ޚަބަރު

ވާވެއްދިފަރަށް އެރި ދެ އުޅަނދަށް 100 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް


ކ. ވާވެއްދިފަރަށް ބާޖަކާއި ޓަގު ބޯޓެއް އުރުނު މައްސަލައިގައި ފަރަށް ލިބުނު ގެއްލުން ދިރާސާކުރުމަށްފަހު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިން އުޅަނދުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ކ. ވާވެއްދިފަރަށް އޭ.އެމް އާގަމް ނަމަކަށް ކިޔާ ބާޖަކާއި، އޭ.އެމް އަލްޕިޓް ނަމަކަށް ކިޔާ ޓަގުބޯޓެއް އަރާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުގައެވެ. އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީ.ޕީ.އޭއިން ވިދާޅުވީ، މިޙާދިސާގައި ފަރަށް އެރި އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ފަރަށް އަދި ތިމާވެއްޓަށް ލިބިފައިވާ ގެއްލުން ބަލައި ދިރާސާކުރުމަށް އީޕީއޭގެ ޓީމުން މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ އެ ސަރަޙައްދަށްގޮސް ސަރވޭ ކޮށްފައިވާކަމަށެވެ. އަދި އުޅަނދުތަކުގެ ވެރިފަރާތުން ކުރިއަށް ގެންދިޔަ ސަރވޭގައިވެސް އޮބްޒަރވަރެއްގެ ގޮތުގައި އީ.ޕީ.އޭއިން ޙަރަކާތްތެރިވެފައިވާކަމަށް އީ.ޕީ.އޭއިން ވިދާޅުވެއެވެ.

އީޕީއޭއިން ކުރި ސަރވޭއިން ކ.ވާވެއްދިފަރުގެ 3926 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވިދާޅުވެއެވެ. މިގޮތުން ލިބިފައިވާ ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާގެ ޢަދަދު 148 މިލިއަނަށްވުރެ ބޮޑުކަމަށް އީޕީއޭއިން ވިދާޅުވެއެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅޭ އެންމެ ބޮޑު ޢަދަދަކީ 100 މިލިއަން ރުފިޔާކަމުގައިވާތީ، ކ.ވާވެއްދިފަރަށް އެރި އުޅަނދުތަކުގެ ވެރިފަރާތްކަމުގައިވާ "ދި މިޑްލްއީސްޓް މެރިން އެލް.އެލް.ސީ" 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް އީޕީއޭއިން ވިދާޅުވެއެވެ. އަދި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދައްކާ ޚަލާސްކުރުމަށް އުޅަނދުގެ ވެރިފަރާތަށް އަންގާފައިވާކަމަށްވެސް އީޕީއޭއިން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ބާޖު ފަރަށް އަރައިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހާއި އެކުގައި ފެށުމަށް ކުރަންޖެހޭ ކަންތައްތައް މި މައްސަލައިގެ އިސްތިއުނާފް މަރުޙަލާއިން ނިންމާ ގޮތެއްގެ މަތިން ފެށުމަށް ވަނީ ހަމަޖެހިފައިވާކަމަށް އީޕީއޭއިން ވިދާޅުވެއެވެ.