ޚަބަރު

އަސްލަމް ދެއްވި ޔަޤީންކަން: ބޯހިޔާވަހިކަމާއި، ބްރިޖު ވަޢުދުވެސް ފުއްދާނެ


ކުޑަގިރި މަޝްރޫޢާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މާލޭގެ ރައްޔިތުންނަށް ވެވަޑައިގަންނަވާފައިވާ މުހިއްމު ވަޢުދުފުޅެއް ފުރިހަމަވެގެންދިޔައީކަމަށާއި، ބޯހިޔާވަހިކަމާއި، ބްރިޖު އެޅުމަށް ވެވަޑައިގެންފައިވާ ވަޢުދުވެސް ފުއްދާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާލެ ސަރަހއްދުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ތަރައްޤީކުރި، ކުޑަގިރި ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ ކުޑަގިރި މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ވަރަށް މުހިއްމު މަޝްރޫޢެއްކަމަށެވެ. މިމަޝްރޫޢާއެކު ރައީސުލްޖުމްހޫރިއްޔާގެ މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ވެވަޑައިގަތް މުހިއްމު ވައުދުފުޅެއް ފުއްދިގެން ދިޔައީކަމަށް ޕްލޭނިންގ މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިސަރަޙައްދުގެ ރައްޔިތުނަށް ހޯއްދަވާ މިދެއްވީ ގެއްލިފައިވާ މުހިއްމު އިޖުތިމަޢީ ހައްލެއްކަމަށެވެ.

"ރައީސް މާލޭގެ ރައްޔިތުންނަށް ވީ މުހިއްމު އެއް ވަޢުދު ފުދިއްޖެ. މިއަދު ފުދިއްޖެ. މިސަރުކާރަށް 4 އަހަރުވެގެން 5 ވަނަ އަހަރު ހިނގަމުންދާއިރު ދަތި ކޯވިޑްގެ 2 އަހަރާއި އެއްކޮށް، ގެއްލުނު ދުވަސްތައްވެސް ލައިގެން މިވީތަނުގައި ފެންނަނީ ރައީސް އަދި ރައީސްގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދަމުންދާތަން." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.


މިނިސްޓަރ އަސްލަމް ވިދާޅުވީ ތަރައްޤީއާއި ރައްޔިތުންގެ ތަކުލީފުތަކަށް މިފަދަ ގޮތްގޮތުން ނިމުން ގެނައުމަށް ސަރުކާރުން މަސައްކަތްކުރައްވަނީ އެއްވެސް ރަށެއް ބާކީނުކޮށް ކަމަށެވެ. މިގޮތުން ފާއިތުވި އަހަރުތަކުގައި މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގައި ގިނައެތައް މަޝްރޫޢުތަކެއް ކުރިއަށްގެންދިޔައީ އާބާދީގެ ކުޑަ ބޮޑު މިނަކަށް ނުވަތަ ވަކި އަތޮޅެއް ވަކި ރަށެއް އިސްތިސްނާކުރުމެއް ނެތިކަމަށް މިނިސްޓަރ ތަކުރާރުކުރެއްވިއެވެ.

ކުރިއަށް ހުރި މަޝޥްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖްވެސް އަންނާނެކަމަށެވެ. އެ ވަޢުދުވެސް ފުއްދާނެކަމުގެ ޔަޤީންކަން ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ޙައްލުގެންނާނެކަމަށެވެ. އަދި ދަތުރުފަތުގެ ނިޒާމުވެސް އިތުރަށް ހަރުދަނާވެގެން އަންނާނެކަމަށް މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.