ޚަބަރު

ސްޓެލްކޯގެ 100 މެގަވޮޓްގެ އިންޖީނުގޭގެ މަސައްކަތް 2 މަސްތެރޭގައި ފެށޭނެ: ޝަރީފް


ހުޅުމާލޭގައި ސްޓެލްކޯއިން ތަރައްޤީކުރުމަށް ނިންމާފައިވާ 100 މެގަވޮޓްގެ އިންޖީނުގޭގެ މަސައްކަތް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން މާލެ ސަރަޙައްދަށް ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މި ސަރަޙައްދުގެ އިތުރުވަމުން އަންނަ އާބާދީއަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ ޤާއިމުކުރުމަށް އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްކެއް ކުރަމުންނެވެ.

ސްޓޭލްކޯގެ "ސިކްސްތް ޕަވަރ ޕްރޮޖެކްޓް" ނުވަތަ، ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ 100 މެގަވޮޓްގެ އިންޖީނުގޭގެ މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަކަތަައިގެ އެންމެ ބިޔަ މަޝްރޫޢުއެވެ. އާ ޕްރޮޖެކްޓް އެ ކުންފުނިން އިޢުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. މި މަޝްރޫޢު ކުރިއަށްގެންދާނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސްޓޭލްކޯއިން ތަރައްޤީކުރި "ފިފްތް ޕަވަރ ޕްރޮޖެކްޓް" އިންޖީނުގެއާ، އިންވެގެން އޮތް ބިމުގައެވެ.

ފިފްތް ޕަވަރ މަޝްރޫޢަކީ މިހާތަނަށް އެއް އިމާރާތެއްގައި ޚިދުމަތްދެމުންދާ އެންމެ ބޮޑު އިންޖީނުގެއެވެ. އެ އިންޖީނުގޭގައި 50 މެގަވޮޓްގެ ކަރަންޓު ދެވޭ ކެޕޭސިޓީބ ވަނީ ޤާއިމުކޮށްފައެވެ.

ނަމަވެސް މާލެ ސަރަޙައްދުގައި އިތުރުވަމުން އަންނަ އާބާދީއާއި، އަދި ވިޔަފާރީގެ ހަރަކާތްތަކަށް ބަލާ ސްޓެލްކޯއިން ވަނީ މި ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ނިންމާފައެވެ.

ސްޓެލްކޯގެ މަސައްކަތަކާއި ގުޅޭ މަޢުލުމާތު ޙިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވީ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. އެގޮތުން ޕްރޮޖެކްޓްގެ ފައިނޭންސިން މޮޑެލް ތައްޔާރުކޮށް، ފިނޭނެސް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ފައިނޭންސިން މޮޑެލް ހުށައަޅާފައިވަނީ. އިކޮނޮމިކް ކައުންސިލްގެ އެޕްރޫވަލް ލިބުނުހާ އަވަހަށް މަސަައްކަތް ފަށާނަން. އުއްމީދު ކުރަނީ ޕްރޮޖެކްޓްގެ ފުރަތަމަ މަރުޚާލާގެ މަސައްކަތްތައް ކުރިއަށް އޮތް ދެ މަސް ތެރޭގައި ފެށޭނެކަމަށް." ޝަރީފް ވިދާޅުވިއެވެ.

ސްޓެލްކޯއިން މިހާރު މަސައްކަތްތައް ބަންޓަންކޮށްފައިވަނީ މައި އިންޖީނުގެތަކެއް ހަދާ، ޚިދުމަތް ބޭނުންވާ ސަރަޙައްދުތަކަށް އިންޓަރކަނެކްޝަން މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދިނުމަށެވެ.

އެގޮތުން ހުޅުމާލޭގައި ހުރި އިންޖީނުގެއިން ހުޅުލެއަށާއި އަދި ހުޅުމާލެ ދެވަނަ ފިޔަވައްސަށްވެސް އަންނަނީ ޚިދުމަތް ދެމުންނެވެ.

އެ ކުންފުނިން އަންނަނީ ކުރިއަށް އޮތް ހޫނު މޫސުމަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި ސްޓެލްކޯގެ ބާ އިންޖީނުގެ ހިންގި އިމާރާތަށް 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ ވަނީ އިތުރުކޮށްފައެވެ.

"25-30 މެގަވޮޓްގެ ކެޕޭސިޓީ ވަނީ އިތުރުކޮށްފަ. ކުރިއަށް އޮތް ދެމަސްތެރޭ މަސައްކަތްތައް ނިމި ޚިދުމަތް ފެށޭނެ. ކުރިއަށް އޮތް ހޫނުމޫސުމަށް ކެޕޭސިޓީ އިތުރަންޖެހޭކަން، ބެލި ބެލިމުން އިނގޭ." ޝަރީފް ވިދާޅުވިއެވެ.

މާލެ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް މިހާތަނަށް 100 މެގަވޮޓްއާ ގާތަށް ވަނީ އިންޖީނު ބަހައްޓާފައެވެ. މާލެއަށް ދުވާލަކު 84 މެގަވޮޓްގެ ކެޕޭސިޓީގެ ކަރަންޓު ދުވާލަކަށް ބޭނުންވެއެވެ.