ދުނިޔެ

އީޔޫގެ މެންބަރެއްގެ ގޮތުގައި އޮތުމާމެދު ޔޫކޭއިން ގޮތެއް ނިންމަނީ


ވިލާތުގެ އިއްތިޙާދުގެ މެންބަރެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮތުމާމެދު ފެންނަ ނުފެންނަ ވޯޓެއް އަންނަ ޖޫންމަހު 23 ގައި ނެގުމަށް ހަމަޖެހިފައިވާކަމަށް އެޤައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން އިޢުލާންކުރައްވައިފިއެވެ.މިކަން އަވަސްކޮށްފައިވާކަން ބޮޑު ވަޒީރު ޑޭވިޑް ކެމެރަން އިޢުލާންކުރެއްވީ ރޭގެ ވަގުތެއްގައެވެ.އިނގިރޭސިވިލާތް އިއްތިހާދުގެ މެންބަރަކަށްވުމަށްޓަކައި އިއްތިހާދުގެ ގަރާރުގައި ސޮއިކުރީ 1973 ވަނަ އަހަރުގައެވެ. މުޅި އިއްތިހާދުގެ އެންމެ ބާރުގަދަ އެއް ޤައުމުގެ ގޮތުގައި ހިމެނޭ އިގިރޭސިވިލާތް، އިއްތިހާދުން ވަކިވުމުގެ ވާހަކައަކީ އޭރުން ފެށިގެންވެސް ދެކެވެމުންދާ ވާހަކައެކެވެ. މިކަމަށް އިތުރު ބާރެއް ލިބިގެންދިޔައީ، އެންމެފަހުގެ އާންމު އިންތިހާބުގައި ވާދަކުރެއްވި ގިނަ ފަރާތްތަކުން މިކަމަށް ތާއީދުކުރެއްވުމާއި ގުޅިގެންނެވެ.ކެމެރަން ނިސްބަތްވެވަޑައިގަންނަވާ ކޮންޒަވެޓިވް ޕާޓީގެ ގިނަ މެންބަރުން ވަނީ މި މައްސަލައިގައި ޚިޔާލު ތަފާތުވެފައެވެ. އިއްތިހާދުގައި އިގިރޭސިވިލާތުގެ މަޤާމް އިތުރަށް ހަރުދަނާކޮށް، އިތުރު އިނާޔަތްތައް ހޯދައިދިނުމަށް ކެމެރަން ދަނީ އެކި މަސައްކަތްތައް ކުރައްވަމުންނެވެ. ނަމަވެސް، އިނގިރޭސިވިލާތުގެ އާރާއި ބާރު އިއްތިހާދުގެ ތެރޭގައި ކުޑަވެފައިވާ ކަމަށާއި އިއްތިހާދުން ވަކިވުމުން އެޤައުމަށް އިތުރު ފައިދާތަކެއް ލިބޭނެކަމަށް ވިދާޅުވެ، ކެމެރަންގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ނުފޫޒުގަދަ ބައެއް މެންބަރުން ދަނީ ވަކާލާތުކުރައްވަމުންނެވެ.އިނގިރޭސިވިލާތް އިއްތިހާދުން ބޭރުވެއްޖެނަމަ، އެންމެ ބޮޑު ގެއްލުމެއް ލިބިގެންދާނީ އިއްތިހާދަށެވެ. އިނގިރޭސިވިލާތަކީ އިއްތިހާދުގެ ޤައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު އަދި ދެވަނައަށް އެންމެ ބޮޑު އަސްކަރީ ބާރުވެސްމެއެވެ.އިނގިރޭސިވިލާތް އިއްތިހާދުން ވަކިވެއްޖެނަމަ، ވިލާތުން ވަކިވެ، ވަކި ދައުލަތެއްގެ ގޮތުގައި ޤާއިމްވުމުގެ މަސައްކަތް ފަށާނޭކަމަށް ސްކޮޓްލަންޑުން ވަނީ ބުނެފައެވެ.ޚިޔާލުހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި އިއްތިހާދުން ވަކިވުމާއިމެދު އެޤާއުމުގެ ރައްޔިތުން ވަކި ނިންމުމެއް އަދި  ނިންމާފައެއްނުވެއެވެ.