ޚަބަރު

ޑިގްރީއާއިއެކު މުސާރައަށް ކުރިއެރުން ނުލިބޭ މައްސަލައަށް ހައްލެއް


ޓީޗަރުން ވަޒިފާ އަދާކުރާ ސްކޫލުގައި ހުރެ، ޑިގްރީ ހެދުމުން މުސާރައިގެ ކުރިއެރުން ނުލިބޭ މައްސަލައަށް އަންނަ އޭޕްރީލް މަހުގެ ތެރޭގައި ހައްލު ގެނެވޭނެކަމަށް ނޭޝަނަލް ޕޭކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ. ތަޢުލީމް ދާއިރާގައި މުސާރަ ބޮޑު ކުރި މީހުންގެ ތެރޭގައި މުދައްރިސުންނާއި ޕްރިންސްޕަލުންނާއި އެޑިޔުކޭޝަން ޑިވެލޮޕްމަންޓު ޕްރޮފެޝަނަލްސް ހިމެނެއެވެ. މީގެ އިތުރަށް އިދާރީ މުވައްޒަފުންގެ މުސާރައަށްވެސް ވަނީ %35ގެ ކުރިއެރުމެއް އައިސްފައެވެ.

އެހެންނަމަވެސް، ޓީޗަރުންގެ އެއް ކަންބޮޑުވުމަކަށްވެފައި ވަނީ އެޓީޗަރަކު ވަޒީފާ އަދާކުރާ ސްކޫލެއްގައި ހުރެ، ޑިޕްލޮމާ ފެންވަރުގެ ޓީޗަރުން ޑިގްރީ ހާސިލްކުރުމުންވެސް އެޓީޗަރުގެ މުސާރައަށް ކުރިއެރުން ނައުމެވެ. ނަމަވެސް އެހެން ސްކޫލަކަށް ޑިގްރީ ސަނަދާއެކު ބަދަލުވެއްޖެނަމަ މުސާރައިގެ ކުރިއެރުން ލިބެއެވެ.

މި މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސް އިބްރާހީމް ރަޝީދު ވިދާޅުވީ މިމައްސަލައަކީ ވަރަށް ފަސޭހައިން ހައްލުކުރެވޭނެ އަދި އަވަސް މުސަތަޤްބަލެއްގައި ހައްލުކުރަންޖެހޭވެސް މައްސަލައެއްކަމަށެވެ.

އިބްރާހީމް ރަޝީދު ވިދާޅުވީ މި މައްސަލަ ދިމާވި ޓީޗަރުންނަށް ހައްލެއް ހޯދައިދެވޭތޯ މިހާރުވެސް އެކޮމިޝަނުން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

އިބްރާހީމް ރަޝީދު ވިދާޅުވީ، މުސާރައަށް ބަދަލު ގެނެވޭނީ ޕޮލިސީއަކުންނެވެ. ސަބަބެއްކަމަށް އޭނާ ފާހަގަކުރެއްވީ، މުސާރަތައް ހަމަހަމަކުރުމުގެ މަސައްކަތްކުރިއަށްގެންދަނީ ޕޭ ކޮމިޝަނުންކަމަށްވުމެވެ. އެހެންކަމުން މިކަމުގައި ސިވިލް ސާރވިސް ކޮމިޝަނަށް ކުރެވޭނެ ކަމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ޕޭ ކޮމިޝަނާއިއެކު ބައްދަލުވުންތައް ބޭއްވޭ. އެހެންކަމުން މިހާރު އަޅުގަނޑުމެން މިމައްސަލައިގައި މެއި 1 ގެ ކުރިން ޑިގްރީ ހަދާފައި ތިބި ބޭފުޅުންނަށް މައްސަލަ ހައްލުކުރުމަށް އަޅުގަނޑުމެން އެޑިއުކޭޝަނަށް ޓީޗަރުންގެ ލިސްޓެއް ނެގުމަށް މިހާރު ވާނި ފޮނުވާފައި." އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ސިވިލް ސާރވިސް ކޮމިޝަންގެ އެހެން ބައެއް މެންބަރުންވެސް ވަނީ، އެހެން ސްކޫލަކުން ވަޒީފާއެއް ހޯދައިގެން ދިއުމުން ވަގުތުން މުސާރައިގެ ކުރިއެރުން ލިބޭނަމަ، އެ ޓީޗަރަކު ހުރި ވަޒީފާއެއްގައި ހުރެގެންވެސް އެ ކުރިއެރުން ލިބެން ޖެހޭނެކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.

ޑިޕްލޮމާ ފެންވަރުގެ ޓީޗަރަކު ޑިގްރީ ލެވަލްއަށް ކިޔެވުމަށްފަހު، އެހެން ތަނަކުން ވަޒީފާއެއް ހޯދައިގެން ދިއުމުން ވަގުތުން ކުރިއެރުން ލިބޭނަމަ، އެ މީހަކު ހުރި ވަޒީފާއެއްގައި ހުރެގެން ވެސް އެ ކުރިއެރުން ލިބެން ޖެހޭނެކަމަށް ޕޭކޮމިޝަނުންވެސް ޤަބޫލުކުރައްވައެވެ. ނަމަވެސް ހަމައެކަނި ޓީޗަރުންނަށް ހާއްސަ ހާލަތެއް ދިނުމަކީ އެހެން ފަންނުތަކުގެ މީހުންނަށް އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށް ކޮމިޝަނުން ވިދާޅުވެއެވެ.

މި މައްސަލައާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޕޭކޮމިޝަންގެ މެންބަރު އަފާފް އިބްރާހީމް ޢަލީ ދީދީ ވިދާޅުވީ، ޑިޕްލޮމާ ފެންވަރުގެ ޓީޗަރަކު ޑިގްރީ ސަނަދު ހާސިލްކުރުމުން، މުސާރައިގެ ކުރިއެރުން ދިނުމަށް ޚާއްޞަ ހާލަތެއް ދިނުމަކީ، އެހެންފަނުތަކަށް އެންމެ އިންސާފުވެރިގޮތްކަމަށް ނުވާނެކަމަށެވެ.

ޕޭ ކޮމިޝަނުން ވިދާޅުވީ މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް މަޝްވަރާކޮށް ހައްލު ހޯދައިދެއްވާނެކަމަށެވެ. މި މައްސަލާގައި ކޮމިޓީގެ ފަރާތުން ވަނީ ހައްލު ގެނެވޭނެ މުއްދަތަކީ ކޮބައިއތޯ ޕޭ ކޮމިޝަނުން ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. މިއާއެކު ޕޭ ކޮމިޝަނުން ވަނީ އެ މައްސަލައަށް މަޝްވަރާކޮށް، ދާއިމީ ހައްލެއް އޭޕްރީލްގެ ނިޔަލަށް ހޯދައިދެއްވާނެކަމަށް ވިދާޅުވެފައެވެ.