ޚަބަރު

ސިއްޙީ ދާއިރާއަށް މުސާރަ ކަނޑައަޅާ ނިމިއްޖެ، ރަނގަޅު މުސާރަތަކެއް ލިބޭނެ: ޕޭ ކޮމިޝަން


ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާއިރު، ވަރަށް ރަނގަޅު މުސާރަތަކެއް ހުރިހާ މުވައްޒަފުންނަށްވެސް ލިބޭނެގޮތަށް މުސާރަ ބޮޑުކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އަންނަ މެއި މަހުގެ ފުރަތަމަ ދުވަހުންފެށިގެން ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިންމަވާފައެވެ.

ހުރިހާ ދާއިރާއެއްގެ މުސާރަތައް އެއްހަމަ ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އެ މަސައްކަތް ކުރަމުން އަންނަނީ ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ.މުޙައްމަދު ފައިޒަލް ވިދާޅުވީ، ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްފަހު، ކުރިއަށް އޮތީ ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންނާއި، ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުންކަމަށެވެ. އެގޮތުން ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެ ދާއިރާގެ ވަރަށް ގިނަ ބަޔަކާއެކު މަޝްވަރާކުރެއްވިކަން ޑރ.ފައިޒަލް ފާހަގަކުރެއްވިއެވެ. އެގޮތުން ހެލްތު މިނިސްޓްރީއާއި، ސިއްޙީ ދާއިރާގެ އެކި އިދާރާތަކާއި، ޖަމްޢިއްޔާ ޖަމާއަތްތަކާއެކު އަހަރަކަށްވުރެ ގިނަ ދުވަހު މަޝްވަރާކުރުމަށްފަހު، މުސާރަ ބޮޑުކުރުމުގެ މަސައްކަތްތައް ނިންމާލާފައިވާކަމަށް ޑރ.ފައިޒަލް ވިދާޅުވިއެވެ.

ޑރ.ފައިޒަލް ވިދާޅުވީ، ސިއްޙީ ދާއިރާގައި 55 ޕްރޮފެޝަން ހިމެނޭކަމަށެވެ. ނަމަވެސް އެ ހުރިހާ ޕްރޮފެޝަނެއްގައި ދިވެހި މުވައްޒަފުން ނެތްނަމަވެސް އެ ހުރިހާ ފްރޮފެޝަނަކަށްވެސް ރަނގަޅު މުސާރައެއް ކަނޑައަޅާފައިވާނެކަމަށް ވިދާޅުވިއެވެ. މިއާއެކު ސިއްޙީ ދާއިރާއަށް ދިވެހިން ލިބުމުގައި އޮތް ދަތިކަމަށް ހައްލެއް ލިބި އެދާއިރާއަށް ދިވެހިންގެ ޝަޢުޤުވެރިކަން އުފެދޭނެކަމަށް ޤަބޫލުކުރައްވާކަމަށް ޑރ.ފައިޒަލް ވިދާޅުވިއެވެ.

"ސިއްޙީ ދާއިރާގެ އިދާރާތަކާއި، މިނިސްޓްރީއާއި، ދެން ސިއްޙީ އެކިއެކި ޖަމާއަތްތަކާއެކު އަހަރަކަށްވުރެ ގިނަ ދުވަހު ވަރަށް ގިނަ ބައްދަލުވުންތަކެއް ބާއްވާ އެ މަސައްކަތް މިހާރު ނިމިފައި އޮތީ. 55 ޕްރޮފެޝަން އެބައޮތް ސިއްޙީ ދާއިރާގައި. މިހުރިހާ ޕްރޮފެޝަންގައި މީހުން ތިބީއެއް ނޫން. ދިވެހިން ބައެއް ޕްރޮފެޝަންތަކުގައި ނުވެސް ނެތް. އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު މުސާރަތަކެއް ލިބޭނެ. އެކަމުގެ ބޭނުމަކީވެސް އެދާއިރާތަކަށް ދިވެހިން ކުރިމަތިލުން. ދިވެހިން ކުރިމަތިލައިގެން ރަނގަޅަށް މަސައްކަތްކުރާނެ މާހައުލެއް ޤާއިމްކޮށްދިނުން. " ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ.މުޙައްމަދު ފައިޒަލް ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ މެއި މަހުގެ 1އިން ފެށިގެން ބޮޑުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިއަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވަނީ ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާއިރު، މުސާރައަށް ކުރިއެރުން ނުލިބޭނެ އެއްވެސް މުވައްޒަފެއް ނުހުންނާނެކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ، އެންމެ ދަށް މަޤާމުތަކުގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް އަންނާނެކަމަށެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި މުޅި ސިއްޙީ ދާއިރާއަށް 5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އޭގެ ތެރެއިން 2.4 ބިލިއަން ރުފިޔާ ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ކަނޑައަޅާފައިވާއިރު، 500 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ، މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށެވެ. އަދި ސިއްޙީ ދާއިރާއަށް މުވައްޒަފުން އިތުރުކުރުމަށް 40.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

އެންމެ ބޮޑު ބަޖެޓެއް ސަރުކާރުން މިއަހަރަށް ކަނޑައެޅީވެސް ސިއްޙީ ދާއިރާގެ ކުރިއެރުމަށެވެ.