ޚަބަރު

"ބީވީމާ" ގެ ޕްރިމިއަރ ޝޯވއާއެކު 3 ޝޯވއެއްގެ ޓިކެޓް ފުލް


ދިވެހި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ޑާކްރެއިން އެންޓަޓެއިންމަންޓަކީ މިހާރު އައު ނަމަކަށް ނުވާނެއެވެ. މީގެ ކުރިންވެސް ކާމިޔާބު އެތައް ފިލްމްތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ ޑާކްރެއިނުން އަނެއްކާވެސް މިވަނީ ބެލުންތެރިންނާ ހަމައަށް ތަފާތު ރަހަތަކަކާއެކު އައު ފިލްމެއް ގެނެސްދޭން ތައްޔާރުވެފައެވެ.

ބޮޑެތި މަރާމާތުތަކަކަށްފަހު އޮލިމްޕަސް އަލުން ހުޅުވުމަށް ތައްޔާރުވެފައިވާއިރު، މިއާއެކު ގާތްގަނޑަކަށް 3 ވަރަކަށް އަހަރުގެ މެދުކެނޑުމަކަށްފަހު، ދިވެހި ފިލްމީ އިންޑަސްޓްރީއަށްވެސް މިވަނީ ޢީދެއް އައިސްފައެވެ. ފުލުފުލުގައި ފިލްމުތައް އެޅުވުމަށް ބުކިންގ ހައްދާފައިވާއިރު، ލިސްޓުގެ އެންމެ ކުރީގައި އޮތީ ޑާކްރެއިންގެ "ބީވީމާ"އެވެ.

"ބީވީމާ"އަކީ ފިލްމު އިޢުލާންކުރި ހިސާބުން ފެށިގެންވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ ފިލްމެކެވެ. ވަކިން ޚާއްސަކޮށް މިއީ އެކްޓިންގގެ ދާއިރާއަށް މުޅިން އަލަށް މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ ތަޢާރަފްވާ ފިލްމަށްވުމާއެކު، އޭނާގެ ފޭނުންވެސް ތިބީ މި ފިލްމު ބަލާލުމަށް ކެތްމަދުވެފައެވެ. ފިލްމުގެ ޕޯސްޓަރާއި ޓްރެއިލަރ އާއްމުކުރި ހިސާބުން ފިލްމަށް ކުރެވޭ އިންތިޒާރު ވަކިން ބޮޑަށް އިތުރުވެގެންދިޔައެވެ.

ކޮންމެއަކަސް "ބީވީމާ"ގެ އިންތިޒާރުގައި ތިބި ބެލުންތެރިންނަށް ދެން އޮތީ ކުޑަ ދުވަސްކޮޅެކެވެ. މިމަހުގެ 6 ގައި ފިލްމު ރިލީޒްކުރުމަށް ތައްޔާރުވެ، މިދިޔަމަހުގެ 20 ފެށިގެން ޑާކްރެއިނުން ވަނީ ޓިކެޓް ވިއްކަން ފަށާފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެމުން މި ފިލްމުގެ ޕްރޮޑިއުސަރ މުޙައްމަދު އަލީ (މޮގާ) ބުނީ އާއްމުންގެ ފަރާތުން ބޮޑު ތަރުޚީބެއް ފިލްމަށް ލިބެމުން އަންނަކަމަށެވެ. ޓިކެޓް ވިއްކަން ފެށިތާ ދެ ދުވަހެއްގެ ތެރޭގައި ޕްރިމިއަރ ނައިޓުގެ ހުރިހާ ޓިކެޓެއް ވަނީ ވިކިފައެވެ. ފިލްމުގެ ޕްރިމިއަރ ޝޯވ ހިމެނޭހެން 3 ޝޯވއެއްގެ ޓިކެޓް މިހާރުވެސް އެއްކޮށް ވިކިފައިވާކަމަށް މުޙައްމަދު ޢަލީ ބުންޏެވެ.

ޑާކްރެއިނުން އެންމެ ފުރަތަމަ ޓިކެޓް ވިއްކަން ފެށީ މިމަހުގެ 6 އިން 13 އާއި ހިސާބަށް އަޅުވާ ޝޯވތަކަށެވެ. މިއިން ކޮންމެ ދުވަހެއްގެވެސް ރޭގަނޑު 9 ޖަހާއިރު އޮލިމްޕަހުގައި ފިލްމު އަޅުވާނެއެވެ. އެހެންނަމަވެސް ޓިކެޓަށް އޮތް ޑިމާންޑަށް ބަލާ މިމަހުގެ 10 ވާ ހުކުރު ދުވަހުގެ ހަވީރު 4 ޖަހާއިރުވެސް ޝޯވއެއް ދެއްކުމަށް ޑާކްރެއިނުން މިހާރު ވަނީ ނިންމާފައެވެ.

"މިހާރު 3 ޝޯވއެއް މީނީ ފުލްވެފައި. ދެން އަޅުގަނޑުމެން 10 ވަނަ ދުވަސް އެއީ ހުކުރު ދުވަހުވެސް އިތުރު ޝޯވއަކަށްވެސް ހުޅުވާލައިފިން އިއްޔެ. އެއީ ރޭގަނޑުގެ ޝޯވގެ އިތުރުން ހަވީރު 4 ޖަހާއިރު ބާއްވާ ޝޯވއެއް. ވީކެންޑަށް ވަރަށް ޑިމާންޑް ރަނގަޅުވީމަ ހުކުރު ދުވަހުގެ ހަވީރަށްވެސް މި ހެދީ" މުޙައްމަދު ޢަލީ ބުންޏެވެ.


ފިލްމު ބަލަން ބޭނުންވާ ފަރާތްތަކަށް ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން ރޭގަނޑު 10 އަކަށް އޮލިމްޕަހުން ޓިކެޓް ވިއްކަން ހުންނާނެކަމަށް ޑާކްރެއިނުން ބުނެއެވެ. އަދި މިމަހުގެ 6 އިން ފެށިގެން އޮލިމްޕަސް ލިބޭވަރަކުން ޝޯވތައް އަޅުވަމުންދާނެކަމަށްވެސް ޑާކްރެއިނުން ބުނެއެވެ.

ރާއްޖޭގެ މަޝްހޫރު ސްކްރީން ރައިޓަރު އަހްމަދު ޒަރީރު ލިޔެ ޑައިރެކްޓު ކޮށްފައިވާ "ބީވީމާ" ފިލްމުގައި އަޝްފާއާއެކު ލީޑް ރޯލުން ދެން ފެނިގެންދާނީ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އެވެ. މި ދެ ތަރިންގެ ސްކޫލު ދައުރާއި ފުރާވަރުގެ ދުވަސްތައް ގެނެސްދޭނީ ޒުވާން ދެ ތަރިންކަމަށްވާ އައިމިނަތު ރަޝްފާ (އާޝާ) އާއި އާދަމް ޒިދާން (ނާނަ) އެވެ. ޒިދާނަކީވެސް ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުވާ މޫނެކެވެ.

"ބީވީމާ" އަކީ ޑާކްރެއިނުން ސްކްރީނަށް ގެންނަން ތައްޔާރުވާ 13 ވަނަ ފީޗަރ ފިލްމެވެ. ކޯވިޑްގެ ތެރޭގައި ޝޫޓިންގގެ މަސައްކަތްތައްވެސް ކުރިއަށްގެންދިޔަ މި ފިލްމަކީ ތަފާތު ތަޖުރިބާތަކެއް ކުރެވުނު އަދި ބުރަ މަސައްކަތްތަކެއްވެސް ކުރަންޖެހުނު ފިލްމެއްގެ ގޮތުގައި ޑާކްރެއިނުން ފާހަގަކުރެއެވެ.

މި ފިލްމުގައި ލޯބީގެ ހައިރާންކުރުވަނިވި ކަންތައްތަކެއް ފެނިގެންދާނެއެވެ. "ބީވީމާ"ގެ އިތުރުން އިތުރު 3 ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ޑާކްރެއިނުން އަންނަނީ ތައްޔާރުވަމުންނެވެ.

އޮލިމްޕަހުގައި އެންމެ ފަހުން ފިލްމް ދައްކާފައިވަނީ 2019 ވަނަ އަހަރުއެވެ. ކޯވިޑް ޙާލަތާ ގުޅިގެން 2020 ވަނަ އަަހަރުން ފެށިގެން އޮލިމްޕަސް އޮތީ ބަންދުކޮށްފައެވެ. އޮލިމްޕަހަކީ ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ މީހުނަށް ވަދެވޭ ސިނަމާއެވެ. ބޮޑެތި މަރާމާތުތަކަކަށްފަހު އަލުން އޮލިމްޕަސް ހުޅުވަން ތައްޔާރުވެފައި މިވަނީ ފަހުގެ ޒަމާނީ ސިނަމާތަކުން ލިބޭފަދަ ފެންވަރު ރަނގަޅު ވަޞީލަތްތަކާއި، ޚިދުމަތްތަކާއެކުއެވެ.