ޚަބަރު

އުރުދުޣާން ވިދާޅުވީ ބިންހެލުމަކީ ތައްޔާރުވާން ނޭނގޭ ފަދަ ބޮޑު ކާރިސާއެއްކަމަށް


ތުރުކީވިލާތަށް ބިންހެލުން އައިސް ސުންނާފަތިވެފައިވާ ސަރަޙައްދަށް އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ޒިޔާރަތް ކުރައްވައި، މީހުން ސަލަމާތްކުރުމުގެ މަސައްކަތްތައް ބައްލަވައިލައްވައިފިއެވެ. ކަހްރަމަންމަރަސްއާއި ޙަތޭއަށް ކުރެއްވި ދަތުރުފުޅުގައި އޭނާ ވަނީ މަރުވެފައިވާ މީހުން ޢާއިލާތަކުގެ އިތުރުން، ޒަޚަމުވެ ފަރުވާދެމުންދާ މީހުންނާ ވެސް ބައްދަލު ކުރައްވާފައެވެ.

ޖަނަވަރީ 6 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތުގައި ތުރުކީވިލާތާއި ސޫރިޔާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 12,000 އިން މައްޗަށް ހުރަސްކޮށްފައެވެ. ފުރަތަމަ ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.8 ގައެވެ. އޭގެ ގަޑިއިރުތަކެއް ފަހުން، 7.5ގެ ބާރުމިނުގައި އިތުރު ބިންހެލުމެއް އައިސްފައިވެއެވެ. އަދި، 5,000 އަށްވުރެ ގިނަ ޢިމާރާތް ވަނީ ބިމާ ހަމަވެފައެވެ.

ކަހްރަމަންމަރަސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވަނީ، ބިންހެލުމަށް ތުރުކީގެ ސަރުކާރުން ދީފައިވާ އިޖާބައަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ. ވިދާޅުވީ، ބިންހެލުމުގައި ވެއްޓުނު ޢިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމަށް އެންމެ އެކަށީގެންވާ އިޖާބައެއް ދެވިފައި ނުވާ ކަން ޤަބޫލުފުޅު ކުރައްވާ ކަމުގައެވެ.

ނަމަވެސް، ތުރުކީ މި ވަގުތު އޮތީ ކޮންޓްރޯލް ކުރެވޭ ފަދަ ހާލަތެއްގައި ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، މި ބިންހެލުމަކީ، އެއްވެސް ސަރުކާރަކަށް ތައްޔާރުވެވޭ ފަދަ ޤުދުރަތީ ކާރިސާއެއް ނޫން ކަމަށް ވިދާޅުވެ، މި ފަދަ ހާލަތަކަށް ތައްޔާރުވުމަކީ ކުޅަދާނަ ކަމެއް ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އަދި، ބިންހެލުމަށް ސަރުކާރުން ދީފައިވާ އިޖާބައަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވަމުންދާތީ، އޭނާ ވަނީ އެ ކަމާ ނުރުހުން ފާޅުކުރައްވާފައެވެ. "މިއީ، އެއްވެސް ހާލެއްގައި، ސިޔާސީ ބޭނުންތައް އިސްކުރަންވީ ވަގުތެއް ނޫން. އެ ފަދަ އަމަލުތައް ބަލައެއް ނުގަނެވޭނެ. މިއީ، އެއްބައިވަންތަކަން އިސްކުރަންވީ ވަގުތު. މިއީ، އެކުގައި ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު،" އުރުދުޣާން ވިދާޅުވިއެވެ.

ނަމަވެސް، ބިންހެލުމުގައި ވެއްޓުނު ޢިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް ސަރުކާރުން ދީފައިވާ އިޖާބަ ލަސް ކަމުގައި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި، މި ފަދަ ކާރިސާއަކަށް އުރުދުޣާންގެ ސަރުކާރުން އެއްވެސް ވަރަކަށް ތައްޔާރުވެފައި ނުވާ ކަމަށް ވެސް އިދިކޮޅުން ދަނީ ބުނަމުންނެވެ.

ބިންހެލުމުގައި 12,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މީގެތެރެއިން 9,057 އަށްވުރެ ގިނަ މީހުން މަރުވެފައި ވަނީ ތުރުކީވިލާތުންނެވެ. ބިންހެލުމުގައި އަސަރުކޮށް، ހާލުގައި ޖެހިފައިވާ މީހުންގެ ޢަދަދު 23 މިލިޔަނަށް އަރާނެ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން އަންދާޒާ ކުރެއެވެ.

އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އެކި ޤައުމުތަކުގެ ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި، 70 އަށްވުރެ ގިނަ ޤައުމަކުން ވަނީ، ތުރުކީއާއި ސޫރިޔާއަށް އެހީ ފޮނުވާނެ ކަން އިޢުލާނު ކޮށްފައެވެ.

ވިލާތުގެ އިއްތިހާދު (އީ.ޔޫ)އިން ބުނީ، ސޫރިޔާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 3.5 މިލިޔަން ޔޫރޯ ފޮނުވާނެ ކަމުގައެވެ. އަދި، ތުރުކީވިލާތަށް 3 މިލިޔަން ޔޫރޯގެ އެހީ ފޮނުވާނެ ކަމުގައެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، އެހީދޭ ޤައުމުތަކާއި ޖަމުޢިއްޔާތަކުގެ ބައްދަލުވުމެއް ބާއްވައި، އިތުރު އެހީ ހޯދުމަށް މަސައްކަތް ކޮށްދޭނެ ކަމުގައި ވެސް އެ އިއްތިހާދުން ވަނީ ބުނެފައެވެ.

ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުންނާއި ކުޑަކުދިން އަދިވެސް ދަނީ ފެންނަމުންނެވެ. އެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ. ޑަބްލިޔު.އެޗް.އޯ.އިން ބުނީ، އެ ދެ ޤައުމުގެ ކުރިމަތީގައި މިހާރު އޮތީ، ސަލާމަތްވި މީހުން ހެޔޮ ހާލުގައި ބޭތިއްބުމުގެ ބޮޑު ޒިންމާއެވެ. އެ މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމާއި، ކާނާއާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ޒިންމާއެވެ.

ނަމަވެސް، ފިނިހޫނުމިން އާދަޔާޚިލާފަށް ދަށްވެ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ ހުރަސް އެޅިފައެވެ. ބިންހެލުން ރެކޯޑު ކުރެވިފައިވާ ތުރުކީވިލާތުގެ ގަޒިއެންޓެޕްގެ ފިނިހޫނުމިން ރޭގަނޑުގެ ވަގުތުގައި މައިނަސް 7 ޑިގްރީ ސެލްސިއެސްއަށް ވަނީ ވެއްޓިފައެވެ. އަދި، ބައެއް ސަރަޙައްދުތަކަށް ސްނޯ ފައިބަމުންދާއިރު، އިތުރު ސަރަޙައްދުތަކަށް ދަނީ ވާރޭވެހެމުންނެވެ.