ޚަބަރު

ދެކުނުގެ 4 އަތޮޅު މިއަހަރު އާރުޓީއެލް އިން ގުޅާލާނެ: ރައީސް


މިއަހަރު ނިމުމުގެ ކުރިން ދެކުނު ހަތަރު އަތޮޅުގެ ރަށްތައް ޤައުމީ ފެރީ ނިޒާމް، އާރުޓީއެލްގެ ޚިދުމަތުން ގުޅާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެއެވެ.

ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ޞާލިހް ވިދާޅުވީ އެއް ރަށް އަނެއް ރަށާއި، އެއް އަތޮޅު އަނެއް އަތޮޅާ ގުޅި، މުޅި ރާއްޖޭގައި އެކީއެކަށް ހިނގާ އިޤްތިޞާދީ އިންޖީނަކީ، ދަތުރުފަތުރުގެ ނިޒާމުކަމަށެވެ. ބޮޑުތިލަދުންމަތީގެ އިތުރުން، ފާދިއްޕޮޅުގެ ހުރިހާ ރަށެއް އާރުޓީއެލްގެ ޚިދުމަތުން ގުޅި، އޭގެ ފަސޭހަކަން ލިބެމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މުޅި ރާއްޖެ ހުރިހާ ރަށެއް އާރުޓީއެލް ފެރީގެ ނިޒާމުން ގުޅުވާލާނެކަމަށެވެ.

"އިރާދަކުރެއްވިއްޔާ، މި އަހަރު ނިމުމުގެ ކުރިން ހުވަދުއަތޮޅާއި، ފުވައްމުލަކު އަދި އައްޑޫ، އާރު.ޓީ.އެލް.ގެ މި ނިޒާމުން ގުޅައިލާނެ. މިގޮތަށް ކުރިއަށް ގޮސް، ރާއްޖޭގެ ހުރިހާ ރަށެއް، އާރު.ޓީ.އެލް. އިން ގުޅައިލާނަން. އާރު.ޓީ.އެލް.ގެ މިނީބަހުގެ ޚިދުމަތް، މާލެ ސަރަޙައްދާއި، ބޮޑެތި ރަށްތަކުގައި ފެށިއްޖެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން އަމާޒުކޮށްފައިވަނީ އަންނަ އަހަރުގެ ނިޔަލަށް މުޅި ރާއްޖެ އާރިޓީއެލް ފެރީ ނިޒާމުން ގުޅުވާލުމަށެވެ.

އާރް.ޓީ.އެލް.ގެ ޚިދުމަތް، ރައްޔިތުންނަށް ފޯރުކޮށްދެނީ ޓެކްނޮލޮޖީއާ ވަރަށް ރަށްޓެހި ޚިދުމަތެއްގެ ގޮތުގައެވެ. މިގޮތުން، ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ވަގުތަކުވެސް، ކޮންމެ ރައްޔިތެއްގެ އަތުގައި އޮންނަ، ސްމާޓު ފޯނުން، އެ ހުރި ތަނަކުން ދަތުރު ޝެޑިއުލް ބަލާލެވި، ޓިކެޓު ބުކްކޮށްލެވި، އަދި ޓިކެޓަށް ފައިސާ ދެއްކޭނެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ސްޕީޑް ފެރީގެ ޚިދުމަތް ކުރިއަށް ގެންދާނީ 6 ޒޯނަކަށް ބަހާލައިގެންނެވެ. އެ ޚިދުމަތް މުޅި ރާއްޖޭގައި ދިނުމަށް ޒަމާނީ ފެރީގެ ޚިދުމަތް ދޭ 82 އުޅަނދެއް އޮންނާނެކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ. އަދި 188 ފެރީ ޓާރމިނަލް ހުންނާނެކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ. އަދި މި އުޅަނދުތަކަށް ޚިދުމަތް ދޭނެ ބޯޓުޔާރޑު ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޤާއިމުކުރެވިފައި ހުންނާނެއެވެ.

ރާއްޖޭގައި ފެށިގެން ކުރިއަށްދާ ޤައުމީ ފެރީގެ ޚިދުމަތުގެ ސަބަބުން އެއް ރަށް އަނެއް ރަށާ ބޮޑަށް ގުޅާލެވި މުޖުތަމައުގެ ގުޅުން ބަދަހިވެގެންދާނެއެވެ. މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާވެގެން ދާއިރު އެތައް ސަތޭކަ ވަޒީފާ އަލަށް އުފެދިގެން ދާނެއެވެ.