ޚަބަރު

ތުރުކީވިލާތާއި ސޫރިޔާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 4،300އަށް


ތުރުކީވިލާތާއި ސޫރިޔާގެ ސަރަޙައްދުތަކަށް އައި ބާރުގަދަ ބިންހެލުމުގައިމަރުވި މީހުންގެ ޢަދަދު 4،300 އަށްވުރެ މައްޗަށް އަރައިފިއެވެ. ތުރުކީއާއި ސޫރިޔާގައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، އިތުރު އެތައް ބަޔަކު ގެއްލިފައިވެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ބުނީ ފުރަތަމަ ބިންހެލުން އައިސްފައިވަނީ ތުރުކީގެ ޢައިންތާބްއާއި ގާތްގަނޑަކަށް 33 ކިލޯމީޓަރު (20 މޭލު) ދުރަށް ކަމަށެވެ. މިއީ އޮގަސްޓް 2021ގައި ދެކުނު އެޓްލާންޓިކް ކަނޑުގައި ރިކޯޑް ކުރެވުނު ބިންހެލުމުގެ ފަހުން އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ދުނިޔޭގައި ރެކޯޑްކުރެވިފައިވާ އެންމެ ބޮޑު ބިންހެލުމެވެ.

އަދި މިއީ 1999ވަނަ އަހަރު އިސްތަންބޫލް ކައިރީގައި އޮންނަ އިރުމަތީ މަރްމަރާ ކަނޑުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި 17،000އަށް ވުރެ ގިނަ މީހުން މަރުވި ފަހުން އެ ޤައުމަށް އައި އެންމެ ނުރައްކާތެރި ބިންހެލުމެވެ.

ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުމުގައި އައި ފުރަތަމަ ބިންހެލުމުގައި ބޮޑެތި އިމާރާތްތައް ވެއްޓި، ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރިކްޓަރ މިންގަނޑުން 7.6ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް އެ ސަރަޙައްދުތަކަށް ވަނީ އައިސްފައެވެ. އަދި ބިންހެލުމުގެ ސަބަބުން އިތުރު 243 ލޮޅުން އައިސްފައިވާކަމަށް ރިކޯޑް ކުރެވިފައިވާއިރު އެ ލޮޅުންތަކުގެ ގުޑުން ލުބުނާނުގެ ބެއިރޫތާއި ޢިރާޤުގެ ދުހޫކާއި އިރްބީލްއާ ހަމައަށްވެސް އިޙްސާސްކުރެވުނެވެ.

ތުރުކީ އާއި އިމަޖެންސީ އެހީދޭ ޓީމުތަކުން ރިޕޯޓްކުރާ ގޮތުގައި 5،600އަށް ވުރެ ގިނަ އިމާރާތް ވަނީ ބައެއް ސިޓީތަކުގައި ބިމާހަމަވެފައެވެ. އަދި ފިނިގަދަވެ، މޫސުން ގޯސްވުމުގެ ސަބަބުން، ސުންނާފަތިވެފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ އެތަކެއް ހާސް ބަޔަކު ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ. ފިނީމޫސުމާއެކު ތުރުކީގެ ފިނިހޫނުމިން އާދަޔާޚިލާފަށް ދަށްވުމުގެ ސަބަބުން، ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުންގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު ވަނީ ދަށްވެފައެވެ. އަދި، ބިންހެލުން އައި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހެމުންދާތީ، މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ޓީމުތަކުގެ މަސައްކަތްތައް ވަނީ މަޑުޖެހިފައެވެ.


ތުރުކީގެ އިދާރާތަކުން ވަނީ އެ ޤައުމުން އެކަނިވެސް މިހާރު 2،921 މީހުން މަރުވެފައިވާ ކަމަށާއި ސޫރިޔާއިން މަރުވި އިތުރު މީހުންނާ އެއްކޮށް، މަރުވި މީހުންގެ އަދަދު 4،365އަށް އަރާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.