ޚަބަރު

ހިތާދޫ ބަނދަރުގައި ކުދި އުޅަނދުތައް އެޅުމަށް ހަދާ ޖެޓީގެ މަސައްކަތް ފަށައިފި


ބ.ހިތާދޫ ބަނދަރުގައި ކުދި އުޅަނދުތައް އެޅުމަށް ހަދާ ޖެޓީގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ހާމަކުރައްވައިފިއެވެ. މިއީ ހިތާދޫ ރައްޔިތުންގެ އެދުމުގެ މަތިން ބަނދަރަށް އިތުރުކޮށްފައިވާ މަސައްކަތެއް ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ހިތާދޫގައި ފުރަތަމަ ހަދާފައި އޮތް ބަނދަރަކީ 2009 ވަނަ އަހަރު ހަދާފައި އޮތް ބަނދަރެކެވެ. އޭރު އެ ބަނދަރު ހަދާފައި އޮތީ އެއްވެސް ޕޭވްމަންޓެއް ނުޖަހާ ކަމަށްވުމުން ވިއްސާރަވެ ފެންބޮޑުވާ ދުވަސްތަކުގައި އެއްގަމު ތޮށިން ވެލިގަނޑު ބަނދަރުތެރެއަށް ދަމަންފެށިއެވެ. ނަތީޖާއެއްގެ ގޮތުން ބަނދަރު އޮންނަ ސަރަހަދުގައި ބޮޑެތި ވަޅުގަނޑުތައް އުފެދި އެއްގަމު ތޮށި ހަލާކުވުމުގެ ކަންކަން ކުރިމަތިވަމުން ދިޔައެވެ. މި ސަބަބާހުރެ ބަނދަރު ބޭނުން ކުރުމުގައި އެތައް ދަތިތަކެއް އޮޑިދޯނިފަހަރު ދުއްވާ ފަރާތްތަކަށް ދިޔައީ ކުރިމަތިވަމުންނެވެ.

މީގެ އިތުރުން ބޭރު ތޮށި އެއްކޮށް ހަލާކުވެފައި އޮތުމުން ފަޅު ގަދަވުމުގެ ކަންކަންވެސް ދިޔައީ ކުރިމަތިވަމުންނެވެ. އަދި ރައްކާތެރި ގޮތެއްގައި ނެރު ހެދިފައި ނެތުމުގެ ސަބަބުން ރޭގަނޑު ފަޅަށް ވަދެ ނުކުތުމަށް ދަތިތަކެއް ހުންނަކަމަށް އެރަށަށް ދަތުރު ކުރާ ފަރާތްތަކުން ބުނެއެވެ.

މިކަމަށް އެދެވޭ ޙައްލެއް ގެނައުމުގެ މަސައްކަތް މިސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ފެށީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މިމަސައްކަތް ސަރުކާރުން ފެށީ ބޭރު ތޮށި އެއްކޮށް ހަލާކުވެފައި އޮތުމުން އިރުވައި މޫސުމުގެ ގަދަ ދުވަސްތަކުގައި ފަޅު ގަދާވާތީއާއި، އެއްގަމު ތޮށި ހަލާކުވެ ބަނދަރަށް ވެލިފައިބާ އެސަރަހައްދުގައި ވަޅުގަނޑުތައް ހެދޭތީ އަރާ ފޭބުމަށް އުނދަގޫތަކާ ކުރިމަތިވަމުންދާތީއެވެ. މީގެ އިތުރުން ފަޅަށް ވެލި ފޭބުމުން ފަޅު ތިލަވުމުގެ މައްސަލަވެސް ދިޔައީ ކުރިމަތިވަމުންނެވެ.

ހިތާދޫގައި ކުރިން އޮތީ 700 ފޫޓް ދިގު 200 ފޫޓް ފުޅާ ބަނދަރެކެވެ. އެބަނަދަރަށް އިތުރު ކުރަނީ ފުޅާކޮށް 200 ފޫޓްވެވެ. މިހާރު ބަނދަރުގައި ކުރިން އޮތް ބައިގެ މަރާމާތުގެ ބޮޑުބައެއް ވަނީ ނިންމާފައެވެ. އެގޮތުން އެއްގަމު ތޮށީ ކައިރިން ކޮނެ ވެލި ނުދަމާނެހެން ޖީއޯ ބޭގް ޖައްސާ ކޮންކްރީޓް އަޅާ ލެވަލް ކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި އެސަރަހައްދުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ ބޮޑުބައެއްވެސް ވަނީ ނިންމާފައެވެ.

ހިތާދޫ ބަނދަރުގެ ބޭރުތޮށްޓާއި އެއްގަމުތޮށި ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ ބޭރު ތޮށި ކައިރީގައި ކުދި އުޅަނދުތައް އެޅުމަށް ހަދާ ޖެޓީގެ މަސައްކަތާއި މިހާރު އޮތް ބަނދަނރު ފުންކުރުމުގެ މަސައްކަތެވެ. ކުރިން އޮތް ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 57 އިންސައްތަ ނިމިފައިވާރު، ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތުގެ 32 އިންސައްތަ ނިމިފައިވާ ކަމަށް މިމަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން، 14,929 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 4,101 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، ޖުމްލަ 19،030 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 495 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި މަރާމާތު ކުރުމާއި، ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯރމެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި ކުރިން އޮތް ބަނދަރުގެ އެއްގަމުތޮށީގެ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެތެރޭގައިވަނީ ނިމިފައެވެ.

ކުދި އުޅަނދު ފަހަރާ ބޮޑެތި ދޯނިތައް އޮންނަ މިރަށުގައި ކުރިއަށްގެންދާ މިމަޝްރޫއަށް ކުރިން ކަނޑައަޅާފައި އޮތީ 17.70 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް ރައްޔިތުންގެ އެދުމަށް ބަނދަރުގެ ބޭރު ތޮށްޓަށް އިތުރުކުރާ ކުދި އުޅަނދުތަކަށް ހާއްސަ ޖެޓީގެ މަސައްކަތާއެކު މިމަޝްރޫއުގެ އަގު 19.80 މިލިއަން ރުފިޔާއަށް އަރާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ހިތާދޫ ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިމި ހިތާދޫ ރައްޔިތުން ލަފާ ފުރުމަށް ކުރި އުންމީދު މިއަދު މިވަނީ ހަގީގަތަކަށްވާން ގާތްވެފައެވެ. މިމަސައްކަތް ނިމުމުން ހިތާދޫ ރައްޔިތުން ލަފާފުރުމުގެ ދަތިކަމަށް މީގެ ކުރިން އުފުލި ތަކުލީފް ނިމުމަކަށް އަންނާނެއެވެ.