ޚަބަރު

އާއިދާ: ފުރަތަމަ ފެށީ ސައިކަލު ޓެކްސީގެ ޚިދުމަތް، މިހާރު ބަގީ


އަންހެނުން ޓެކްސީ ކުރުން މިއީ ރާއްޖޭގައި އެހާ ޢާންމުކަމެއް ނޫނެވެ. ވަކިން ޚާއްޞަކޮށް ޢާމްދަނީއެއް ހޯދުމަށް އަންހެނަކު މިކަން ކުރުމަކީ މީހުން ކުރާ މަލާމާތަކަށް މީގެ ކުރިން އޮންނަނީ ވެފައެވެ. އަދި ޓެކްސީ ކުރާނަމަ ޖެއްސުމާ ފުރައްސާރަ ކުރުމަކީވެސް މުޖުތަމަޢުއިން މީގެ ކުރިން ފެންނަމުން ދިޔަކަންކަމެވެ.

މާލޭގައި ޓެކްސީދުއްވަން އުޅުނު އަންހެނަކަށް އެތައްގޮތަކުން އުނދަގޫތައް ކުރިމަތިކުރުވިކަމީ މިކަމަށް އޮންނަ ތަފާތު ކުރުން ދައްކުވައިދިން ކަމެކެވެ. އެހެންނަމަވެސް ހަމައެކަނި ފިރިހެނުން ކުރަންޖެހޭ ކަމެއްކަމަށް ކުރިންދެކެވުނު އެތައް ކަމެއް ޒަމާނަށް އަންނަ ބަދަލުތަކާއެކީ އަންހެނުން ންނަނީ ކުރަމުންނެވެ.

އެކަން މުޖުތަމަޢުއިން ބަދަލުކޮށްލީ އެމްޓީސީސީން ފެށި އާރުޓީއެލް ބަހުގެ ޚިދުމަތާއެކުގައެވެ. އެއީ އަންހެނުނަށް ޚާއްޞަކޮށް ބަސް ޑްރައިވަރުން ތަމްރީންކުރަން ފެށުމުންނެވެ. މިއާއެކު އެފަރާތްތަކަށް މުޖުތަމައުގެ ލޯބިވެސް ލިބެންފެށިއެވެ. ހިއްސާކޮށްލަން މިއުޅެނީވެސް މިފަދަ ވާހަކައެކެވެ. ނަމަވެސް އެއީ މާލެއަކު ނޫނެވެ. ރ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ދުވާފަރުގައި ބަގީގެ ޚިދުމަތް ފޯރުކޮށްދޭ ކަނބަލެއްގެ ވާހަކައެވެ.

ރ. ދުވާފަރު އުމުރުން 31 އަހަރުގެ އާއިސަތު އާއިދާ ޓެކްސީ ކުރުމުގެ ޚިދުމަތަށް ނުކުތީ 2018 ވަނަ އަހަރުއެވެ. އެއީ ފިރިމީހާއަށް ލިބޭ ޢާމްދަނީއަކުން ދެކޮޅު ނުޖެހޭތީ ޢާއިލާގެ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައެވެ. އެންމެ ފުރަތަމަ މި ޚިދުމަތް އެދުވަސްވަރު ފެށީ ސައިކަލު ޓެކްސީގައެވެ. އޭރު މައިގަނޑުކޮށް ކުރަމުންދިޔައީ މީހުން އުފުލުމާ ތަންތަނަށް އެއްޗެހި ގެންގޮސްދިނުމުގެ ޚިދުމަތެވެ. އޭރު ދަތުރެއް ކުރީ 10 ރުފިޔާއަށެވެ.

އޭގެފަހުން ކޯވިޑްގެ ބަލިމަޑުކަމަށްފަހު ރަށު ޕިކަޕެއް ގެނަސް ސައިކަލުން ދެމުން އައި ޚިދުމަތް އާއިދާ ފުޅާކުރިއެވެ. ރަށު ޕިކަޕުގައި އާއިދާ ކުރީ ރަށު ތެރެއިން ލިބޭ އެކިކަހަލަ ދަތުރު ތަކާއި، ކުނި އުކުމާއި، ބޯޓުން ގެންނަ މުދަލާއި، ފެރީން ގެންނަ މުދާތައް އުފުލުމުގެ މަސައްކަތްތަކެވެ. އޭރުވެސް ރަނގަޅު ޢާމްދަނީއެއް ލިބޭކަމަށް އާއިދާ ބުންޏެވެ.

ތިން ކުދިންގެ މަންމައެއްގެ ދައުރު އަދާކުރަމުންދާ، އާއިދާ އެންމެ އިސްކަމެއް ދެނީ ދަރިންގެ ކަންކަމަށެވެ. ދަތުރު ކުރަނީ އެއްއަށްފަހުގައެވެ. އާއިދާގެ ފިރިމީހާ މުހައްމަދު ރަޝީދު ވަޒީފާ އަދާކުރަނީ އެރަށު ކުނި ނައްތާލާ މަރުކަޒުގައެވެ. އެހެންކަމުން ދަރިން ސްކޫލަށް ގެންގޮސް ގެނައުމާއި ޤުރުއާން ކުލާހަށާއި، ޓިއުޝަންތަކަށް ދަރިން އުފުލުމުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭތީ އެންމެ ފަސޭހަ ވާނެ ގޮތަކީ ކޮބައިތޯ ބަލާ މީހުން އުފުލުމަށް ޚާއްސަ ބަގީއެއް ގެނައެވެ.

ބަގީ ގެނައުމުން ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަކަމަށް އާއިދާ ބުންޏެވެ. މީގެ ކުރިން މުދާ އުފުލިނަމަވެސް މިހާރު އުފުލަނީ މީހުން އެކަންޏެވެ. ސްކޫލް ދަރިވަރުންނެވެ. ޓިއުޝަން ތަކަށާއި ސްކޫލް ދޮށަށެވެ. ސްކޫލް ކުދިންގެ ދަތުރެއް ކޮށްދެނީ 10 ރުފިޔާއަށެވެ. އާންމު މީހުން އުފުލައިދެނީ 20 ރުފިޔާއަށެވެ.

އާއިދާ ބުނީ، ބަގީ ރަށަށް ގެނައުމުން، އެ ރަށްވަށާ ބުރުޖެހުމުގެ ޑިމާންޑް ބޮޑުވިކަމަށެވެ. ރަށްވށާ ދަތުރެއް ކުރަނީ 80 ރުފިޔާއަށެވެ.

މި ބަގީގެ ޚިދުމަތް ދޭންފެށިތާ އަދި މިވީ މަހެއްހާ ދުވަހެވެ. ދުވާފަރު މީހުން ދެކޭގޮތުގައި އަންހެނަކު އެފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ އެރަށަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އާއިދާ އެކަން ކުރަނީ ކައުންސިލުން ނަގަންޖެހޭ އެންމެހާ ހުއްދަތައްވެސް ނަގައިގެންނެވެ. އާއިދާގެ މިޚިދުމަތުގެ ފަހަތުގައިވަނީ އޭނާގެ ފިރިމީހާއެވެ. އާއިލާއެވެ. އަދި ދުވާފަރުގެ ރައްޔިތުންނާއި، އެރަށަށް ޒިޔާރަތް ކުރާ މެހެމާނުންނެވެ. އެ ރަށު މީހުންނާއި ބަގީގެ ޚިދުމަތް ހޯދާ މީހުންގެ ނުރުހުމުގެ ބަހެއް އާއިދާއަކަށް ނުލިބެއެވެ. މުޅިވެސް ލިބެނީ ހިތްވަރުގެ ބަސްތަކެވެ.

އާއިދާ ބުނިގޮތުން ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އިތުބާރުވަނީ ބަގީ ދަތުރުތަކަށް ލިބިފައެވެ.

އެ އިތުރުބާރު ލިބުނުގޮތް ހިއްސާ ކުރަމުން އާއިދާ ބުނީ ބަގީ ޚިދުމަތުގެ އިތުރުން، އާއިދާ އަންނަނީ ފައިސާގެ އެހީތެރިކަމަށް މީހަކު ނުވަތަ ކުއްޖަކު އެދިއްޖެނަމަ ފަންޑު ފޮށި ބަހައްޓައިގެން އެމީހަކަށް ފައިސާ ހޮދައިދިނުމަށް އެހީތެރިކަންވެސް ފޯރުކޮށްދެމުންނެވެ.

ބަގީ ޚިދުމަތުގެ އިތުރުން، ހެދިކާ ހަދައިގެން ވިއްކުމާ، ލުއިކާނާގެ ވިޔަފާރިއަކީވެސް އާއިދާ ކުރަމުންއަންނަ މަސައްކަތްތަކެކެވެ.

ކަންކަމުގައި އިސްނަގާ ކުރިއަށްދިއުމުގެ ރޫހު ހުރި އާއިދާއަށް، ރަށު އެންމެގެ ލޯބި ލިބެނީ މިހެންވެއެވެ.