ޚަބަރު

ޕްރައިމަރީއަށްވުރެ ފަސޭހައިން ރިޔާސީ އިންތީޚާބު ކާމިޔާބުކުރެވޭނެ: ރައީސް


ޕްރައިމަރީއަށްވުރެ ފަސޭހައިން މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށްފަހު، އެމަނިކުފާނުގެ ސަޕޯޓަރުންނާއި އެމް.ޑީ.ޕީގެ ހަރުގޭގައި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުގައި ޕްރަމަރީ ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވި ހުރިޙާ ބޭފުޅުންނަށާއި، އިންތިޚާބުގައި ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި މި ޕްރައިމަރީއާއެކު އެމް.ޑީ.ޕީއިން އަނެއްކާވެސް ދައްކުވައި ދިނީ ޑިމޮކްރަސީގެ ފުރިހަމަ ނަމޫނާއެއް ކަމަށާއި، އެ ޕާޓީއަކީ ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގުމުގައި ނަމޫނާ ދައްކާ ޕާޓީއެއްކަން ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ، ޕްރައިމަރީ ނިމުމާއެކު ހަޤީޤީ މަސައްކަތް މިފެށުނީ ކަމަށެވެ. އަދި މިވަގުތު ކުރަންވީ ކަމަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އެމް.ޑީ.ޕީއެކުގައި މަސައްކަތް ކުރުންކަން ފާހަގަކުރައްވާ، އެމަނިކުފާނުގެ ވާދަވެރިންނަށް އެކުގައި މަސައްކަތް ކުރެއްވުމަށް ވަނީ ގޮވާލައްވާފައެވެ.

"މިރޭ އެންމެ ފުރަތަމަވެސް އަޅުގަނޑުމެންގެ ވާދަވެރިންނަށް ގޮވާލަން ބޭނުންވަނީ ވާދަވެރިކަން މި ނިމުނީއޭ. ދެން ނިކުންނަންވީ އެކަތިގަނޑެއްގެ ގޮތުގައި ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން. ވާދަވެރި އިންތިޚާބެއްގައި ހުންނާނެ ކަންތައްތަކެއް. ކޮންމެހެން ފެންނަން ބޭނުންވާ ނުވާކަންކަންވެސް ހުންނާނެ. އެެހެންނަމަވެސް އަޅުގަނޑުގެ ހިތުގައި އެކަމެއްނެތް. މިގޮވާލަނީ އެކުގައި މަސައްކަތްކޮށް އިންތިޚާބު ކާމިޔާބުކުރުމަށް" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް އެއް ވިސްނުމެއްގައި ކުރިއަށްދާ ބައެއްކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކުރިނަމަވެސް އޮންނާނީ އެއް މަޤްޞަދެއްކަމަށާއި، އެއީ ރައްޔިތުންނަށް ހަމަޖެހުމާއި، ތަރައްޤީއާއި ކުރިއެރުން ގެނެސްދިނުންކަން ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ޕްރައިމަރީއަށްވުރެ ފަސޭހައިން ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެކަމަށެވެ.

"އަޅުގަނޑު މި ގޮވާލަނީ ހުރިހާ ބޭފުޅުންވެސް ވަޑައިގެން އަޅުގަނޑުމެންނާއެކީގައި އެމްޑީޕީ ކުރިއަށްގެންދިއުމަށް މި ކުރާ މަސައްކަތުގައި ބައިވެރިވުމަށް. އަޅުގަނޑު މި ޕްރައިމަރީގައި ރާއްޖޭގެ ވަރަށް ގިނަ ތަންތަނަށް ދަތުރުކުރިން. އަޅުގަނޑަށް ފެންނަގޮތުގައި މި ނިމިދިޔަ ޕްރައިމަރީއަށްވުރެ ފަސޭހައިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނެ. އެއީއަކީ އަޅުގަނޑަކަށް ޝައްކެއްއޮތްކަމެއްނޫން" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ޕާޓީތެރޭގައި ހުރި ބައެއް ޚިޔާލު ތަފާތުވުންތަކަށް އިޝާރާތްކުރައްވާ ރައީސް ޞާލިޙު ވިދާޅުވީ، މިއީ އެކަންކަން ހަނދާން ނައްތާލުމަށްފަހު އެމްޑީޕީ އެކަތިގަނޑެއްގެގޮތުގައި ނިކުމެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރަންވީ ވަގުތުކަމަށެވެ.

އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ އިންތިޚާބު، ރައީސް މުޙައްމަދު ނަޝީދާއި ވާދަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކާމިޔާބުކުރެއްވީ ތަފާތު ބޮޑު ނަތީޖާއަކާއެކުއެވެ.