ޚަބަރު

ފުވައްމުލަކުގެ 20 މަގުގެ މަސައްކަތް ނިމި 11 މަގެއް ނިމުމަކާއި ގާތަށް


ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް އަންނަ ޖޫން މަހު އެއްކޮށް ނިމޭނެ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ހާމަކޮށްފިއެވެ.

ފުވައްމުލަކުގެ މަގުތައް ހެދުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ދަށުން އެރަށުގެ 31 މަގެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. މިމަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ފުވައްމުލަކުގެ މަގުހެދުމުގެ މަސައްކަތަކީ ވަރަށް ގޮންޖެހުން ބޮޑު މަސައްކަތެއްކަމަށެވެ. އެގޮތުން ވިއްސާރަވުމުގެ ސަބަބުން ރަށުތެރެއަށް ޖަމާވާ ފެން ރަށުން ބޭރުކުރުމަށް ސްޓޯމް ވޯޓަރ ސިސްޓަމްގައި 6 އައުޓްފޯލް ހޮޅި އަޅަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ. ރަށުގެ ވަށައިގެން ވަރުގަދަ އާނުގަނޑުތައް ހުރުމާއި ފުވައްމުލަކުގެ ވަށައިގެން އޮއެ ބާރުވުމަކީ މިމަސައްކަތްކުރުމަށް އޮތް ބޮޑު ދައްޗެއްކަން އާޒިމް ފާހަގަކުރެއްވިއެވެ.

"މިރަށުގެ ވަށައިގެން ވަރަށް ރާޅު ގަދަ. ސްޓޯމް ވޯޓަރ ސިސްޓަމްގައި މިއަޅާ އައުޓްފޯލް ހޮޅިތައް ވަރަށް ރަނގަޅަށް ވިސްނައިގެން ނާޅާނަމަ އެހޮޅި އެއްލާލާނެ. އެހެން ވިޔަނުދޭން ހޮޅި އެޅުމުގައި ވަރަށް ބަލަންޖެހޭ. މިހާރު މިކުރަމުންދާ މަސައްކަތުގެ ދަށުން ތާރުގެ މަސައްކަތް އެއްކޮށް މާޗްމަހުގެ ނިޔަލަށް ނިމޭނެ." އާޒިމް ވިދާޅުވިއެވެ.


އަޑިގުޑަން ގިނަ މަގުތަކެއް ފުވައްމުލަކުގައި ހުންނައިރު މިއީ އެރަށުގެ ރައްޔިތުން އުފުލަމުން އަންނަ ބޮޑުތަކުލީފެކެވެ. މަގު ހެދުމުގެ މަސައްކަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފުވައްމުލަކު ކައުންސިލްގެ މޭޔަރ އިސްމާޢިލް ރަފީޤް ވިދާޅުވީ ތާރުއަޅާ ނިމިފައިވާ މަގުތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިފައިވާކަމަށެވެ. އެގޮތުން މީގެކުރިން ވާރޭވެހި ފެންބޮޑުވެގެން ރައްޔިތުންނަށް ކުރިމަތިވަމުންދިޔަ ދަތިތައް މިހާރު އެމަގުތަކުން ކުރިމަތިނުވާކަން މޭޔަރ ފާހަގަކުރެއްވިއެވެ.

"ކުރީގައި ސިއްޙީ ގޮތުންވެސް ގިނަ ދަތިތަކެއް ރައްޔިތުންނަށް ކުރިމަތިވާ ޙާލަތުގައި މަގުތައް އޮތީ. ހިރަފުސް ވެއްޖިއްޔާ އެހާ ހިރަފުސްބޯވޭ. ވާރޭވެހޭއިރު ފެންބޮޑުވެ ވަރަށް ބޮޑަށް ފެންބޮޑުވޭ. މިހާރު ހެދިފައިވާ މަގުތަކުގައި ވިއްސާރަވުމުގެ ސަބަބުން ކުރީގައި އުނގަދޫވާވަރަށް ފެންބޮޑުވެގެން އުނދަގޫ ނުވާކަން ފާހަގަވޭ." މޭޔަރ ވިދާޅުވިއެވެ.


ފުވައްމުލަކުގައި ހަދަމުންދާ މަގުތަކުގެތެރެއިން 20 މަގެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި އިތުރު 11 މަގެއްގެ މަސައްކަތުގެ 95 އިންސައްތަ ނިމިފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިމަޝްރޫޢުގެ ދަށުން 122659 އަކަ މީޓަރުގެ ސަރަޙައްދުގައި ސަބްބޭސް އެޅުމާއި 95239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 27450 އަކަ މީޓަރުގެ ސަރަޙައްދުގައި ޕޭވްމަންޓް ހެދުމާއި މަގުމަތީގެ ނިޝާންތަކާއި މަގު ބައްތި ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު 19940 އަކަ މީޓަރުގެ ފެން ހިންދާ ނިޒާމެއް ފުވައްމުލަކުގައި ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. މިއީ 279.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.