ޚަބަރު

ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރުމަށް ސާމާނު ގެންގޮސްފި، ކުރިއަށްދަނީ ތާވަލާ އެއްގޮތަށް


ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު މިހާރު އެރަށަށް ގެންގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 18ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރެވެ. މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފަހުގެ ތަފްސީލްތައް ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިޢުވާން މުޙައްމަދު ވިދާޅުވީ އެއަރޕޯޓު ތަރައްޤީކުރުމަށް ސައިޓު ސާފުކުރުމާއި، ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު އެރަށް ގެންދެވިފައިވާކަމަށެވެ.

"ސައިޓު ސާފުކޮށް ވަގުތީ އެކޮމޮޑޭޝަން ގާއިމްކުރުމާއި، މެޓީރިއަލް ބޭލުމުގެ މަސައްކަތް ކުރިއަށް އެބަދޭ، އެއެއަރޕޯޓު ޑިވެލޮޕްމަންޓަށް ބޭނުންވާ މެޓީރިއަލްސް ވަނީ ހަނިމާދޫއަށް ގެންދެވިފައި، އެހެންކަމުން އެތަކެތި ބޭލުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ،" މިއުވާން ވިދާޅުވިއެވެ.

މިޢުވާން ވިދާޅުވީ މަޝްރޫޢުގެ މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާ ޙަވާލުކޮށްގެންނެވެ. އެކުންފުންޏަށް މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓަރމިނަލަކާއި އެއަރޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މާލޭ ސަރަޙައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢެވެ. އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި 2024 ގައި މިމަޝްރޫޢުގެ މަސައްކަތްތައް މުޅިން ނިމި، ބައިނަލްއަޤްވާމީ ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެއެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 737 ސައިޒުގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ޚިދުމަތް ދެވިގެން ދާނެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.