ޚަބަރު

ގޯތި ދޫނުކުރަން ނިންމާފައެއް ނުވޭ، މިއަދުން ފެށިގެން ފޯމު ހުށަހެޅޭނެ: އައްޑޫ ސިޓީ ކައުންސިލް


ފޯމު ހުށައެޅޭ މުއްދަތު އިތުރުކޮށް އައްޑޫ ސިޓީން ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ގޯތި ދޫކުރުމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށްފައިވާކަމަށް މީޑިއާގައި ވާހަކަތަކެއް ދެކެވުނަސް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ އައްޑުއިން ގޯތި ދޫކުރުމަށް ނިއްމި ނިންމުމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށެވެ.

އައްޑޫގެ 4 ރަށަކުން ހާހެއްހާ ގޯތި ދޫކުރުމަށް އިއުލާނުކޮށްފައިވަނީީ މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ގޯތި ދޫކުރުމަށް ހުޅުވާލާފައިވަނީ އައްޑޫ ސިޓީ ހުޅުދޫއާއި މީދޫ އަދި ފޭދޫ އާއި ހިތަދޫއިންނެވެ.

ސިޓީ ކައުންސިލުން ހުޅުވާލާފައިވަނީ އައްޑޫ މީދުއިން 100 ގޯތި، ހުޅުދުއިން 100 ގޯތި އަދި ފޭދޫއިން 300 ބަންޑަރަ ގޯއްޗާއި ހިތަދޫއިން 300 އާއި 400 އާ ދެމެދުގެ އަދަދެއްގެ ގޯތި ދޫކުރުމަށެވެ.

ހުޅުމީދޫއިން ދޫކުރަނީ 2000 އަކަފޫޓޫގެ ގޯއްޗެވެ. އަދި ފޭދޫރިން ދޫކުރަނީ 1500 އަކަފޫޓުގެ ގޯއްޗެކެވެ. މި ގޯތި ތަކުގެ ތެރެއިން %90 ގޯތި ދޫކުރާނީ އެރަށެއްގެ ރައްޔިތުންނަށްކަމަށާއި، %10 ގޯތި ދޫކުރާނީ އެހެން ރަށްރަށު މީހުންނަށްކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

އައްޑޫ ސިޓީން ގޯތި ދޫކުރުމަށް ނިންމި ނިންމުން އުވާލާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ހަބަރުތަކެއް ފަތުރާފައެވެ. ނަމަވެސް މިކަން ދޮގުކުރައްވައި، ސިޓީ ކައުންސިލުން ބުނީ ގޯތި ދޫކުރަން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށެވެ. ނަމަވެސް ރައްޔިތުންނަށް އޮޅުން އަރާ ކަންތައްތަކެއް ހުރުމުގެ ސަބަބުން، ގޯއްޗަށް ހުށައަޅާ ފޯމަށް ބައެއް ބަދަލުތައް ގެންނަންޖެހުނުކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ ފޯމުގައި ރައްޔިތުންނަށް އޮޅުން އަރާފަދަ ބައެއް ކަންކަން އިސްލާހުކޮށް، އިދާރީގޮތުން ހުރި ކުދިކުދި މައްސަލަތަކެއް ޙައްލުކޮށް މިހާރު ފޯމުު ހުށައެޅުމަށް ހުޅުވާލާފައިއެވެ.

ގޯއްޗަށް އިޢުލާންކުރިއިރުވެސް، ފޯމް ހުށައަޅަން ފަށާ ތާރީހުގެ ގޮތުގައި އޮތީ މިއަދުކަން ކައުންސިލުން ފާހަގަކުރެއެވެ. އަދި އިއުލާނާއި އެއްގޮތަށް މިއަދުން ފެށިގެން ހުޅުދުއާއި މީދުއާއި ފޭދޫގެ ގޯއްޗަށް އެދޭ ފަރާތްތަކަށް ފޯމު ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ. މި 3 ރަށުގެ ފޯމު ހުށައެޅުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 28 އަށެވެ.

ހިތަދޫގެ ގޯތިތަކަށް ފޯމް ހުށަހަޅަން ހުޅުވާލާނީ މިމަހުގެ 5 ދުވަހުކަމަށާއި އަންނަ މަހުގެ 5 ވަނަ ދުވަހާއި ހަމައަށް މި ފުރުސަތު އޮންނާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ފޯމު ހުށައަޅަން ހުޅުވާލާފައިވަ މުއްދަތުގައި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން، 13:00އާއި ހަމައަށް އަވަށު އޮފީސްތަކުން ފޯމު ބަލައިގަންނާނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ އައްޑުއިން ގޯތި ގެދޮރު އެޅުމަށް ބިން ދޫނުކުރާތާ 20 އަށްވުރެ ގިނަ އަހަރުވެދާނެކަމަށެވެ. އަދި މިވަގުތަށް ބަލާއިރުވެސް ގެދޮރު އެޅުމަށް އަމިއްލަ ބިން ބޭނުންވާ ވަރަށް ގިނަ ރައްޔިތުން ރަށްރަށުގައި ތިބިކަމަށެވެ.

ކައުންސިލުން ވިދާޅުވީ މި ހުޅުވާލި ފުރުޞަތުގައި 3000 އަށްވުރެ ގިނަ މީހުން ފޯމު ހުށައަޅާނެކަމަށް ބެލެވޭކަމަށެވެ.

އައްޑޫގައި ފްލެޓް ތަރައްޤީކޮށް އެންމެ ފަހުން ދޫކުރި 27 ހައުސިން ޔުނިޓަށްވެސް 1000އާއި ގާތްކުރާ އަދަދަކަށް ފޯމު ހުށައެޅިކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.