ޚަބަރު

އެހެން ޤައުމުތަކަށް މަރްޙަބާކިޔާ، ގުޅުން ބަދަހިކުރާ ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމި އޮންނަންޖެހޭ: ޝާހިދު


ރާއްޖެ އަބަދުވެސް ވާންވާނީ އެހެން ޤައުމުތަކަށް މަރުހަބާކިޔާ، އެހެން ޤައުމުތަކާއި ގުޅުންބަދަހިކުރާ ޤައުމެއްގެ ގޮތުގައި ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިހެން ވިދާޅުވީ އެމްޓީޑީސީއަށް 15 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޚާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ސިނާޢަތަކީ ފަތުރުވެރިކަންކަމަށްވީއިރު، އެހެން ޤައުމުތަކާއި، އެޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނާއި ދޭތެރޭ ކަންތައްތައް ބަހައްޓަންޖެހޭ މިންގަނޑުތަކާއި އުސޫލުތަކެއްވާކަމަށެވެ. އެގޮތުން، ރާއްޖެ އަބަދުވެސް ދެމިއޮންނަންވާނީ އެހެން ޤައުމުތަކަށް މަރުހަބާކިޔާ، އެހެން ޤައުމުތަކާއި ގުޅުން ބަދަހި ކުރާ ޤައުމެއްގެ ގޮތުގައި ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ މިރާއްޖެ ވާންޖެހޭނީ ބޭރުގެ ފަތުރުވެރިންނަށް އަބަދުވެސް މަރުބާ ކިޔާ، އެމީހުންނާއި ދޭތެރޭގައި އޯގާތެރިކަމާއިއެކު އަޅުގަނޑުމެންގެ ހިތްތައް ހުޅުވާލައިގެން ތިބޭ ބަޔަކަށް. އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ އަބަދުވެސް މަޝްހޫރުވެފައިވާ މަރްޙާބާކިޔުމުގެ މަތިވެރި ރަމްޒު، ދިވެހި ރާއްޖޭގައި އަބަދުވެސް އޮންނަން ޖެހޭނެ." ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ވަކި ނަސްލެއްގެ ސަބަބުން ނުވަތަ ވަކި ޤައުމަކަށް ނިސްބަތްވުމުގެ ސަބަބުން އެބަޔަކާއިމެދު ތަފާތުކުރުން ބެހެއްޓުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އޮތް ބޮޑު ހުރަހެއްކަމަށްވެސް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

އެމްޓީޑީސީއަށް 15 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ޝާހިދު ވަނީ ވޭތުވެދިޔަ 15 އަހަރު އެކުންފުނިން ރާއްޖޭގައި ފަތުރުވެރިކަން ފުޅާކުރުމަށްކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާ މަރުޙަބާ ވިދާޅުވެފައެވެ. އަދި ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެކުންފުނީގެ ހިއްސާދާރުންނަށް ގެއްލުންވިޔަނުދިނުމަށް އެކުންފުނިންކޮށްފައިވާ މަސައްކަތްތައްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައިއެވެ.

މިހަފްލާގައި މިނިސްޓަރ ޝާހިދުވަނީ، އެމްޓީޑީސީގެ އައު ލޯގޯއާއި ވެބްސައިޓްގެ އިފްތިތާހްކޮށްދެއްވާފައެވެ. އަދި އެކުންފުނީގެ އައު ހެޑް އޮފީހުގެ މަޝްރޫޢުވެސްވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.

އެމްޓީޑީސީގެ އައު ހެޑް އޮފީސް ތަރައްޤީކުރަނީ ހުޅުމާލޭ ސެންޓްރަލް ޕާކް ކުރިމަތިން، 6000 އަކަމީޓަރަށްވުރެ ބޮޑު ބިމެއްގައިއެވެ.

މިއިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނި މިއަހަރުގެ ދެ ވަނަ ކުއާޓަރުގައިއެވެ. އަދި މިއިމާރާތް ތަރައްޤީކޮށް ނިންމާ ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ފަހުކޮޅުގައިކަމަށް އެމްޓީޑީސީން ވިދާޅުވެއެވެ.