ވިޔަފާރި

މިނިސްޓްރީގެ ހުއްދައާ ނުލާ މިހާރު ރިސޯޓްތަކުގެ ހިއްސާ ބަދަލުކުރެވޭނެ


ރިސޯޓްތަކުގައި އޮންނަ ކުންފުނިތަކުގެ ހިއްސާ ޓޫރިޒަމް މިނިސްޓްރީގެ ހުއްދައާނުލާ ވިއްކާލެވޭގޮތަށް ޤާނޫނަށް އިސްލާހް ގެނެސްފިއެވެ.

ޓޫރިސްޓް ރިސޯޓްތަކާއި ގުޅޭ ހައްގުތައް ބަދަލުކުރުމާއިބެހޭ ގަވާއިދުގެ 2 މާއްދާއެއް އުނިކޮށް މިގަވާއިދަށް އިސްލާހް ގެނެސް މިހާރުވަނީ ގެޒެޓްކޮށްފައެވެ.

އެގޮތުން "ހިއްސާ ބަދަލުކުރުމާ ބެހޭ" 2 މާއްދާއެއް މިހާރު ގަވާއިދުން ވަނީ އުވާލާފައެވެ. އުވާލާފައިވާ 2 މާއްދާއަކީ ޓޫރިސްޓު ރިސޯޓު ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރާ ނަމަ، އެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދަން ޖެހޭ މާއްދާއާއި، ކުންފުނީގެ ހިއްސާ ބަދަލުކުރުމަށް ފަހު، އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ހިއްސާ ބަދަލުކުރިކަމުގެ ލިޔުން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުމެވެ.

ޓޫރިސްޓް ރިސޯޓްތަކާއި ގުޅޭ ހައްގުތައް ބަދަލުކުރުމާއިބެހޭ ގަވާއިދުގައި ކުރިން އޮތް ގޮތުން ރިސޯޓެއް ހަދަން ރަށެއް ކުއްޔަށް ނަގާފައިވާ ކުންފުންޏެއްގެ ހިއްސާ ވިއްކާލާ ނަމަ، އެކަމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ހޯދަންޖެހެއެވެ.

ފަތުރުވެރިކަން ތަރައްޤީކުރަން ޓޫރިޒަމް މިނިސްޓްރީން އަންނަނީ ރަށްތަކާއި ފަޅުތައް ދޫކުރަމުންނެވެ. އެގޮތުން މިހާރުވެސް 8 އަތޮޅަކުން 13 މަޝްރޫޢެއް ވަނީ ހުޅުވާލާފައެވެ. އަދި މިމަޝްރޫއުތަކަށް އިންވެސްޓަރުންގެ ތަރުހީބު ބޮޑުކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.