ޚަބަރު

ކޭޝިއަރުން ނުތިބޭ އެސްޓީއޯގެ ފިހާރަ އަންނަމަހު ހުޅުވަނީ!


ރާޢްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާ ކޭޝިއަރެއް އަދި ސޭލްސް މީހެއް ނެތި ވިޔަފާރިކުރެވޭ ފިހާރަ އަންނަމަހު ހުޅުވާނެކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ޢަމްރު ވިދާޅުވެއްޖެއެވެ.

އަންނަ މަހު ހުޅުވުމަށް ތައްޔާރުވަމުން އަންނަ މި ފިހާރަ ހުންނާނީ ހުޅުމާލޭގައެވެ. މި ފިހާރައިން ވިޔަފާރީގެ މުޢާމަލާތް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެ އެފްލިކޭޝަންގައި ބޭންކު ކާޑު ރަޖިސްޓްރީކުރުމަށްފަހު ލޮގިންވުމުން ފިހާރައިން ވިޔަފާރިކުރުމުގެ މަގުފަހިވާނެއެވެ.

އެސްޓީއޯއިން ވިދާޅުވީ، މިފިހާރައިން ލިބެން ހުންނާނީ ހަމައެކަނި އެސްޓީއޯއިން އެތެރެކޮށް ވިއްކާ އުފެއްދުންތައް ނޫންކަމަށެވެ. އެގޮތުން، މި ފިހާރައިގައި ކުދި ވިޔަފާރިތަކުގެ އުފެއްދުންތައްވެސް ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

މި ފިހާރައިގައި ކޭޝިއަރެއް އަދި ސޭލްސް މީހެއްވެސް ނެތްނަމަވެސް، ފިހާރައިގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެޅިފައިވާނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ. އެގޮތުން، މި ފިހާރައިގެ އެކިތަންތަނުގައި އާރޓިފިޝަލް އިންޓެލިޖެންސް ކެމެރާ ނުވަތަ އޭ.އައި ކެމެރާތައް ހަރުކޮށްފައި ހުންނާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. މި އޭއައި ކެމެރާތަކުން ހަރުތަކާއި، ފިހާރައިގެ ސްޓޮކު ބެލެހެއްޓުމުގެ ޤާބިލުކަން ލިބިފައިވެއެވެ.

މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފިހާރަތަކުގައި ބޭނުންކުރަމުން އަންނަ ޓެކްނޮލޮޖީއެކެވެ. މިޓެކްނޮލޮޖީ އެންމެ ފުރަތަމަ ދުނިޔެއަށް ތަޢާރަފްކޮށްފައި ވަނީ 2016 ވަނަ އަހަރުއެވެ. އެގޮތުން، ދުނިޔޭގެ އެކިކަންކޮޅުގައި ޖުމްލަ 3000 އަށްވުރެ ގިނަ ކޭޝިއަރ-ލެސް ފިހާރަ މިހާރުވެސް ދަނީ ހިންގަމުންނެވެ.