އަތޮޅު ތެރޭގެ ސިއްޙީ ނިޒާމު ފުޅާކުރުމަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫޢުގެ ދަށުން ބ.ތުޅާދޫގައި އަލަށް ތަރައްޤީކުރާ ހޮސްޕިޓަލްގެ ޢިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށެވެ.
ޞިއްހީ ނިޒާމް ފުޅާކުރުމަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫޢުގެ ދަށުން ރާއްޖޭގެ 15 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް ތަރައްޤީކުރުމަށްވަނީ ނިންމާފައެވެ. މީގެ ތެރެއިން ބ.ތުޅާދޫގައި ތަރައްޤީކުރާ ހޮސްޕިޓަލްގެ މަސައްކަތް މިނިސްޓްރީ އޮފް ހެލްތުންވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ސަތޭކަ ތޭވީސް މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. އަދި މި ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް އެއް އަހަރާއި ފަސް މަހުން ނިންމާ ސަރުކާރާއި ހަވާލުކުރުމަށްވަނީ ކަނޑައާޅާފައެވެ.
ތުޅާދޫގައި މިވަގުތު ހުންނަނީ ސިއްޙީ މަރުކަޒެކެވެ. ސިއްޙީ މަރުކަޒުގެ ޚިދުމަތްތަކާއި ރަށުގެ ސިއްޙީ ފަރުވާގެ އިންތިޒާމު ހުރިގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތުޅާދޫ ސިއްޙީ މަރުކަޒު ބެލެހެއްޓުން ހަވާލުވެފައިވާ އެއަތޮޅު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ މުޙައްމަދު ރަޝީދު ވިދާޅުވީ ތުޅާދޫ ސިއްޙީ މަރުކަޒަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަންކަމަށެވެ. އައު ހޮސްޕިޓަލާއެކު މިކަމަށް ޙައްލެއް އަންނާނެކަމަށް މުޙައްމަދު ރަޝީދު ވިދާޅުވެއެވެ.
ބ.އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ތުޅާދޫގައި 3000 އަށްވުރެ ގިނަ މީހުން އަންނަނީ ދިރިއުޅެމުންނެވެ. އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 40 އަށްވުރެ ގިނަ މީހުން ތުޅާދޫ ސިއްޙީ މަރުކަޒުގެ އޯޕީޑީއަށް ޒިޔާރަތްކުރާކަމަށް އެމަރުކަޒު ހިންގާ ބަލަހައްޓަމުން އަންނަ އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.
އެރަށުގެ ސިއްޙީ މަރުކަޒަކީ މިވަގުތު 2 ޑޮކްޓަރުންނާއެކު، 24 ގަޑިއިރު ޚިދުމަތްދެމުން އަންނަ މަރުކަޒެކެވެ. ތުޅާދޫ ސިއްޙީ މަރުކަޒުގެ ލެބޯޓްރީން، ޢާއްމު ގޮތެއްގައި ހަދަންޖެހޭ ހުރިހާ ޓެސްޓުތަކެއް ހެދޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް ޢާއްމު ނޫން، އަދި ކޮންމެހެން ހަދަން ޖެހޭ ޓެސްޓުތަކުގެ ސާމްޕަލްތައް ބ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ މާލެއަށް ފޮނުވައިގެންވެސް ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން ބ.އަތޮޅު ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.
ތުޅާދޫގައި ތަރައްޤީކުރާ އައު ހޮސްޕިޓަލާއެކު އެރަށުގެ ރައްޔިތުން ސިއްޙީ ފަރުވާއަށް، އަތޮޅުގެ އެހެން ރަށްރަށަށާއި މާލެއަށް ކުރަމުންއައި ދަތުރުތައް ނިމުމަކަށް އަންނާނެއެވެ. އެހެންކަމުން އައު ހޮސްޕިޓަލަކީ ތުޅާދޫގެ ރައްޔިތުންގެ އުއްމީދާއި ވަރަށް ބޮޑަށް ގުޅިފައިވާ މުހިއްމު މަޝްރޫޢެކެވެ.