ޚަބަރު

ގއ. ވިލިނގިއްޔާއި ކޫއްޑޫ ގުޅާލުމަށް ޓެކްނިކަލް އަދި ފައިނޭންޝަލް ފީސިބިލިޓީ ހަދަން އެމްޓީސީސީއަށް


ގއ. ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލުމަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިޔަށް ގެންދިޔުމަށް ތައްޔާރުކުރަންޖެހޭ ޓެކްނިކަލް އަދި ފައިނޭންޝަލް ފީސިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާގުޅޭ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.

މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 21,404,736.00 ( އެކާވީސް މިލިއަން ހަތަރު ސަތޭކަ ހަތަރުހާސް ހަތްސަތޭކަ ތިރީސް ހަރުފިޔާއަށް) 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ސަރުކާރުގެ ވަޢުދާ އެއްގޮތަށް ގއ.ވިލިނގިއްޔާއި ކޫއްޑޫ ގުޅާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުވެސްވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ވިލިނގިލީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ވިލިނގިލީގެ ރައްޔިތުންނާ ބަދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ވިލިނގިލީގެ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވަޢުދުތައް، ރައްޔިތުން ބޭނުންވާ ގޮތަށް ފުއްދާނެކަމަށެވެ. ޚާއްސަކޮށް ރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދެމުންދާ ވިލިނގިއްޔާއި ކޫއްޑޫ ގުޅާލުމުގެ މަޝްރޫޢު ފެށުމުގެ ތައްޔާރީތައް ސަރުކާރުން ވަމުންދާކަމަށެވެ. ކޫއްޑުއަކީ ވިލިނގިލިން ލޯންޗެއްގައި ފަސްވަރަކަށް މިނިޓުން ދަތުރުކޮށް ދެވޭހާ ކައިރީގައި އޮތް ރަށެކެވެ.