ޚަބަރު

ދިވެހިންނަކީ ޖަޒީރާ ރީތި ގޮނޑުދޮށްތަކާ ނުލާ އުޅެވޭނެ ބައެއް ނޫން: ނައިބު ރައީސް


ކުޑަގިރީގެ ކޮންމެ ޚިދުމަތަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް، ރަށުގެ ހިތްހަމަޖެހުން ލިބޭގޮތަށް ތަރައްޤީކޮށްފައިވާ ޚިދުމަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކުޑަގިރީގެ މަސައްކަތްތައް ބެލެހެއްޓުމުގައި ސަރުކާރު ޙިއްސާވާ ކުންފުނިތަކާއެކު އެންމެ އިސްކޮށް މަސައްކަތް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިވެހިންނަކީ ޖަޒީރާ ރީތި ގޮނޑުދޮށްތަކާއި، ފެހި ގަސްތަކުގެ ހިޔަލުގެ ހިތްހަމަޖެހުމާއި ނުލައި އުޅެވޭނެ ބައެއް ނޫންކަމަށެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި މާލެ ސަރަޙައްދުގެ ރައްޔިތުން ތިބީ، މިހިތްހަމަޖެހުމިން މަހުރޫމްވެފައިކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ކުޑަބަނޑޮސް ގެއްލި 10 އަހަރަށް ފަހު ދިވެހިންނަށް މި ލިބުނީ، އެތައް ގުނައެއް ފަސޭހަ ޒަމާނީ ވަސީލަތްތަކާއެކު ދަތުރުދެވޭނެ ރަށެއްކަމަށެވެ. އަދި ރަށް ތަރައްޤީކޮށްފައިވަނީ، މުޖުތަމައުން އެއްވެސް ބަޔަކު، މިހިތްހަމަޖެހުމުން މަހުރޫމު ނުވާނެ ގޮތަށްކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ކުރިއަށް އޮތް ތާންގައި ރަށަށް އިތުރު ކުރިއެރުމާއި ތަރައްޤީ އަންނާނެކަމަށެވެ.

"ރަށް ޑިޒައިންކޮށްފައިވަނީ، އެންމެންނަށްވެސް ޚިދުމަތްތައް ލިބޭގޮތަށް. ކުޑަކުދިން، ބޮޑެތި މީހުން، ޒުވާނުން، އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ރަށުގެ ހުރިހާ ފެސިލިޓީތައް ވަނީ ފަހިކޮށްދީފައި." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ރަށުގެ ފުރިހަމަ ހިތްހަމަޖެހުން ލިބޭނީ، ރަށުގެ ފެހިކަން އިތުރުކުރެވިގެން ކަމަށެވެ. ރަށްފެހި ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރުވެސް ނިމިފައިވާ ކަމަށާއި، މިމަސައްކަތުގައި ބައިވުރުވުމުގެ ފުރުސަތު އާއްމުންނަށްވެސް އޮތްކަމަށެވެ.

ކުޑަގިރީގެ މާސްޓަރ ޕްލޭން ތައްޔާރުކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންނެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ، މާސްޓަރ ޕްލޭނާއި އެއްގޮތަށް ރަށުގެ މުހިންމު ބޮޑެތި މަސައްކަތްތައް ނިމިފައިވާކަމަށެވެ. އަދި މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔައީ މުޖުތަމައުގެ ހުރިހާ މީހުންނަށްވެސް އެއްވެސް ތަފާތު ނުކޮށް ޚިދުމަތްތައް ދެވޭގޮތަށް ކަމަށް އާތިފް ވިދާޅުވިއެވެ. ކުރިއަށްއޮތްތަނުގައި ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެކަމަށްވެސް އެޗްޑީސީގެ އެމްޑީ ވިދާޅުވިއެވެ.

"ޚިދުމަތްތައް އަދިވެސް އިތުރަށް ފުރިހަމަ ކުރާނަން. އަދި ޒަމާންތަކަކަށް މިރަށުގެ ޚިދުމަތް ދެމިގެންދާގޮތަށް ބައްޓަން ކުރާނަން." އާތިފް ވިދާޅުވިއެވެ.

ކުޑަގިރި ހިއްކުމާއި، ކުޑަގިރީގެ ބީޗްތައް ހަދާ ރަށުގެ މައި ޖެޓީ ހެދުމުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ. އެގޮތުން ރަށުގެ އެކި ސަރަޙައްދުގައި 7 ބީޗް ހެދުމާއި، މުވައްޒަފުންގެ އެކަމަޑޭޝްން ބްލޮކް ހެދުމާއި، އަދި ކުޅިވަރު ކޯޓުތައްވެސްވަނީ ހަދާފައެވެ.

ކުޑަގިރިއަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ތަރައްޤީކުރި އިންޖީނުގޭގެ މަސައްކަތް ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އަދި ރަށުގެ އެކި ސަރަޙައްދުތަކަށް ކަރަންޓު އެޅުމުގެ މަސައްކަތް ކޮށްފައިވަނީ ސްޓެލްކޯއިންނެވެ. ރަށުގެ ކުނި މޭނެޖްކުރުމުގެ މަސައްކަތް ކުރަނީ ވެމްކޯއިންނެވެ.

އަދި ކުޑަގިރީގައި މިސްކިތް ތަރައްޤީކުރީ އަމިއްލަ ވިޔަފާރިތަކުގެ އެހީގައި، މޯލްޑިވްސް އެސޯސިއޭޝަން އޮން ކޮންސްޓްރަކްޝަން އިންޑަސްޓްރީ މަސީންނެވެ.

ކުޑަގިޅި ފަޅު ހިއްކާ ރަށުގެ މަސައްކަތް ފެށީ 2021ވަނަ އަހަރުއެވެ. ރަށުގައި އެއްފަހަރާ 500 މީހުންނަށް ޚިދުމަށް ދެވޭ ފެސިލިޓީ ވަނީ ޤާއިމުކޮށްފައެވެ.