ޚަބަރު

ފެލިވަރު އައު ބަނދަރުގެ މަސައްކަތް އަންނަ އޭޕްރީލް މަހު ނިމޭނެ: އާޒިމް


ފެލިވަރު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ޤާއިމުކުރާ އައު ބަނދަރުގެ މަސައްކަތް އަންނަ
އޭޕްރީލް މަހު އެއްކޮށް ނިމެނޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ ސިނާޢަތުގައި މިވަގުތު ހިންގަމުން އަންނަ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫއަކީ ފެލިވަރު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތެވެ. މިމަސައްކަތުގެ ދަށުން ފެލިވަރުގައި 3 ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.

މިމަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ފެލިވަރުގެ މަޝްރޫއަކީ ރާއްޖޭގެ އިޤްތިޞާދަށް މުހިއްމު މަޝްރޫޢުއެއްކަމުން އެމްޓީސީސީގެ އަމާޒަކީ މިމަސައްކަތް މިހާރު ކުރިއަށްގެންދާ ސްޕީޑުގައި ވީއެންމެ އަވަހަކަށް ނިންމާލުންކަމަށެވެ.

" އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިމަސައްކަތް އެއްކޮށް ނިންމާ އޭޕްރީލް މަހުގެ ނިޔަލަށް މިފްކޯއާއި ހަވާލު ކުރަން މަސައްކަތް މި ކުރަނީ" އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ ދިވެހި ސަރުކާރުން ހާއްސަކޮން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އިސްނެންގެވުމުގެ މަތިން މަސް ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތްތަކެއް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން މ.މުލަކުގެ މަސްބަނދަރާއި އައްޑޫ ސިޓީ ހުޅުމީދޫގެ މަސް ބަނދަރުގެ އިތުރުން ކަނޑުއޮއްގިރި އާއި ކޫއްޑުގެ މަސް ބަނދަރުގެ މަސައްކަތްވެސް ކުރިއަށް ދާކަން އާޒިމް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި މުހިންމު ދައުރެއް އަދާކުރާ ފެލިވަރު ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫޢުގެ ދަށުން ބަނދަރުތައް ތަރައްޤީކުރުމާއި ބިން ހިއްކުމުގެ މަސައްކަތް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންޕްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ހަވާލު ކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

މިމަޝްރޫޢުގެ ދަށުން ފެލިވަރުގައި 3 ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެއެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރަށް މަސްބޭރު ކުރާ ޖެޓީއަކާއި، މަސްކިރާ ޖެޓީގެ އިތުރުން އެތެރޭގެ އުޅަނދުތަކަށް ބޭނުންކުރާ ލޯކަލް ޖެޓީއެއް ހިމެނެއެވެ. އެގޮތުން ރާއްޖެއިން ބޭރަށް ދަތުރުކުރާ އެސް.ޓީ.އޯގެ އެންމެ ބޮޑެތި ބޯޓުތަކަށްވެސް ކައިރިކުރެވޭ ފެންވަރަށް ބަނދަރުގެ ޑިޒައިނަށް މިހާރު ބަދަލު ގެނެސްފައިިވާ މިފްކޯއިންވަނީ ހާމަކުރައްވާފައެވެ.

ފެލިވަރު ތަރައްޤީ ކުރުމުގެ މަޝްރޫގެ ދަށުން 6 ހެކްޓަރުގެ ބިން ހިއްކުމާއި 229663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 220 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 148 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ އިތުރުން 270 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މިއީ 129.88 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.