ޚަބަރު

މާލޭ ފެނުގެ ރިޒާވް ސެޕްޓެމްބަރު މަހު ނިންމަނީ


މާލޭގައި ރައްކާތެރި ފެނުގެ ރިޒާވެއް ޤާއިމުކުރުމަށްޓަކައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީއިން ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް ސެޕްޓެމްބަރު މަހު ނިމޭނެކަމަށް އެމް.ޑަބްލިއު.އެސް.ސީއިން ހާމަކޮށްފިއެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ އާބާދީއަށް ބަލައިގެން އެރަށެއްގައި ފެނުގެ ޚިދުމަތް ދިމާވާ އެކި ސަބަބުތަކުގެ ސަބަބުން މެދުކެނޑޭ ޙާލަތްތަކުގައި ބޭނުންކުރާނެ، 5 ދުވަހުގެ ފެނުގެ ރިޒާވެއް ޤާއިމުކުރުމަށް އަލަށް އެކުލަވާލެވުނު "ފެނާއި ނަރުދަމާގެ ޤާނޫނުން" ލާޒިމްކުރެއެވެ. 2021 ވަނަ އަހަރު އެކުލަވާލެވުނު މިޤާނޫނާއެކު ރާއްޖޭގެ އާބާދީ އެންމެ ބޮޑު މާލޭގައި ފެނުގެ ރިޒާވެއް ޤާއިމުކުރުމުގެ މަސައްކަތް އެމް.ޑަބްލިއު.އެސް.ސީއާއި ވަނީ ޙަވާލުކޮށްފައެވެ. މާލޭގެ އާބާދީގެ ނިސްބަތުން 13000 ކިއުބިކް މީޓަރުގެ ދެ ފެންތާނގީ ބެހެއްޓުމަށް ޙަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމް.ޑަބްލިއު.އެސް.ސީއިން ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ފުރަތަމަ ކުރާޓަރގައި ނިމޭނެކަމަށް ލަފާކުރިނަމަވެސް މަސައްކަތް ލަސްވަމުންދަނީ ބައެއް އިދާރާތަކުން ލިބެންޖެހޭ ހުއްދަތައް ނުލިބި ދިގުލައިގެން ދިޔުމުގެ ސަބަބުންކަމަށެވެ.

މިހާރު މަސައްކަތް ކުރިއަށްދާގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހަށް މާލޭގައި ޤާއިމުކުރާ ފެނުގެ ރިޒާވްގެ މަސައްކަތްތައް ނިންމާލެވޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. މާލޭގައި ފެނުގެ ރިޒާވެއް ޤާއިމުކުރަނީ ބަޖެޓުން 82 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެންނެވެ.

އެމްޑަބްލިއުއެސްސީއިން ވިދާޅުވީ މިމަޝްރޫޢުގެ ދަށުން މިހާރު އަންނަނީ ދެތާނގީ ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ވަށާ ފާރު ރޭނުމާއި، ތާނގީ ބެހެއްޓުމަށްޓަކައި ފައުންޑޭޝަން އެޅުމުގެ މަސައްކަތްތަކަމަށެވެ.

މާލޭގައި ޤާއިމުކުރާ 13000 ކިއުބިކް މީޓަރުގެ ދެތާނގީ ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކުރިން އެސްޓީއޯގެ ރެޑީ މިކްސް ކޮންކްރީޓު މަސައްކަތް ކުރަމުން އައި މާލޭގެ 378 ނަމްބަރު ކޮށީގައެވެ. މިމަސައްކަތް ނިމިގެންދާއިރު ކުއްލި ޙާލަތެއްގައި މާލޭގައި ދިރިއުޅޭ އާބާދީއަށް 5 ދުވަހު ބޭނުންކުރެވޭނެ ފެން ރައްކާކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެއިތުރުން މާލެއަށް ނުވަތަ ހުޅުމާލޭގައި ފެނުގެ މައްސަލައެއް ދިމާވެއްޖެނަމަ ފެން ފޮނުވޭނެ ގޮތަށް ސިނަމާލޭ ބްރިޖް ދަށުގައިވަނީ ހޮޅިއަޅާފައެވެ.

މާލޭގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މިހާރުވެސް 20000 ޓަނުގެ ފެން އުފައްދަމުން އަންނަކަމަށާއި ދުވާލެއްގެ މައްޗަށް 18000 ޓަނުގެ ފެން ބޭނުން ކުރަމުން އަންނަކަމަށް އެމް.ޑަބްލިއު.އެސް.ސީއިން ވިދާޅުވެއެވެ. އަދި ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނަގޮތުން ފެނުގެ ޑިމާންޑް ބޮޑުވަމުން އަންނަކަމަށާއި މިހާރުވެސް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 11000 ޓަނުގެ ފެން ރައްޔިތުން ބޭނުން ކުރަމުން އަންނަކަން އެކުންފުނިން ފާހަގަކުރައްވައެވެ.

އިތުރުވަމުންދާ މާލޭގެ އާބާދީއަށް ފެން ފޯރުކޮށްދިނުމަށް އެމް.ޑަބްލިއު.އެސް.ސީއިން 2018 ވަނަ އަހަރުވަނީ، ދުވާލަކު 2000 ޓަނުގެ ފެން އުފައްދާ އިތުރު ސިސްޓަމެއް މާލޭގައި ޤާއިމުކޮށްފައެވެ.