުމުރުން ދުވަސްވީ އަންހެނަކާއި ތިން ކުޑަކުދިން ވެސް ހިމެނެއެވެ. އަދި، ޔޫކްރެއިނުގެ ރައްޔިތެއް ވެސް ހިމެނެއެވެ.