ޚަބަރު

ޢުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒެއް ހުޅުމާލެއަށް


ޢުމުރުން ދުވަސްވީ މީހުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒެއް ހުޅުމާލޭގައި ތަރައްޤީކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއިން ނިންމައިފިއެވެ. އެޗްޑީސީއިންވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށައެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

ޢުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ މަރުކަޒު މިހާރު ހިންގަމުން އަންނަނީ ކ.ގުރައިދޫގައެވެ. އެރަށުގައި ހުންނަ މި މަރުކަޒުގެ ހާލަތު ދަށްވެ އެތަން އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދެއެވެ. އެހެންނަމަވެސް މިހާތަނަށް އެތަނުގައި ތިބި މީހުންނަށް އެންމެ ބޭނުންވާ ކަންކަން ޤާއިމުކޮށް ފުރިހަމަ ޚިދުމަތެއް ދިނުމުގައި އެތައް ހުރަހެއްވަނީ ކުރިމަތިވެފައެވެ.

މާލެއާއި އެހެން ބައެއް ސަރަހައްދުތަކުގައި ޢުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން ބެލުމަށް ޚާއްޞަ މަރުކަޒުތަކެއް އެޅުމަށް ސަރުކާރުން ވަނީ ޕްލޭންކޮށްފައެވެ. މާލެ ސަރަޙައްދުގައި އެފަދަ މަރުކަޒެއް އެންމެ ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއިން މިވަނީ ނިންމާފައެވެ.

ސްމާޓް ސިޓީއެއްގެ ގޮތުގައި މާސްޓަރ ޕްލޭނަކާއެކު ތަރައްޤީކުރާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޢުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން ބެލުމަށް މަރުކަޒެއް ޤާއިމުކުރުމަށް ނިންމާ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް އެޗްޑީސީއިންވަނީ ޢިއުލާންކޮށްފައެވެ. އަދި އަންނަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ނުވަތަ އެޗްޑީސީއަށް އެޑްރެސްކޮށް ޕްރޮޕޯސަލްތައް ހުށައެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.


އެޗްޑީސީއިންވަނީ މަރުކަޒުގައި ހުންނަން ޖެހޭނެ ޝަރުތުތައް ބަޔާންކޮށްފައެވެ. މިގޮތުން ވިޔަފާރި އުސޫލުން، ލޭންޑް ލީސް މޮޑަލްއަކަށް ތަރައްޤީކުރާ މިމަރުކަޒަކީ ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ހުންނަ ފެންވަރަށް ތަރައްޤީކުރާ މަރުކަޒެއްކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.

އެޗްޑީސީއިން އެކުލަވާލާފައިވާ ޝަރުތުތަކުގެ ތެރޭގައި އެމަރުކަޒަށް ޚާއްސަ ޕާކިންގއަކާއި ޚިދުމަތްތައް ދިނުމަށް ބޭނުންވާ ސަރަޙައްދުތަކުގެ ޕްލޭނިންގއާއި، ހުރިހާ އެންމެނަށްވެސް ވަދެނިކުތުމުގައި ފަސޭހަ ގޮތަކަށް ޑިޒައިންކުރުމާއި، މަރުކަޒުގައި އުފެދޭ ކުނި ނައްތާލަން އިންތިޒާމު ހަމަޖައްސާ ގޮތާއި ޢިމާރާތުގެ ޑިޒައިންއާއި ގުޅޭ މަޢުލޫމާތު ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލްގައި ހިމަނަންޖެހެއެވެ.

މިއީ ގުރައިދޫ މަރުކަޒަށްފަހު ރާއްޖޭގައި އަލަށް ޤާއިމުކުރާ މިފަދަ ފުރަތަމަ މަރުކަޒެވެ.