ވިޔަފާރި

ސްކޫލްތަކުން ދަނޑުވެރިކަންކުރާ ޕްރޮގްރާމްގައި 4 ސްކޫލެއް


އެގްރޯނެޓްގެ "ސްކޫލް ގާޑަނިންގ" ޕްރޮގްރާމް 4 ސްކޫލެއްގައި ފަށާފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. މިޕްރޮގްރާމަކީ ސްކޫލްތަކުގެ ދަރިވަރުންގެ ހިތްތަކުގައި ދަނޑުވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެގްރޯނެޓްގެ ސްކޫލް ގާޑަނިންގ ޕްރޮގްރާމް އެންމެ ފުރަތަމަ ފަށާފައިވަނީ 2021 ވަނަ އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ގުޅުވައިގެން ކަނޑޫދޫ ސްކޫލްގައެވެ. އެއަށްފަހު ރާއްޖޭގެ ހުރިހައި ސްކޫލްތަކަކަށްވަނީ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލިއެވެ.

އެގްރޯނެޓުން ވިދާޅުވީ، މި ޕްރޮގްރާމް މިހާރު ކާށިދޫ ސްކޫލާއި، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި، އަދި ލ. އަތޮޅު ތައުލީމީ މަރުކަޒުގައި ފަށައިގެން ކުރިއަށްދާކަމަށެވެ. މި މަޝްރޫއުގެ ދަށުން ކާށިދޫ ސްކޫލްގައި ހައްދަން ފަށާފައިވަނީ ޑްރެގަން ފްރުޓެވެ. އަދި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ހައްދަން ފަށާފައިވަނީ މައިކްރޯ ގްރީންއެވެ. މީގެއިތުރުން މިއަހަރު ނ. ލަންދޫ ސްކޫލްގައިވެސް މި މަޝްރޫއު ފެށުމަށް އެއްބަސްވުމުގައި ވަރަށް އަވަަހށް ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް އެގްރޯނެޓުން ވިދާޅުވިއެވެ.

މިއީ އެގްރޯނެޓްގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން ހޮވޭ ސްކޫލްތަކުގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަމްރީނާއި ފައިސާ އެގްރޯނެޓުން ފޯރުކޮށްދޭނެއެވެ. އަދި އެސްކޫލްތަކުން ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް އެގްރޯނެޓުން ގަންނާނެއެވެ.

މިޕްރޮގްރާމްގެ ދަށުން ބޮޑަށް ބަލާނީ ސްކޫލްގެ ދަރިވަރުންނަށް ވީހާވެސް ބޮޑަށް ބައިވެރިވެވޭގޮތައް ގާޑަނިންގ ޕްރޮގްރާމް ހިންގުމަށްކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ. ރާއްޖޭގައި ދަނޑުވެރިކަމަށް ލޯބިކުރާ ޖީލެއް އުފައްދަން ސަރުކާރުން ކުރާ މަސައްކަތަށް ސްކޫލްތަކުގެ އެއްބާރުލުން ބޭނުންވާކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ.