ޚަބަރު

ފެލިދޫއާއި ކެޔޮދޫ ގިރާ ސަރަޙައްދު ޙިމާޔަތްކުރަނީ


ދެ ރަށަކަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، އެ ދެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ބަޔަކާއި ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން މިދެރަށުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ސާސް-އީ ކޮންސްޓްރަކްޝަންއާއެވެ.

ރާއްޖޭގެ ބައެއް ރަށްރަށަށް ކުރިމަތިވެފައވާ ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށް ރަށްރަށުގެ ގޮނޑު ދޮށް ޙިމާޔަތްކުރުމުގެ އެތައް މަޝްރޫޢުތަކެއް މިވަގުތުވެސް ކުރިއަށް އެބަދެއެވެ. ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ވ.ފެލިދޫއާއި އެއަތޮޅު ކެޔޮދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްވެސް ޕްލޭނިންގ މިނިސްޓްރީން މިހާރު ވަނީ ސާސް-އީއާއި ޙަވާލުކޮށްފައެވެ.

އެކުންފުންޏާއި މިދެމަޝްރޫޢުވެސް ޙަވާލުކޮށްފައިވަނީ 15 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިދެރަށުގެ މަޝްރޫޢު އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 33 މިލިއަން ހަތްލައްކަ ނުވަދިހަ ތިންހާހަށްވުރެ ގިނަ ރުފިޔާއަށެވެ.

ޕްލޭނިންގ މިނިސްޓްރީން އެކުންފުންޏާއި ޙަވާލުކޮށްފައިވާ ފެލިދޫގެ މަޝްރޫޢުގެ ދަށުން އެރަށުގައި ގިރަމުންދާ ސަރަޙައްދު ޙިމާޔަތްކުރުމަށް 15000 ކޮޑި މީޓަރުގެ ވެލި އެސަރަޙައްދަށް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި 165 މީޓަރު ބޮޑުހިލައިގެ ވައި-ގްރޮއިންއަކާއި 129 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންއިންއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 131 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއްވެސް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫޢުގެ ދަށުން ކެޔޮދޫގައި ގިރަމުންދާ ސަރަޙައްދު ޙިމާޔަތްކުރުމަށް 20000 ކޮޑި މީޓަރުގެ ވެލި އެސަރަޙައްދަށް އެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި 280 މީޓަރުގެ ވައި ގްރޮއިންއެއް ޤާއިމުކޮށް 120 މީޓަރުގެ ބޭރުތޮއްޓެއް ލުމަށްވަނީ ހަމަޖެހިފައެވެ.

މިދެމަޝްރޫޢު އެކުންފުންޏާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފަތުމަތު ޝާނާ ފާރޫޤްއެވެ. އަދި ސާސް-އީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސަޢުދުﷲ އަޙްމަދެވެ.