ޚަބަރު

ހޯރަފުށީ ހާފްވޭ ހައުސްގެ މަސައްކަތް އޭޕްރީލްމަހަށް ނިންމާލެވޭނެ: އާޒިމް


ހއ. ހޯރަފުށީގައި އަޅާ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މަސައްކަތް އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމް.ޓީ.ސީ.ސީއިން ވިދާޅުވެއްޖެއެވެ. މި ޖުވެނިއަލް ޖަސްޓިސް ޔުނިޓަކީ އެ ސަރަޙައްދުގައި ހަދާ ފުރަތަމަ ޔުނިޓްއެވެ.

ހޯރަފުށީގައި އަޅާ ޖުވެނައިލް ޖަސްޓިސް ހާފްވޭ ހައުސްގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. 10،000 އަކަފޫޓްގެ ބިމެއްގައި އަޅާ މި ޔުނިޓްގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ އެ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައެވެ. މި މަސައްކަތަކީ އެކި ކުށްކުށުގައި ދަޢުލަތުގެ ބެލުމުގެ ދަށަށް ގެންނަ، 18 އަހަރުން ދަށުގެ ކުޑަކުދިން ބޭތިއްބުމަށް ހަދާ ތަނެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވީ، ޖުވެނިއަލް ޖަސްޓިސް ޔުނިޓްގެ މަސައްކަތް މިހާރު ބާރުދުވެލީގައި ކުރިއަށްދާކަމަށެވެ.

އެގޮތުން އިމާރާތުގެ ކޮންސްޓްރަކްޝަންގެ ބޮޑު ބައެއް ނިމިފައިވާކަމަށާއި، މިހާރު އޮތީ ރޫފިން އަޅާ ހިސާބުގައިކަމަށެވެ. އަދި އޭޕްރީލް މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެކަމަށް އާޒިމް ވިދާޅުވިއެވެ. މި ޔުނިޓްގައި އޮފީސް ބަޔަކާއި އެތަނަށް ގެންދާ ކުދިންނަށް ފަރުވާދިނުމަށް ރޫމްތަކާއި ހޯލުވެސް ހުންނާނެއެވެ.

ހާފްވޭ ހައުސްގެ އެންމެ ބޮޑު ބޭނުމަކީ، ކުށްތަކުގައި ގެންނަ ކުދިންނަށް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދީ، އެ ކުދިން އަނބުރާ މުޖުތަމަޢުއަށް ނެރުމުގައި ބޭނުންވާ އެހީތެރިކަމާ ރިހެބިލިޓޭޝަން ފަރުވާ ފޯރުކޮށްދިނުމެވެ.

ޖުވެނައިލް ޖަސްޓިސް ނުވަތަ ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ދަނީ މުހިންމު ގިނަ މަސައްކަތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުވަނީ ކުށްތަކުގައި ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އާއްމު ނިޒާމުގެ ތެރެއިން ތަޢުލީމު ދިނުމަށް އެކަމަށް ބޭނުންވާ ކްލާސްރޫމް އައްސޭރި ޖަލުގައި ހަދާ ކިޔަވައިދޭން ފަށާފައެވެ.