ދުވާލުގެ ވަގުތުގައި މާލޭގެ މަގުމަތީގައި މަސްތުވާތަކެތި ވިިއްކި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ދުވާލުގެ ވަގުތެއްގައި މާލޭގެ މަގެއްމަތިން މަސްތުވާތަކެތި ވިއްކާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ޢާއްމުވެފައެވެ.
ފުލުހުން ވިދާޅުވީ އެ ވީޑިއޯގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ވިއްކަނިކޮށް ފެންނަ މީހާ އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައިވާކަމަށެވެ. އޭނާ މަސްތުވާތަކެތި ވިއްކި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އާންމުވެފައިވާ 40 ސިކުންތުގެ ވީޑިއޯގައި ފެންނަ ގޮތުގައި 3 މީހަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާމަންޒަރު ފެނެއެވެ. އެގޮތުން ސައިކަލެއްގައި އިން ީހަކު ސަތޭކަ ރުފިޔާ ދިއްކޮށްލުމުން، އެހެން ސައިކަލެއް މަތީގައި އިން މީހަކު ޕެކެޓެއްގައި ހުރި އެއްޗެއް ދޭ މަންޒަރު ފެނެއެވެ. އަދި އިތުރު މީހަކުވެސް އެތަނަށް އައުމުން ޕެކެޓުގައި ހުރި އެއްޗެއް ދޭ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.