ޚަބަރު

މުލީ އެއަރޕޯޓު ރަންވޭގެ މަސައްކަތް 3 މަސްތެރޭ ނިންމާލެވޭނެ: ޢާޒިމް


މ.މުލީ އަޅާ އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މުލަކަތޮޅުގައި ތަރައްޤީކުރާ ފުރަތަމަ އެއަރޕޯޓް "މީމު އެއަރޕޯޓް" ތަރައްޤީކުރަނީ އަތޮޅު ވެރިކަން ކުރާ ރަށް މ.މުލީގައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށް އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

އެއަރޕޯޓް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު ހިއްސާ ކުރައްވަމުން އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ އެއަރޕޯޓް ފަޔަރ ބިލްޑިންގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. އަދި މިވަގުތު ޓަރމިނަލް ބިލްޑިންގެ މަސައްކަތާއި، ފަޔަރ ޕޮންޑްގެ މަސައްކަތާއި، ރަންވޭގެ މަސައްކަތްތައް ކުރަމުން އަންނަކަން އާޒިމް ފާހަގަކުރެއްވިއެވެ.

އެއަރޕޯޓްގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ވަގުތުނަގާނެ މަސައްކަތަކީ ޓާމިނަލްގެ މަސައްކަތްކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެ މަސައްކަތަށް 6 މަސްދުވަސް މަދުވެގެން ހޭދަވާނެކަމަށެވެ. އަދި ރަންވޭއެޅުމަށްޓަކަށް ކުރަންޖެހޭ މަސައްކަތުގެ އެންމެ އުނދަގޫބައި ނިންމާލާފައިވާކަމަށާއި ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްއޮތް 3 މަސްދުވަހުގެ ތެރޭ ނިންމާލެވޭނެކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެ ކުންފުނީގެ އަމާޒަކީ އަންނަ އޯގަސްޓްމަހަށް އެއަރޕޯޓްގެ މަސައްކަތްތައް ނިންމާލުންކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

""ރަންވޭގެ ބެޑްގެ މަސައްކަތް މިހާރު ވަނީ ނިމިފައި. ތާރުއެޅު މަސައްކަތް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ނިމިގެންދާނެ"އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

މ.އަތޮޅުގައި އެއަރޕޯޓެއް ނެތުމުގެ ކަންބޮޑުވުން އެއަތޮޅުގެ ރައްޔިތުން ފާހަގަކުރެއެވެ. މުލީ ކައުންސިލްގެ ރައީސް ޝަމްޢޫން ރަމީޒް ވިދާޅުވީ މުލީގައި އެއަރޕޯޓް ތަރައްޤީކުރުމުގެ ސަބުން ރަށަށާއި، މުޅި އަތޮޅަށްވެސް އިޤްތިޞާދީ ގޮތުން އެތަކެއް ފައިދާއެއް ލިބިގެންދާނެކަމަށެވެ.

މީމު އެއަރޕޯޓުގެ ރަންވޭއަކީ 1200މީޓަރު ދިގު، 30މީޓަރު ފުޅާ ރަންވޭއެކެވެ. ރަންވޭގެ އިތުރުން ޓެކްސީވޭއާއި، ފްލައިޓް ޕާކިން އޭރިއާއަކާއި، ޓަރމިނަލް އިމާރާތް އެޅުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫޢަށް 221 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ.