ވިޔަފާރި

އެގްރޯ ބޯޓުތަކުގެ ޑިޒައިން ދައްކާލައިފި، ހުރިހާގޮތަކުންވެސް ފުރިހަމަ


ރާއްޖޭގެ ދަނޑުވެރިކަމަށް އިންގިލާބީ ބަދަލެއް ގެނައި ކުންފުންޏަކީ މި ސަރުކާރުން އުފެއްދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއެވެ. އެގްރޯނެޓުން އަންނަނީ ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދަނޑުވެރިންނަށް ތަކެތި އުފެއްދޭނެ މަގު ފަހިކޮށްދީ އަދި އެމީހުންގެ އުފެއްދުންތައް ބާޒާރުގައި މާކެޓްވެސް ކޮށްދެމުންނެވެ.

އެގްރޯގެ މަސައްކަތައް އިތުރު ފަސޭހަތަކެއް ގެނެސް ދަނޑުވެރިންގެ އުފެއްދުންތައް އަވަސްކަމާއި ފަސޭހަކަމާއިއެކު އެއްތަނުން އަނެއްތަނަށް އުފުލުމަށްޓަކައި ބޯޓުތަކެއް ބަނުމުގެ މަސައްކަތް އެ ކުންފުނިން ވަނީ ފަށާފައެވެ. މިހާރު މިވަނީ އެ ބޯޓުތަކުގެ ޑިޒައިން ދައްކާލާފައެވެ. އެގްރޯނެޓުން ބަންނަނީ 65 ފޫޓުގެ ފައިބަރގްލާސް 2 އުޅަނދެވެ.

ޑިޒައިންތަކުން ދައްކާގޮތުން މި ބޯޓުތަކަކީ ވަރަށް ޒަމާނީ ފެންވަރަކަށް ބަންނަ ރީތި އުޅަނދުތަކެކެވެ. މި ބޯޓުތައް ފަރުމާކޮށްގެން ބަންނަނީ ދަނޑުވެރިންގެ އުފެއްދުންތައް ތާޒާކަމާއިއެކު ރައްކާކުރެވޭނެ ގޮތައް ފިނިކުރާ ނިޒާމްތަކާއި އެކުގައެވެ. އެގޮތުން މި ބޯޓުތަކުގައި ކާގޯ ކޮންޕާޓްމެންޓްސްތަކާއި، މުދާ ރައްކާކުރެވޭނެ ގެގަނޑުތައް ހުންނާނެއެވެ. މި ކާގޯ ކޮންޕާޓްމަންޓްސްތަކަކީ 18 ފޫޓު 6 ފޫޓުގެ އޭސީކޮށް ފިނިހޫނުމިން ކޮންޓްރޯލް ކުރެވޭނެ ގޮތައް ފަރުމާކޮށްފައި ހުންނަ ތަންތަނެވެ.

މި ބޯޓުގައި މަސައްކަތްކުރާ ފަޅުވެރިންނަށް ނިދައި ކައިބޮވޭނެ އިންތިޒާމްވެސް ހުންނާނެއެވެ. އެގޮތުން ފަޅުވެރިން ނިދުމަށްޓަކައި ކޮޓަރިތަކާއި ފާހާނާތައް ހުންނާނެއެވެ.

މި ބޯޓު ބަންނަނަނީ ބޯޓުގެ ޑެކުގައި ސޯލާ ނިޒާމް ހަރުކޮށްގެންނެވެ. މިއާއިއެކު މޭވާއާއި ތަރުކާރީތައް ފިނިކުރަން ކަރަންޓު ބޭނުންކުރާނީ މި ސޯލާ ހަކަތައިންނެވެ. އެހެންކަމުން ކަރަންޓަށް ކުރާ ހޭދަ ބޮޑުތަކުން ކުޑަވެގެންދާނެކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ.

މި މަޝްރޫއަކީ ޖަޕާނު ސަރުކާރުގެ މާލީ އެހީތެރިކަމާއިއެކު ހިންގާ މަޝްރޫއެކެވެ. އަދި ބޯޓުތައް ބަނުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނީ ޔޫއެންޑީޕީއިންނެވެ. އެގްރޯނެޓާއި ގުޅިގެން ދަނޑުވެރިން ހައްދާ ތަކެތި މިހާރު ފޮނުވަނީ ރާއްޖޭގެ ދަތުރުފަތުރުކުރުމުގައި އާންމުކޮށް ބޭނުންކުރާ ބޯޓުތަކުގައެވެ. މި ބޯޓުތަކުގައި މިކަން ކުރުމުގެ ސަބަބުން އެގްރޯނެޓަށް އެއްވެސްކަހަލަ ކޮންޓްރޯލެއް ނޯންނަކަމަށް އެ ކުންފުނިން ބުނެއެވެ.

ދަނޑުވެރިކަމުގެ ބާވަތްތަކަކީ ވަރަށް ބޮޑަށް ހަލާކުވާ ޒާތުގެ ތަކެއްޗަށްވުމުގެ ސަބަބުން ރަނގަޅަށް ރައްކާކުރެވޭނެ އިންތިޒާމް ހުންނަންޖެހެއެވެ. ނަމަވެސް އާންމުކޮށް ރާއްޖޭގައި ބޭނުންކުރާ ބޯޓުތަކުގައި މިފަދައިން ސްޓޯކުރެވޭނެ އިންތިޒާމް ނެތުމަކީ ދިމާވާ ދައްޗެއްކަމަށް އެގްރޯނެޓުން ބުނެއެވެ. އެހެންކަމުން އެގްރޯނެޓްގެ ވިސްނުމަކީ ދިގު މުއްދަތަކަށް ގިނަ ދުވަހު ބެހެއްޓޭނެ ގޮތަކަށް ފަރުމާކުރުމަށްފަހުގައި ބޯޓުތައް ބަނދެ ދަނޑުވެރިންނާއި ހަމައަށް ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

އަލީބަލީ

ބޯޓުގައި ވަސީލަތްތައް ފުރިހަމަ. އެކަމަކު ޑިޒައިނާއި ކިއްސަރު ވަރަށް ހުތުރު. ދިވެހި ވަންތަ ނުކުރީ ކީއްވެބާ. ނޫނީ ޒަމާނީ ބަނދަރުތަކާއި ގުޅެގޮތަށް ވެސް ޑިޒައިން ކުރެވިނީސް