ޚަބަރު

ރ އަދި ބ.އަތޮޅުގެ 26 ރަށެއްގައި އިޔާދަކުރަނިވި ޙަކަތައިގެ މަޝްރޫޢުތަކެއް


ދެއަތޮޅެއްގެ މީހުން ދިރިއުޅޭ 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ތައްޔާރުވެއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީއިން ވަނީ މި 26 ރަށުގެ މަސައްކަތް ޗައިނާގެ ސައިނޮސޯ ޔިންގްލީ ކޮންސޯޓިއަމްއާއި ޙަވާލުކޮށްފައެވެ.

ރާއްޖޭގައި ބޭނުންކުރާ ޙަކަތައަކީ އިޔާދަކުރަނިވި ޙަކަތައިން އުފައްދާ ޙަކަތައަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ރ.އަތޮޅާއި ބ.އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމް ޤާއިމުކުރުމަށް ވަނީ ސައިނޮސޯ ޔިންގްލީ ކޮންސޯޓިއަމްއާ ޙަވާލުކޮށްފައެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ މިމަޝްރޫޢުގެ ދަށުން މި 26 ރަށުގައި 6.35 މެގަވޮޓްގެ ސޯލާ ޕީވީއާއި، 7.66 މެގަވޮޓްގެ އަވަރ ބެޓްރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް އަދި އެނަރޖީ މެނޭޖްމަންޓް ސިސްޓަމް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މިމަޝްރޫޢާއެކު އަހަރަކު 2.9 މިލިއަން ލީޓަރުގެ ޑީސަލާއި، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 7900 ޓަނުގެ ވިހަ ގޭސް މަދުވުުމުގެ އިތުރުން ޙަކަތަ އުފެއްދުމަށް ކުރާ ހޭދައިގެ ތެރެއިން އަހަރު 47 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް އެންވަޔަރަމަންޓުން ވިދާޅުވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ޙަކަތައިގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދާއިރު ސަރުކާރުން މަސައްކަތްކުރަނީ މިހާރު ހުރި ވަޞީލަތްތައްވެސް އަޕްގްރޭޑް ކުރުމަށްކަމަށެވެ. މިގޮތުން ރާއްޖޭގެ ގިނަ ރަށްރަށުގައި ހުރީ އެތައް އަހަރެއްވެފައިވާ ނެޓްވޯކްތަކެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"ޢާއްމުކޮށް ރާއްޖޭގެ ރަށްރަށުގައި މިހުންނަ ގްރިޑް ނުވަތަ ނެޓްވޯކްތަކަކީ ވަރަށް ނިކަމެތި ޙާލަތުގައި ހުރި ގްރިޑް އަދި ނެޓްވޯކްތަކެއް. އެގޮތުން 20 ނޫނީ 30 އަހަރުވެފައިވާ ގްރިޑްތަކެއް މިހުންނަނީ. އެހެންކަމުން އާބާދީ ބޮޑެތި 19 ރަށެއްގައި ގްރިޑް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބީލަން މަރުޙަލާގައި އެބަހުރި." މިނިސްޓަރ ވިދާޅުވިއެވެ.

މިމަޝްރޫޢުގެ ދަށުން ރ.އަތޮޅުގެ އަލިފުއްޓާއި، ވާދޫއާއި، ރަސްގަތީމު، އަނގޮޅެތީމު، މާކުރަތު، ރަސްމާދޫ، އިންނަމާދޫ، މަޑުއްވަރި، އިނގުރައިދޫ، ފައިނު، މީދޫ، ކިނޮޅަސް، ހުޅުދުއްފާރުގައި ސޯލާ ޕީވީ އާއި ބެޓަރި ސިސްޓަމް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ބ.އަތޮޅުން ކުޑަރިކިލު، ކަމަދޫ، ކެންދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ، މާޅޮސް، އޭދަފުށި، ތުޅާދޫ، ހިތާދޫ، ފުޅަދޫ، ފެހެންދޫގައި ސޯލާ ޕީވީއާއި ބެޓަރި ސިސްޓަމް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިހުރިހާ ރަށެއްގައިވެސް މިމަޝްރޫޢުގެ ދަށުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ ހަކަތައިގެ މިންވަރަކީ އެރަށްރަށުގެ އާބާދީއަށާއި ޙަކަތައިގެ ބޭނުން ކުރެވޭ ނިސްބަތުގެ ސަރވޭތަކެއް ހެދުމަށްފަހު ކަނޑައެޅިފައިވާ ޢަދަދުތަކެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.