ޓުއަރިޒަމް

އައިޓީބީ ފެއާރގައި ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްސަ ކެމްޕެއިނެއް


އަންނަމަހު ޖަރުމަނު ވިލާތުގައި ބާއްވާ ފަތުވެރިކަމުގެ އެންމެ ބޮޑު އެއް ފެއާރކަމަށްވާ އައިޓީބީ ފެއާރގައި ރާއްޖެ އިޝްތިހާރުކުރުމަށް ސޯޝަލް މީޑިއާގެ ޚާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން އެމްއެމްޕީއާރުސީން ވިދާޅުވެއްޖެއެވެ. އަންނަމަހުގެ ނުވަޔަކުން ތޭރައަށް ޖަރުމަނުވިލާތުގެ ބާރލިންގައި ބާއްވާ އައިޓީބީ ފެއާރގެ މިއަހަރުގެ ހޮސްޓް ކަންްޓްރީއަކީ ދިވެހިރާއްޖެއެވެ. އައިޓީބީ ފެއަރތެރޭގައި ރާއްޖޭގެ ފަތުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމަށް ރޭވިފައިވާ ކަންތައްތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ މި ފެއާރތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސޯޝަލް މީޑިއާ ކެމްޕެއިނެވެ. މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންސްޓަގްރާމާއި ފޭސްބުކާއި ޓްވިޓާ މެދުވެރިކޮށެވެ. އެގޮތުން ރާއްޖޭގެ ސްޓޯލްއަށް ޒިޔާރާތްކުރުމަށް ފަހު ސްޓޯލްގައި ތިބޭ ދިވެހިންގެ ތެރެއިން ކޮންމެވެސް ދިވެހެއްސަކާއި އެކީ ފޮޓޯއެއް ނެގުމަށްފަހު އިންސްޓޯގްރާމް، ފޭސްބުކް، ޓްވިޓަރގައި ހޭޝްޓެގް ޖެހުމަށްފަހު ފްރޮމް މޯލްޑިވްސް ޖަހާ މިއިން ކޮންމެވެސް އެއް ސޯޝަލް މީޑިއާއެއްގައި ފޮޓޯ އަޕްލޯޑްކުރުމުން، ކޮންމެވެސް އެއް ފަރާތަކަށް ޚާއްސަ އިނާމެއް ލިބޭނެކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ. މި އިނާމް ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ގިނަ ލައިކް ލިބޭ ފޮޓޯއެއް އަޕްލޯޑްކުރާ ފަރާތަކަށްކަމަށް އެމްއެމްޕީއާރުސީގެ ޑެޕިއުޓީ ޑިރެކްޓަރ ފާތިމަތު ރަހީލް ވިދާޅުވިއެވެ. ރަހީލް ވިދާޅުވީ އިނާމެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތުކަމުގައިއެވެ. މި ސޯޝަލް މީޑިއާގެ ކެމްޕެއިން އިޝްތިހާރުކުރުމަށް ޖަރުމަނުގެ ބާރލިންގައި ޚާއްސަ ކަންތައްތަކެއް ކުރުމަށް ހަމެޖެހިފައިވާކަމަށްވެސް ރަހީލް ވިދާޅުވިއެވެ.މިފެއަރގައި ރާއްޖެ ތަމްސީލުކުރުމަށް 93 ކުންފުންޏަކުން، 267 މަންދޫބުން ބައިވެރިވާނެއެވެ. އެމްއެމްޕީއާރސީން ވަނީ، މިފެއަރގައި ބައިވެރިވާ ކުންފުނިތަކުގެ އޮފިޝަލުންނާ ބައްދަލުކުރައްވައި ފެއަރއާ ގުޅޭ މަޢުލޫމާތު ޙީއްޞާކުރައްވާފައެވެ. އެމްއެމްޕީއާރުސީގެ ޑެޕިއުޓީ ޑިރެކްޓަރ ފާތިމަތު ރަހީލް ވިދާޅުވީ، މިއީ މިހާތަނަށް ބޭރުގެ ފެއާރއެއްގައި ރާއްޖެ ތަމްޞީލްކުރުމަށް އެންމެ ގިނަ އަދަދެއްގެ މީހުން ބައިވެރިވާ ފަހަރުކަމަށެވެ.އައި.ޓީ.ބީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ގިނަ މަންދޫބުން ބައިވެރިވާ ފެއަރ އަށްވާއިރު، މި އަހަރު އައި.ޓީ.ބީގެ ގޯލްޑަން ޖުބްލީވެސް ފާހަގަކުރާނެއެވެ. މިއީ ފަތުރުވެރި ކަމުގެ ދާއިރާއިން މި އަހަރު ފަތުރުވެރިކަމުގައި ރާއްޖޭއިން ޙާޞިލްކުރަން ބޭނުންވާ މުހިއްމު އެއް ލަނޑުދަނޑިއަށް ވާޞިލްވުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. "ވިޒިޓް މޯލްޑިވްސް ޔިއަރ" ކެމްޕެއިންގެ ދަށުން ރާއްޖެއިން ވަނީ މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އެރުވުމަށް އަމާޒުކޮށްފައެވެ.