ކުޅިވަރު

އާ ނިއުރޭޑިއަންޓް މާދަމާގެ މެޗަށް ތައްޔާރު - ސްޓޮއިކޯފް


އޭއެފްސީ ކަޕްގައި މާދަމާ ސިންގަޕޫރުގެ ބެލެސްތާރ ޚަސްލާ އެފްސީއާއި ދެކޮޅަށް ނިކުންނަ މެޗަކީ ގިނަ އާ ކުޅުންތެރިންނާއިއެކު ތައްޔާރުވަމުންދާ އާ ނިއުރޭޑިއަންޓްގެ ފެށުންކަމަށް ކޯޗް ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ބުނެފިއެވެ.މިއަދު ރަސްމީ ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނިއުރޭޑިއަންޓްގެ ކޯޗް ސްޓޮއިކޯފް ބުނީ، މާދަމާ މެޗުގައި އެޓީމާއި ދެކޮޅަށް ނިކުންނަ ބެލެސްތަރ ޚަސްލާ އެފްސީއަކީ ވަރުގަދަ ޓީމެއްކަމަށާއި، ތައްޔާރުވަމުން މިދަނީ މި މެޗު އުނދަގޫވާނެކަން ދަނެގެންކަމަށެވެ. ސްޓޮއިކޯފަކީ މީގެ 10 އަހަރުކުރިން އޭއެފްސީކަޕްގެ ސެމީ ފައިނަލަށް ނިއު ގެންގޮސްދިން ކޯޗެވެ. 2005 ވަނަ އަހަރުގެ ފަހުން ނިއު އަށް އެ ހިސާބަށް ދެވިފައިނުވާއިރު، އެ ކާމިޔާބީ އަކީ ނިއުގެ އިތުރުން ދިވެހި ކްލަބަކަށް ސަރަހައްދީ މުބާރާތެއްގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބެވެ. މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ގިނަ އާ ކުޅުންތެރިންތަކަކާއިއެކު ނިއުރޭޑިއަންޓްގެ ޕްރެކްޓިސް ފަށާފައިވަނީ މީގެ ތިން ހަފްތާ ކުރިންނެވެ. ކޯޗް ސްޓޮއިކޯފް ބުނީ އޭނާ މަސައްކަތްކުރަނީ ނިއު ރޭޑިއަންޓްގެ އާ މޫނެއް ބިނާކުރަން ކަމަށާއި ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންގެ އެހީއާއިއެކު ކާމިޔާބީ ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ."އާ ކުޅުންތެރިންނާއިއެކު އާ ނިއުރޭޑިއަންޓެއް އަހަރެން މި ބިނާ ކުރަނީ، މާދަމާގެ މެޗަށް ނިކުންނަނީ މެޗް ފަސޭހަނުވާނެކަން ދަނެގެން. އިދިކޮޅު ޓީމަކީ މޮޅު ޓީމެއް. އެހެންނަމަވެސް ރަނގަޅު ކުޅުމެއް އަހަރުމެން ދައްކާނަން" ސްޓޮއިކޯފް ބުންޏެވެ.ނިއުރޭޑިއަންޓްގެ ކޯޗްގެ އިތުރުން ޓީމުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ މުޙައްމަދު ރަޝީދުވެސް ބުނީ ސަޕޯޓަރުންނަކީ ނިއުރޭޑިއަންޓްގެ މުޙިންމު އެއްބައިކަމަށާއި، މާދަމާގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކޭނެކަމަށް އުއްމީދުކުރާކަމަށެވެ."ނިއުގެ ސަޕޯޓަރުންނަކީ ޓީމުގެ ވަރަށް މުހިންމު އެއްބައި އަބަދުވެސް. އެހެންވީމަ ސަޕޯޓަރުންގެ އެހީ ވަރަށް ބޮޑަށް ބޭނުންވޭ މާދަމާގެ މެޗުން. ހުރިހާ ކުޅުންތެރިންތިބީ މެޗުން މޮޅުވާން ތައްޔާރަށް" ޓީމްގެ ކެޕްޓަން ބޭންޑް އަޅާނެކަމަށް ބެލެވޭ މުޙައްމަދު ރަޝީދު ބުންޏެވެ. މާދަމާގެ މެޗުގައި ނިއުރޭޑިއަންޓާއި ދެކޮޅަށް ނިކުންނަ ބެލެސްތަރ ޚަސްލާ އެފްސީގައި ސިންގަޕޫރުގެ ގައުމީ ޓީމްގެ ދެ ކުޅުންތެރިން ހިމެނެއެވެ. ބެލެސްތަރ ޚަސްލާ އެފްސީގެ ކޯޗް މާކޯ ކްރަލްޔެވިޗް ބުނީ އޭނާގެ ހަމައެކަނި ކަންބޮޑުވުމަކީ މާދަމާގެ މެޗު ހަވީރު ހަތަރެއް ޖަހާއިރު ފެށުންކަމަށާއި، ސިންގަޕޫރުގައި ދުވަހަކުވެސް އެޓީމް ހަވީރު ހަތަރެއް ޖަހާއިރު މެޗެއް ކުޅެފައިނުވާކަމަށެވެ. މާކޯ ބުނީ އަމިއްލަ ދަނޑުގައި އަބަދުވެސް ނިއުރޭޑިއަންޓަކީ ވަރުގަދަ ޓީމެއްކަމަށާއި، ނިއުގެ ފެންވަރު އިނގޭކަމަށެވެ. އޭއެފްސީކަޕްގެ ތަޖުރިބާއަށް ބަލާއިރު ނިއުއަށް ކުރި ލިބުނަސް މާދަމާގެ މެޗުގައި ކުރި ލިބޭނީ ނުވަދިހަ މިނެޓުގައި ނެރޭ ނަތީޖާއިންކަމަށް އޭނާ ބުންޏެވެ. ޓީމްގައި އަނިޔާގެ މައްސަލަތައް އުޅުނުކަމުގައިވިޔަސް މާދަމާގެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ކޯޗް މާކޯ ފާހަގަކުރިއެވެ."އަހަރެން އެންމެ ކަންބޮޑުވަނީ މެޗް ކުޅޭ ގަޑިއާއި މެދު، ސިންގަޕޫރުގައި އަހަރެމެން މެޗް ކުޅެނީ 17:30 ނޫނީ 19:00ގައި. ހަވީރު ހަތަރެއް ޖަހާއިރު މެޗް ކުޅޭތީ ހުރިހާ ކުޅުންތެރިންނަށްވެސް އުނދަގޫވާނެ. އޭއެފްސީކަޕްގެ ތަޖުރިބާއަށް ބަލާއިރު ނިއުއަށް ކުރި ލިބިދާނެ. މާދަމާ ކުރި ލިބޭބައެއް އިނގޭނީ ކުޅުނީމަ" ކޯޗް މާކޯ ބުންޏެވެ. އޭއެފްސީ ކަޕްގައި ސިންގަޕޫރުގެ ބެލެސްތާރ ޚަސްލާ އެފްސީއާއި ދިވެހިރާއްޖޭގެ ނިއުރޭޑިއަންޓް ރަސްމީ ދަނޑުގައި ވާދަކުރާ މެޗް ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރުއެވެ. މެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.