ޚަބަރު

މިދައުރުގެ ތެރޭގައި ކޮންމެ މަހަކު ބަނދަރެއް ރައްޔިތުންނާ ހަވާލުކުރިން: އާޒިމް


ސަރުކާރުގެ 4 އަހަރުތެރޭގައި ކޮންމެ މަހަކު ބަނދަރެއްގެ މަސައްކަތް ނިންމާ ހަވާލުކޮށްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުގެ އެންމެ ގިނަ މަޝްރޫޢުތައް ހިންގަމުން އަންނަނީ އެމްޓީސީސީންނެވެ.

ރަށްރަށަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ މައްސަލަ ހައްލުކޮށް ޒަމާނީ ބަނދަރު ތަރައްޤީކުރުމަކީ ރަށްރަށުގެ ރައްޔިތުންގެ ބޮޑު އެދުމެކެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގައި މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ރަށްރަށުގެ ބަނދަރު ބޮޑުކުރުމަކީ އެރަށްރަށުގެ އިޤްތިޞާދާވެސް ގުޅިފައިވާ ކަމެކެވެ. އެހެންކަމުން ރަށްރަށުގެ ބަނދަރު ތަރައްޤީކުރުމަކީ ޚާއްސަ އިސްކަމެއް ދީގެން މިވޭތުވެދިޔަ އަހަރުތަކުގައި ކުރިއަށްގެންދިޔަ މަސައްކަތެކެވެ. އެގޮތުން މިސަރުކާރުގެ 4 އަހަރުތެރޭގައި 46 ރަށެއްގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ނިންމާފައިވާ ކަމަށް ސަރުކާރުންވެސްވަނީ ވިދާޅުވެފައެވެ.

ބަނދަރު ތަރައްޤީކުރުމާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީގެ އެންމެ ބޮޑު އެއް އަމާޒަކީ ރަށްރަށަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުންކަމަށެވެ. އެގޮތުން މިވޭތުވެދިޔަ 4 އަހަރު ތެރޭގައި ކޮންމެ މަހަކު ބަނދަރެއް ތަރައްޤީކޮށް ޙަވާލުކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.


"ރައީސްގެ މިދައުރުގެ ތެރޭގައި ކޮންމެ މަހަކު ބަނދަރެއް ރައްޔިތުންނާއި ހަވާލުކޮށްފައިވާނެ. އަދި ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ހަވާލުކޮށްފައިވާނެ. މިހާރުވެސް 80 ރަށެއްގައި މަސައްކަތް ކުރަމުން އެބަދޭ." އާޒިމް ވިދާޅުވިއެވެ.

އާޒިމްވަނީ މިހާރު ފަށަން ތައްޔާރުވެފައިވާ ގިނަ ޕްރޮޖެކްޓްތަކެއް ހުރިކަންވެސް ފާހަގަކުރައްވާފައެވެ. މިގޮތުން އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓު ނުވަތަ މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމަށް އެކުލަވާލަންޖެހޭ ރިޕޯޓުގެ މަސައްކަތް ނިމުނުހާ އަވަހަކަށް މަސައްކަތް ފަށައިގަތުމަށްވެސް ގިނަ ޕްރޮޖެކްޓްތަކެއް ހުރިކަން އާޒިމް ފާހަގަކުރެއްވިއެވެ.

ބަނދަރުގެ ދަތިކަން ކުރިމަތިވެ ބައެއް ރަށްރަށަށް އަސާސީ ކާބޯތަކެތި ގެންދިޔުމަށް ދަތިވެ ބޯޓުތައް ފަޅުން ބޭރުގައި ބާއްވައިގެން ރަށްރަށަށް ކުދި ޑިންގީގައި ކާބޯތަކެތި ގެނެސް އެރުވި ދުވަސްތައް މާޒީވެފައިވާކަން ސަރުކާރުން ފާހަގަކުރައްވައެވެ. ރަށުގެ ފަޅު ކުޑަވުމުގެ ސަބަބުން މަސްވެރި ދޯނިތައް ފަޅުން ބޭރުގައި ބައިތިއްބަންޖެހުމާއި ފަޅުގެ ޖާގަނެތިގެން ރަށުގެ މަސްވެރިކަމުގެ ސިނާޢަތަށްވެސް އަސަރުކޮށް ކުރަމުން އައި ޝަކުވާއަށްވެސް ނިމުމެއް އައިސްފައިވާކަން ސަރުކާރުން ފާހަގަކުރެއެވެ.