ޚަބަރު

ތުރުކީ-ސޫރިޔާ ބިންހެލުން: މަރުވި މީހުންގެ އަދަދު އިތުރުވުމުގެ އިންޒާރުތައް


ތުރުކީވިލާތަށާއި ސޫރިޔާއަށް ބާރުގަސަ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 8،000އާ ގާތްކޮށްފައިވާއިރު އަދިވެސް މިއަދަދު އިތުރުވަމުންދާނެކަމުގެ އިންޒާރު އިދާރާތަކުން ދީފިއެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ތުރުކީވިލާތުުން 5،894 އަދި ސޫރިޔާއިން މަރުވި 1،932 މީހުންނެވެ.

މި ބިންހެލުންތަކުގައި 25،000އެއްހާ މީހުން ޒަޚަމުވުމުން އެ ދެ ޤައުމުގެ ޞިއްޙީ ފަރުވާދޭ ނިޒާމުވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި ބިންހެލުމުގެ އައިތާ މިހާރު 48 ގަޑިއިރު ވެފައިވާއިރު 8،000އަށް ވުރެ ގިނަ މީހުން ވަނޯ އިމާރާތްތަކުގެ ދަށުން ސަލާމަތްކޮށްފައެވެ. އަދިވެސް އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންނާއި ކުޑަކުދިންގެ އަޑު ހުއްޓުމެއްނެތި އިވެމުންދެއެވެ. ތުރުކީވިލާތަށާއި ސޫރިޔާގައި ވެއްޓިފައިވާ އިމަރާތްތަކުގެ ދަށުން މީހުން ސަލާމަތްނުކުރެވިދާ ކޮންމެ ދުވަހަކީ އެ މީހުންގެ ފުރާނައަށް ނުރައްކާވާނެ ވަޤުތެކެވެ.

ބިންހެލުންތައް ކުރިމަތިވެފައިވާ ސަރަޙައްދުތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރުން ބުނާ ގޮތުގައި ވެއްޓިފައިވާ އިމަރާތްތަކުގެ ދަށުން ދިރިހުއްޓާ މީހުން ސަލާމަތްކުރެވޭނީ ފުރަތަމަ ތިން ދުވަހުއެވެ. ނަމަވެސް ހަތަރެއް ނުވަތަ ފަސް ދުވަސް ފަހުން ބައެއް ޙާލަތްތަކުގައި މީހުން ސަލާމަތްކުރެވިފައިވެއެވެ. ވެއްޓިފައިވާ އިމަރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމަށް އެޅޭ އެންމެ ބޮޑު ހުރަހަކީ ތާށިވެފައިވާ މީހުންނަށް ބޭނުންވާ ފެނާއި ކާބޯތަކެތި ފޯރުކޮށްނުދެވުމާއި ލިބިފައިވާ އަނިޔާތަކަށް ފަރުވާނުދެވުމެވެ. އަދި ބިންހެލުމުގެ އަސަރުކޮށްފައިވާ ސަރަޙައްދުތަކަށް ދެވެން އޮންނަ މަގުތައް އުނދަގޫވެ އެ ސަރަޙައްދުތަކަށް ބޮޑެތި އުޅަނދުތައް ވަނުމަށް ހުރަސްއެޅިފައި އޮތުމެވެ.

85 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތުރުކީވިލާތުގައި ދިރިއުޅޭ 13 މިލިއަން މީހުންނަށް ކޮންމެވެސް ގޮތަކުން ބިންހެލުންތަކުގެ އަސަރުކޮށްފައިވެއެވެ.

ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުމުގައި އައި ފުރަތަމަ ބިންހެލުމުގައި ބޮޑެތި އިމާރާތްތައް ވެއްޓި، ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރިކްޓަރ މިންގަނޑުން 7.6ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް އެ ސަރަޙައްދުތަކަށް ވަނީ އައިސްފައެވެ. އަދި ބިންހެލުމުގެ ސަބަބުން އިތުރު 243 ލޮޅުން އައިސްފައިވާކަމަށް ރިކޯޑް ކުރެވިފައިވާއިރު އެ ލޮޅުންތަކުގެ ގުޑުން ލުބުނާނުގެ ބެއިރޫތާއި ޢިރާޤުގެ ދުހޫކާއި އިރްބީލްއާ ހަމައަށްވެސް އިޙްސާސްކުރެވުނެވެ.