ޚަބަރު

މިއަހަރުގެ މެރިން އެކްސްޕޯގެ ޕާޓުނަރުންނާއެކު ސޮއިކޮށްފި


މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯގެ ޕާޓްނަރުންނާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއީ މެރިން އެކްސްޕޯގެ 8 ވަނަ އެޑިޝަންއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ ބޯޓިންގ ދާއިރާ ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ހަރަކާތެކެވެ. މިއެކްސްޕޯގައި ބޯޓް ބިލްޑަރުން، މާލީ އަދި އިންޝުއަރެންސް ވިޔަފާރިތައް، ބޯޓުތަކަށާއި މަސްވެރިކަމަށް ބޭނުންވާ ސާމާނާއި، މެރިން ފުޑްސް ސަޕްލަޔަރުން، ފަދަ ދާއިރާތަކުން ބައިވެރިވެއެވެ.

މިއަހަރުގެ މެރިން އެކްސްޕޯ ބާއްވަން ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ 15 އިން 16 ދުވަހުގެ ނިޔަލަށް، ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ. މިއެކްސްޕޯގެ ޕާޓްނަރުންނާއިއެކު ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މާގިރީ ސިޓީ ހޮޓެލްގައެވެ.

މިއަހަރުގެ މެރިން އެކްސްޕޯގެ އޮފިޝަލް ހޯސްޓަކަށް ހަމަޖައްސާފައިވަނީ އެޗްޑީސީއެވެ. މެރިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ އެމްޓީސީސީއެވެ. އަދި ކޯސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ގަލްފް ކްރާފްޓް މޯލްޑިވްސްއެވެ. މީގެއިތުރުންވެސް މި އެކްސްޕޯގެ އިތުރު ޕާޓްނަރުންނާއިއެކުވެސް ވަނީ ސޮއިކޮށްފައެވެ.

މެރިން އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ބޯޓިން ސިނާޢަތުގައި ހުރިހާ ސްޓޭކް ހޯލްޑަރުންނާއި އެއްތަނަކުން ބައްދަލުވެ، އެސިނާޢަތުގެ ވިޔަފާރި އިތުރަށް މާކެޓްކުރެވޭނެ ފުރުޞަތު ފަހިކޮށްދިނުންކަމަށެވެ.

މިއަހަރުގެ މެރިން އެކްސްޕޯ ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ އެހެން އަހަރުތަކާއި ތަފާތުކޮށެވެ. އެގޮތުން، މިފަހަރުގެ އެކްސްޕޯގައި ޑައިވިން ދާއިރާއަށް ޚާއްސަ އިސްކަމެއްދީފާވާކަމަށް މޯލްޑިވްސް މެރިން އެކްސްޕޯގެ އިވެންޓް މެނޭޖަރ ޝާމް މުހައްމަދު ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކާއި، މެރިން ސިނާޢަތުގެ އެކި ކަންކަމާއިގުޅޭ ސެމިނަރތައްވެސް ކުރިއަށްދާނެކަމަށް ޝާމް ފާހަގަކުރައްވިއެވެ.

މިއަހަރުގެ މެރިން އެކްސްޕޯއަށް ގިނަ ޢަދަދެއްގެ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާކަމަށްވެސް ޝާމް ވިދާޅުވިއެވެ. އެގޮތުން، މެރިން އެކްސްޕޯގެ ގިނަ ސްލޮޓްތައް މިހާރުވެސް ވިކިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެކްސްޕޯގައި ހަރަކާތްތެރިވުމުގެ ފުރުޞަތު އޮތްކަމަށް ޝާމް ވަނީ ވިދާޅުވެފައެވެ.