ޚަބަރު

ރައީސް ދެއްވި ޔަޤީންކަން: ބޭރުކުރާ މަހުން ނަގާ ޑިއުޓީ ވަރަށް އަވަހަށް ކަނޑާލާނެ


ރާއްޖެއިން ޔޫރަޕަށާއި އިނގިރޭސި ވިލާތަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑިއުޓީ ކަނޑާލިކަމުގެ އިޢުލާން ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން ނިންމުމަށް އައްޑޫސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވަން ވޭތުވެދިޔަ ސަރުކާރުތަކުން މަސައްކަތް ނުކުރާ ވަރަށް މިސަރުކާރުން މަސައްކަތްކޮށްފައި ވާނެކަމަށެވެ. އެގޮތުން، މަސްވެރިން ބާނާ މަސް ގަނެ، ފިނިކޮށް، ރައްކާކުރުވެނޭ ގޮތަށް ކެޕޭސިޓީ 4 ގުނައަށް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ހުޅުމީދޫގެ މަސް ފެކްޓްރީގައިވެސް ޖާގަ ޑަބަލް ކުރެވެން އެބަހުރި ކަމަށާއި އެކަން ކުރައްވާނެ ކަަށެވެ.

" އަޅުގަނޑު ކުރީ ދަތުރުގައި ހުޅުމީދޫއަށް ދިޔައިން. ހުޅުމީދޫގެ މަސް ފެކްޓްރީގައި އެބަހުރި ވަރަށް ފަސޭހައިން މިހާރު ހުރި ސްޓޯރޭޖް ކެޕޭސިޓީ ޑަބަލް ކުރެވެން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެކަން ކުރެވޭނެ. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރާއްޖެއިން ޔޫރަޕާއި އިނގިރޭސި ވިލާތަށް އެކްސްޕޯޓްކުރާ މަހަށް ހެޔޮ އަގު ނުލިބުންކަމަށެވެ. އަދި މަސްވެރިން ބާނާ މަހުގެ އަގށް ބަދަލު ގެނެވޭނީ ރާއްޖެއިން ޔޫރަޕާއި އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހަށް ހެޔޮ އަގު ލިބިގެންކަމަށެވެ. އެގޮތުން، ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޑިއުޓީ ވަރަށް ކަނޑާލެވޭނެކަމުގެ ޔަގީންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ދެއްވާފައެވެ.

" އެނގިވަޑައިގަންނަވާނެ ރާއްޖެއިން މަސް އެކްސްޕޯޓްކުރާ ދެ މާކެޓަކީ ޔޫރަޕާއި އިނގިރޭސި ވިލާތް. %24 ޑިއުޓީއެއް މިދެތަނުންވެސް ރާއްޖޭގެ މަހަށް އެބަނަގާ. އެހެންކަމުން އަޅުގަނޑުމެންނާއި ވާދަވެރި އިންޑިއާ ކަނޑުގެ ޤައުމުތަކުން ޓެކްސް ނުނަގާތީ އެމީހުންނަށް މަސްވިއްކަން އިތުރު ފަސޭހައެއްވެގެންދޭ. އެހެންނަމަވެސް އަޅުގަނޑަށް މިހާރު ޔަގީންކަމާއިއެކީގައި ދަންނަވަން ކެރޭ ވަރަށް އަވަހަށް ޓެކްސް ކަނޑާލިކަމުގެ އިޢުލާން ތިބޭފުޅުންނަށް ލިބިގެންދާނެ. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ދަނީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް މަސްވެރިންނާ ގާތުން މަސައްކަތްކުރަމުންނެވެ. އެގޮތުން، މަސްވެރިން ބާނާ މަސް ގަތުމަށް ހުރި ދަތިތަކަށް ހައްލުކުރުމަށް މިފްކޯއިން ދާދިފަހުންވަނީ މަސް ކިރުމުގެ މަސައްކަތަށް އިތުރު 3 ބޯޓުވެސް ގަނެފައެވެ. މިފްކޯއިން ވިދާޅުވީ، މިހާރު ކުރިއަށްދަނީ މި ބޯޓުތައް ރާއްޖެއަށް ގެނައުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ.

އަދި މީގެއިތުރުން މިދިޔަ ހަފްތާގެތެރޭގައި ވަނީ ފެލިވަރުގައި ރާއްޖޭގެ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ފެލިވަރުގައި ޤާއިމުކުރެވޭ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވޭ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ދުވާލަކު 200 ޓަނުގެ މަސް ފްރީޒްކުރެވޭ ބްރައިން ފްރީޒިންގ ފެސިލިޓީއަކާއި މަސް ފިނިކޮށް ބަހައްޓާ 80 ޓަނުގެ ރެފްރިޖަރޭޓަޑް ސީ ވޯޓަރ ސިސްޓަމެއްވެސް ޤާއިމުކުރެވޭނެއެވެ.