ޚަބަރު

ވަކި ބަޔަކަށް ގޯތިދޭން ލިސްޓެއް ހަދާފައެއް ނޯންނާނެ: އަސްލަމް


މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ދިނުމުގައި ވަކި ބަޔަކު ބޭނުންވާ ލިސްޓެއް ގެންގުޅޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ދޮގުކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު އުތުރ ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގައި ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުން އެބޭފުޅުން ގެންގުޅުއްވާ ވަކި ލިސްޓަކަށް އެކަން ކުރައްވާކަމަށް ވިދާޅުވެ ޚަބަރު ފަތުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި މިކަން މިގޮތަށްތޯ ހިނގަނީ މެންބަރު ވަނީ ޕްލޭނިންގ މިނިސްޓަރ އަސްލަމްގެ ކިބައިން ސާފުކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި ވަކި ބަޔަކު ބޭނުންވާ ލިސްޓެއް ގޮތިދިނުމަށް ކަނޑައަޅާފައި ނޯންނާނެކަމަށް މިނިސްޓަރ ވިދާޅުވެފައެވެ.

"ވަކި ބޭފުޅުން ކޮޅެއް ބޭނުންވާ ލިސްޓެއް ނޯންނާނެ. އަޅުގަނޑަކަށް ނޭނގޭ ބޭފުޅުން އެގޮތަށް ވާހަކަދައްކަވާ ކަމެއްވެސް. އަދި އަޅުގަނޑަކަށް އެކަން އެނގިފައެއްވެސް ނެތް. އެކަހަލަ ވާހަކައެއް އަޑެއްވެސް ނާހަން. އަދި އެފަދަ ވާހަކައެއް ބޭފުޅަކު ދެއްކެވިކަމުގައިވިޔަސް އެއީ ހަޤީޤަތެއްނޫން" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ދޭން ވަޢުދުވެފައިވާ 5000 ގޯތި ކަނޑާ، އިން ވަކިކޮށް މިއަހަރުގެ މެދުތެރޭގައި ޙަވާލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައި މާލޭ ސަރަހައްދުން ގޯތިދޫކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ޢަދަދު އިތުރުކުރެއްވުމަށް ނިންމަވާފައިވާކަންވެސް އެމަނިކުފާނު ވަނީ އިޢުލާންކުރައްވާފައެވެ.

ސަރުކާރުން މާލެ ސަރަޙައްދުން ދިނުމަށް ނިންމި 5000 ގޯތީގެ ތެރެއިން 3000 ގޯއްޗަށް މިދިޔަ އަހަރު ޖޫންގައި ހުޅުވާލިއެވެ. އޭގެތެރޭގައި ހިމެނެނީ ހުޅުމާލެއިން ދޫކުރާ 1000 ގޯއްޗާއި، ގުޅީފަޅުން ދޫކުރާ 2000 ގޯއްޗެވެ. ދެން ހިމެނެނީ މާލެ އަތޮޅު ގިރާވަރު ފަޅު ހިއްކާ އެތަނުން ދޫކުރުމަށް ނިންމާފައިވާ 2000 ގޯއްޗެވެ.

މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލުމުން ފްލެޓަށް އެދި ޖުމްލަ 20697 އެޕްލިކޭޝަން އަދި ގޯއްޗަށް އެދި ޖުމްލަ 15164 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. މި ފޯމުތަކުގެ ސައްޙަކަން ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރިއަށެވެ. އަދި ގޯތިލިބޭ ފަރާތްތަކުގެ ލިސްޓު މާރިޗުމަހުގެ ތެރޭގައި އާއްމުކުރާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.