ޚަބަރު

ހިމަންދޫ އައު މިސްކިތް ޢިމާރާތްކުރާނެ ބަޔަކު ހޯދަނީ


އއ. ހިމަންދޫގައި އަލަށް ބިނާކުރާ މިސްކިތް ޢިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީ ހުޅުވާލައިފިއެވެ. މި މިސްކިތަކީ ދައުލަތުގެ ޑޮމެސްޓިކް ބަޖެޓުން ޚަރަދުކޮށްގެން ބިނާކުރާ މިސްކިތެކެވެ.

އއ. ހިމަންދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 300 މީހުންގެ ޖަގައިގެ މިސްކިތެކެވެ. މި މިސްކިތް ބިނާކުރުމަށް މިއަހަރުގެ ބަޖެޓުން 2.2 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މި މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން މިމަހުގެ 30ގެ ކުރިން ބިޑް ހުށައެޅުމުގެ ފުރުޞަތު ފިނޭންސް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. މި މަޝްރޫޢުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/50,000ރ (ފަންސާސްހާސް ރުފިޔާ) ހުށަހަޅަން ޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މިސްކިތް އިމާރާތްްކުރަން އެދޭ ފަރާތްތަކުން ހުށައަޅާ ބިޑްތައް ހުޅުވުން އޮންނާނީ އަންނަމަހުގެ 1 ވަނަދުވަހުކަމަށެވެ.

މިދިޔަ 4 އަހަރުގެ ތެރޭގައި 17 މިސްކިތެއް ސަރުކާރުންވަނީ ބިނާކޮށްފައެވެ. އަދި 14 މިސްކިތެއްގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. ދައުލަތުން މިއަހަރަށްް ލަފާކުރި ބަޖެޓްގައި މިސްކިތް ބިނާކުރުމަށް 66.4 މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ.