ޚަބަރު

ނަޝީދުގެ ޖަލްސާ ކުރުކޮށްލީ ނުރައްކަލެއް އޮވެގެން ނޫން: ފުލުހުން


ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނިންމެވުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާ ކުރުކޮށްލެއްވުމަށްފަހު ރައީސް މުޙައްމަދު ނަޝީދު އެ ސަރަހައްދުން ވަޑައިގަތީ ސަލާމަތީ ނުރައްކަލެއް އޮވެގެން ނޫންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދުގެ ކެމްޕެއިން ނިންމުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށްފަހު ޖަލްސާ ކުރުކޮށްލައްވާ އެމަނިކުފާނު އެސަރަހައްދުން ވަނީ ވަޑައިގެންފައެވެ. އަދި ޖަލްސާ އެވަގުތު ނިންމާލެއްވިއެވެ. ކުއްލިގޮތަކަށް ރައީސް ނަޝިދު އެ ސަރަހައްދުން ވަޑައިގަތީ ސަލާމަތީ ނުރައްކަލެއް އޮވެގެންކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރިއެވެ.

އެވާހަކަތައް ދޮގުކުރައްވާ ފުލުހުން ވިދާޅުވީ، ރައީސް ނަޝީދު މިރޭ ބޭއްވެވި ކެމްޕެއިން ޖަލްސާ ކުރުކޮށްލައްވަންޖެހޭ ފަދަ ސަލާމަތީ ނުރައްކަލެއް އޮތްކަމުގެ މަޢުލޫމާތު ފުލުހުންގެ ޚިދުމަތަށް ލިބިފައި ނުވާކަމަށެވެ. އަދި އެފަދަ މަޢުލޫމާތެއް އެމް.އެން.ޑީ.އެފްއަށް ލިބިފައިވޭތޯވެސް ފުލުހުންގެ ޚިދުމަތުން ސާފުކުރުމުން، އެފަދަ ކަމެއް ނެތް ކަމުގެ މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

"ބައެއް ނޫސްތަކުން އެފަދައިން ރިޕޯޓުކޮށްފައިވަނީ އެފަދަކަމެއް އުޅޭތޯ މިޚިދުމަތުން މައުލޫމާތު އޮޅުންފިލުވުމާކާއި ނުލާކަން ފާހަގަކުރަމެވެ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންވެސް ވަނީ، މިރޭގެ ޖަލްސާ ކުރިއަށްދިޔައީ ޕްލޭންކޮށްފައި އޮތްގޮތަށްކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް 2021 ވަނަ އަހަރުގެ މެއި 6ގައި ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެމަނިކުފާނުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ.