ޚަބަރު

އެމްއާރުޑީސީން މެޝިނަރީޒަށް އޯޑަރު ދީފި


މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެމް.އާރު.ޑީ.ސީގެ މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން ސަރުކާރުން ހޯދަވައިދެއްވަން ނިންމެވި ސާމާނުގެ ތެރެއިން އެކުންފުންޏަށް ބޭނުންވާ މެޝިނަރީޒް ހޯދަން އޯޑަރ ކޮށްފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. 

އެމް.އާރު. ޑީ.ސީގެ މަސައްކަތްތައް އިތުރަށް ފުޅާކުރެއްވުމުގެ ގޮތުން 50 މިލިޔަން ރުފިޔާގެ ސާމާނު އެކުންފުޏަށް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހާމަ ކުރެއްވީ ނިމިގެންދިޔަ ހަފްތާގައި ގދ ތިނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މޯލްޑިވްސް ރޯޑްޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ މަސައްކަތްތައް ހަލުއި ކުރުމަށް 50 މިލިޔަން ރުފިޔާދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަ ކުރެއްވިތާ ހާފްތާއެއްހާ ދުވަސް ތެރޭގައި މެޝިނަރީޒް ގަންނަން ފައިސާ ދޫކުރުމުގެ ކަންކަން ފިނޭންސް މިނިސްޓްރީން ހަމަޖެހިފައިވާކަމަށް އެމް.އާރު.ޑީ.ސީ.ގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިތަކެތި ގަންނަން ތައިލޭންޑްގެ ކުންފުންޏަކަށް އޯޑަރ ދެއްވާފައިވާ ކަމަށެވެ. އަދި  އެތަކެތި 90 ދުވަވަހުގެ ތެރޭގައި މާލެ ގެންނަން މަސައްކަތް ކުރައވާއިރު ، އެއަށްވުރެވެސް އަވަސްކުރެވުމަށް ސަމާލު ކަމެއް ދެއްވަމުންދާކަމަށް ނަޒީމު ވިދާޅުވިއެވެ.   

އެމް.އާރު.ޑީ.ސީން ކުރަމުންދާ ގިނަ މަސައްކަތްތަކަކީ ހައުސިންގް މިނިސްޓްރީން ޙަވާލުކުރައްވައިގެން ކުރިއަށް ގެންދަވާ މަސައްކަތް ކަން ފާހަގަކުރައްވައި ނަޒީމް ވިދާޅުވީ އާއްމުގޮތެއްގައި ރަށްރަށުގެ މަގުހެދުމުގެ މަސައްކަތް ނިންމުމަށް ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ނަމަވެސް 8 މަސް ނުވަތަ 10 މަސްތެރޭގައި މިހާރު ހުރި ވަޞީލަތްތައް ބޭނުންކޮށްގެންވެސް  މަސައްކަތް ނިންމަމުންދާކަމަށެވެ. އަދި މެޝިނަރީޒް ލިބުމުން އެއް އަހަރަށް ހަވާލުކުރެވޭ މަސައްކަތް 6 މަސް ނުވަތަ 7 މަސްތެރޭގައި ނިންމާލެވޭނެކަމަށްވެސް ނަޒީމް ވިދާޅުވިއެވެ. 

އެމްއާރުޑީސީން މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުގައި 11 ރަށެއްގެ މަގުހެދުމުގެ މަސައްކަތް ކުރިއަށް އެބަގެންދަވައެވެ. މީގެ ތެރެއިން ގިނަ ރަށްރަށުގެ މަގުހެދުމުގެ މަަސައްކަތް ކުރިއަށް ގެންދަނީ ތާރުއަޅައިގެނެވެ.  

މި މަސައްކަތަށް 761 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ކަނޑައަޅަފައިވެއެވެ. މިހާރު މަސައްކަތް ކުރިއަށް ގެންދާ ރަށްރަށުގެ ތެރެއިން 2 ރަށެއްގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. އެއީ ތ. ވިލުފުއްޓާއި ދ. ކުޑަހުވަދޫގެ މަގުހެދުމުގެ މަސައްކަތެވެ.