ޚަބަރު

އެއްގަމު އުޅަނދުގެ ލައިސަންސް ޑިޖިޓަލް ކުރަނީ ލައިސަންސް ދޫކުރުން ވަގުތީގޮތުން މެދުކެނޑުމަކަށް


އެއްގަމުގައި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ދޫކުރުން މެނދުކަނޑާލައިފައިވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން ވަގުތީގޮތުން މެނދުކަނޑާލައިފައި ވަނީ ޑިޖިޓަލް ލައިސަންސް ތަޢާރަފްކުރުމަށް ކުރަންޖެހޭ ތައްޔާރީތައްވުމަށްޓަކައި ކަމަށެވެ. އެގޮތުން، މިހާރު ކުރަމުންދަނީ ޑިޖިޓަލް ލައިސަންސްގެ ޚިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ ޑޭޓާ މައިގްރޭޝަންގެ މަސައްކަތް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓރީން އަލަށް ތައާރަފްކުރާ މިސޮފްޓްވެއަރގައި ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތައް ކުރެވިގެންދާނީ ޑިޖިޓަލްކޮށެވެ. އެމިނިސްޓްރީން ވިދާޅުވީ އެއްގަމު އުޅަނދުގެ ލައިސަންސް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު އަލުން ފަށާއިރު ދޫކުރާނީ ޑިޖިޓަލް ލައިސަންސް ކަމަށެވެ.

ލައިސަންސްގެ ޚިދުމަތްތައް ޑިޖޓަލް ކުރުމާއިއެކު، ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ޒަމާނީ ވުމުގެ އިތުރުން ރައްޔިތުންނަށް އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށް ދެވޭނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. މި ބަދަލާއި ގުޅިގެން މިހާރު ޕްރިންޓިންގއަށް ކުރަމުން ގެންދާ ހޭދަ ކުޑަވާނެކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ. އެހެންނަމަވެސް، ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓްކޮށްގެން ގެންގުޅުއްވަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތުވެސް ފަހިކޮށް ދޭނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ލައިސަންސްގެ ޚިދުމަތްދިނުން މެނދުކަނޑާލައިފައިވާ މިދަޑިވަޅުގައި، މުއްދަތު ހަމަވާ ލައިސަންސްތައް، އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭނެކަމަށްވެސް ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވެއެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން އުޅަނދު ފަހަރުގެ ފީ ލިބެންޖެހެނީ އެއުޅަނދެއް ބޭނުންކުރާ ސިޓީއެއްގެ ސިޓީ ކައުންސިލް ނުވަތަ އެ ރަށެއްގެ ރަށު ކައުންސިލަށް ކަމަށް ވުމާއެކު، މިމަހުގެ ފުރަތަމަ ދުވަހު އެމިނިސްޓްރީން ވަނީ "ސަވާރީ ޕޭ" ގެ ނަމުގައި ޕޯޓަލްއެއް ތަޢާރަފްކޮށް ޚިދުމަތް ދޭން ފަށައިފައެވެ.