ޚަބަރު

ތިން މަސް ދުވަހުގެ ކުއްލި ނުރައްކަލުގެ ޙާލަތު ތުރުކީވިލާތުގައި އިއުލާންކޮށްފި


ތުރުކީވިލާތަށް އައި ބިންހެލުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރި 10 ޕްރޮވިންސަށް ތިން މަސް ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވައިފިއެވެ. މިކަން އިއުލާނުކުރައްވާ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވީ ތުރުކީވިލާތާ ސޫރިޔާއިން މަރުވި މީހުންގެ އަދަދު ވަނީ 5،000އަށް ވުރެ މައްޗަށް އަރާފައިވާކަމަށާއި މީގެ ތެރެއިން 3،549 މީހުންނަކީ ތުރުކީވިލާތުން މަރުވެފައިވާ މީހުން ކަމަށެވެ.

ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުމުގައި އައި ފުރަތަމަ ބިންހެލުމުގައި ބޮޑެތި އިމާރާތްތައް ވެއްޓި، ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރިކްޓަރ މިންގަނޑުން 7.6ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް އެ ސަރަޙައްދުތަކަށް ވަނީ އައިސްފައެވެ. އަދި ބިންހެލުމުގެ ސަބަބުން އިތުރު 243 ލޮޅުން އައިސްފައިވާކަމަށް ރިކޯޑް ކުރެވިފައިވާއިރު އެ ލޮޅުންތަކުގެ ގުޑުން ލުބުނާނުގެ ބެއިރޫތާއި ޢިރާޤުގެ ދުހޫކާއި އިރްބީލްއާ ހަމައަށްވެސް އިޙްސާސްކުރެވުނެވެ.

އެތައް ގަރުނުތަކެއް ވަންދެން ހަނގުރާމަތަކާއި ޤުދުރަތީ ކާރިސާތަކުގައިވެސް އަސަރުކޮށްފައިނުވާ ތުރުކީވިލާތާއި ސޫރިޔާގެ ތާރީޚީ އާސާރީ ބިނާތައްވެސް ވަނީ މި ނުރައްކާތެރި ބިންހެލުންތަކުގެ ސަބަބުން ހަލާކުވެފައެވެ. ތުރުކީވިލާތުގެ އިދާރާތަކުން ހާމަކުރާ ގޮތުގައި އެޤައުމުން އެކަނިވެސް 5،600 އިމާރާތް ވަނީ ބިމާ ހަމަވެފައެވެ.

ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް ދުނިޔޭގެ އެކި ޤައުމުތަކުން މިހާރު ދަނީ ތުރުކީވިލާތާ ސޫރިޔާއަށް އެހީތެރިކަން ފޮނުވަމުންނެވެ. އެގޮތުން ބިންހެލުން އައިސްފައިވާ ސަރަހައްދުތަކަށް ޤަތަރުން 10،000 މޮބައިލް ހޯމްގެ އިތުރުން 120 ފީލްޑް ހޮސްޕިޓަލަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ތުރުކީވިލާތުން ބުނެއެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަލާމަތީ މަސައްކަތްތަކުގައި އެހީތެރިވުމަށް ޓީމުތައްފޮނުވާފައިވެއެވެ.